އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
30 އޯގަސްޓު 2026 | އާދީއްތަ 10:09އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގުލައިގެން ގޮސް، އީރާނުގެ ވެރިކަން ނުވެއްޓި މަސްރަހު އިތުރަށް ގޯސްވުމުގެ ބިރު ވަނީ ބޮޑުވެފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ހުރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށާއި ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އަރަބި ގައުމުތަކުން މިހާރު ދަނީ އެމެރިކާއަށް ބަރޯސާނުވެ އަމިއްލަ ދިފާއީ އަދި އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ އިއްތިހާދުތައް އުފައްދަމުން

އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގި "އެޕިކް ފިއުރީ" އޮޕަރޭޝަނެއްގައި، އީރާނުގެ އެންމެ މަތީ ވެރިޔާ ދިރިއުޅުއްވާ ގެކޮޅުގައި އަވަހާރަކޮށްލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ތެހެރާންގެ އިންގިލާބީ މައިދާނަށް ޖަމާވެފައި. އީރާނުގެ ރޫހާނީ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލާފައިވަނީ 2026 ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު | ގެޓީ އިމޭޖަސް
އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، މިކަމުގެ ސަބަބުން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން އެއްބަސްވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެހެރާންގެ ވެރިކަން ވެއްޓިގެން ނުދާނެ އެވެ. އަދި މިއީ ވޮޝިންޓަނަށް ކަނޑައެޅިގެން ކާމިޔާބު ލިބޭނެ ހަނގުރާމައަކަށް ވުމުގެ ބަދަލުގައި، މިއީ ކުރިއެރުމެއް ނެތި ދިގުލައިގެންދާ، ދެފަރާތުގެ ބާރުތައް ކެނޑިގެންދާނެ ކުރިމަތިލުމަކަށް ވުން ގާތެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ކުއްލި ގޮތަކަށް ދޭން ފެށި ހަމަލާތަކާއެކު މި ހަނގުރާމަ ފެށުނުއިރު، އެމެރިކާގެ ލީޑަޝިޕުން އުންމީދުކުރީ އީރާނަށް ކުރިމަތިކުރާ އިގްތިސާދީ އަދި އަސްކަރީ ފިއްތުންތަކުގެ ސަބަބުން ތެހެރާންގެ ސިޔާސަތުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ނަމަވެސް ހަ މަސް ފާއިތުވެގެން ދިޔައިރު، އެ އުންމީދުތައް ހާސިލުނުވާނެކަން މިހާރު ވަނީ ސާފުވެފަ އެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކު މިހާރު ތައްޔާރުވަމުންދަނީ ދިގުލައިގެންދާ ހަނގުރާމައަކަށާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށެވެ.
އީރާނުން އާގުބޯޓުފަހަރަށް ދޭން ފެށި ހަމަލާތަކާއި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކުރުމާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ބޮޑުތަނުން މަދުވެފަ އެވެ. މީގެ ސަބަބުން ތެލަށް ބަރޯސާވާ އިގްތިސާދުތަކަށް އަދިވެސް ދަނީ އޭގެ ލޮޅުންތައް އަރަމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާ އަދިވެސް އޮތީ ފާއިތުވި ގިނަ އަހަރުތަކުގެ ތެރޭގައި އެ ސަރަހައްދު އެންމެ ބޮޑަށް އަސްކަރީ ބާރުތަކުން ފުރިފައިވާ ހާލަތުގަ އެވެ. ޖޫން މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރި ފަހުން ހަނގުރާމައިގެ ވަރުގަދަކަން ކުޑަވެފައިވީ ނަމަވެސް، ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތުމުން މުސްތަގުބަލާ މެދު އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ.
ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ނުތަނަވަސްކަން ފަދަ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. އިންޑިއާއާއި ޗައިނާ ފަދަ ބާރުތަކުގެ ނުފޫޒު ހުއްޓުމަކަށް ނައިސް މަޑުޖެހިފައިވާއިރު، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" މަޝްރޫއު މިހާރުވެސް ވަނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ފައިތިލަ ސާބިތުކޮށްފަ އެވެ. ޖުމްލަގޮތެއްގައި ބަލާއިރު، މުޅި ސަރަހައްދު އޮތީ ބަދަލުވަމުންދާ ހާލަތެއްގަ އެވެ. އަދި ބޭރުގެ ބާރުތަކާއެކު އޮންނަ ރަސްމީ އިއްތިހާދުތަކަކީ މިހާރު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމެއް ނޫނެވެ.
