އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026 | ހޯމަ 04:58އިރާންގެ ފޮރިން މިނިސްޓްރީ އިން ބުނީ ލާރަކް ރަށަށް ދިން ހަމަލާ ފަށައި، އެ ހަމަލާ އަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދިނީ އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކުން ކަމަށް. ލާރަކް ރަށަށް ދިން ހަމަލާގައި އީރާންގެ ސިފައިންނާއި އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކު ޒަޚަމްވި ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނޭ


އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް
އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާންގެ ފޮރިން މިނިސްޓްރީ އިން ދީފި އެވެ.
އީރާންގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލާރަކް ރަށަށް އެމެރިކާ އިން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އުރުދުންގައި ހުންނަ އެމެރިކާގެ ހަނގުރާމަވެރި ބޭސްތަކަށް އީރާންގެ ސިފައިންގެ ބާރުން ހަމަލާ ދީފައިވާ ކަމަށެވެ.
މިނިސްޓްރީ އިން ބުނީ، ލާރަކް ރަށަށް ދިން ހަމަލާ ފަށައި، އެ ހަމަލާ އަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދިނީ އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކުން ކަމަށެވެ. ލާރަކް ރަށަށް ދިން ހަމަލާގައި އީރާންގެ ސިފައިންނާއި އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކު ޒަޚަމްވި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.
އީރާން އިން ބުނީ އެ ޤައުމުގެ ސަރަހައްދީ ހައިސިއްޔަތާއި ރައްޔިތުންގެ ސަލާމަތަށް ކުރިމަތިކުރުވާ ހުރިހާ ބިރުވެރިކަމަކާ ދެކޮޅަށް ދެމި އޮންނާނެ ކަމަށެވެ. އީރާންގެ ސަރަހައްދީ ބިންތަކަށް ދިން ހަމަލާ އަކީ، އެ ޤައުމުގެ ސިޔާދަތަށް ދިން ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް އީރާން އިން ވަނީ ބުނެފަ އެވެ.
ބައިނަލްއަޤުވާމީ މުޖުތަމައުގެ ފަރާތުން މި މައްސަލައިގައި ހަރަކާތްތެރިވުމަށް ވެސް އީރާން އިން ވަނީ ގޮވާލާފަ އެވެ. އީރާން އިން ބުނީ އެމެރިކާ އިން މި ސަރަހައްދުގައި ހިންގާ ހަނގުރާމަވެރި އަމަލުތައް ބައިނަލްއަޤުވާމީ މުޖުތަމައުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ހާލަތު އިތުރަށް ގޯސްވެގެން ދިޔުމުގެ ބިރު އޮތް ކަމަށް ބައިނަލްއަޤުވާމީ ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، އެކަމުގެ އަސަރު މުޅި ދުނިޔެ އަށް ކޮށްފާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
އީރާން އިން ބުނީ، އެ ޤައުމުގެ