ތުރުކީއާއި، ޕާކިސްތާނާއި ސައުދީ އަރަބިއްޔާއިން ދާދިފަހުން މައްކާގައި ސޮއިކުރި ދިފާއީ އެއްބަސްވުމަކީ މި ސަރަހައްދުގައި ކުރިއަށް އޮތް ތަނުގައި ސޮއިކުރެވޭނެ މިފަދަ ގިނަ އަސްކަރީ އެއްބަސްވުންތަކުގެ ފެށުން ކަމަށް ބެލެވެ އެވެ.
ޗެތަމް ހައުސްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ޕްރޮގްރާމްގެ ޑިރެކްޓަރު ސަނަމް ވަކީލް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ކުރިންވެސް ހިނގަމުންދިޔަ ކަންކަން އަވަސްވެގެން ދިޔައީ އެވެ. ގަލްފުގެ ގައުމުތަކުން ކުރިންވެސް ދިޔައީ އެ ގައުމުތަކުގެ އިގްތިސާދު ސިންދަފާތު ކުރަމުންނެވެ. އަދި ގިނަ ގައުމުތަކުން ދިޔައީ އެމެރިކާގެ ސަލާމަތީ ކަށަވަރުކަމުގެ ބޭރުން ދިފާއީ ބައިވެރިވުންތައް ފުޅާކޮށް، އަމިއްލަ ދިފާއީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ އެޗް.އޭ ހެލިއާ ވިދާޅުވި ގޮތުގައި، މިއަހަރު އީރާނު ބަލިކޮށްލުމަށް ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ސަރަހައްދީ ގޮތުން އެންމެ ނުފޫޒުގަދަ ބާރަށް ވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
"ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތެހެރާންގެ ސަރުކާރު ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް،" ހެލިއާ އަލްޖަޒީރާއަށް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ހުރިހާ ކަމެއް މިހާރު އޮތް ގޮތަށް އޮވެ، ހަމައެކަނި އިގްތިސާދީ ފިއްތުންތައް އިތުރުކޮށްފިނަމަ، އޭގެ ސަބަބުން އީރާނުގެ ދައުލަތް ރޫޅިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެއީ މަސްތަކެއްގެ ވާހަކައެއް ނޫން ކަމަށާއި، އެއީ އަހަރުތަކެއް ނަގާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ސަރަހައްދީ ސިޓީތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ތެލުގެ އާމްދަނީ ބޭނުންކޮށްގެން އިގްތިސާދު ސިންދަފާތު ކުރުމަށާއި، އިންވެސްޓަރުންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި އޮތް ނަން ދެމެހެއްޓުމަށް ގަލްފުގެ ގައުމުތަކުން ކުރާ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.
ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ތެލާއި، ތެލުގެ އުފެއްދުންތަކާއި، ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފުލާ އުޅަނދުފަހަރަށް ވަނީ ތަކުރާރުކޮށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ހޫޘީން އާގުބޯޓުފަހަރަށް ހަމަލާދެމުންދިޔަ ބާބުލް މަންދަބް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ޖުލައި މަހު ވަނީ އިތުރަށް ނުރައްކާވެފަ އެވެ. އެއީ އީރާނާ ގުޅުން އޮންނަ ހޫޘީން ސައުދީ އަރަބިއްޔާއަށް ކަނޑުގެ މަގުން ދަތުރުކުރުން މަނާކުރާނެކަން އިއުލާނުކުރުމާ ގުޅިގެންނެވެ.
ގަލްފް ރިސާޗް ސެންޓަރުގެ ޗީފް އިކޮނޮމިސްޓް ޖޯން ސަފަކިއަނާކިސް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ގަލްފުގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓް ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކާ އެއްވަރަށް ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އަދި މިކަން މިގޮތަށް ހަ މަސް ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ގަލްފުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަތިތައް އިތުރަށް ގޯސްވަނީ، ތެލުގެ އަގު އުފުލުނު ނަމަވެސް، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ވެސް އުފުލެމުންދާތީ އެވެ. ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ އިތުރުން، ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް ވެސް ގަލްފުގެ ގައުމުތަކަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.
މިވަގުތަށް ބަލާއިރު، މި ހަމަނުޖެހުންތަކުގެ މެދުގައި ތާށިވެފައިވާ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ މި ހަލަބޮލިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދުމަށާއި، މީގެ ސަބަބުން ކުރިމަތިވާ ނަތީޖާތައް މެނޭޖްކުރުމަށެވެ.









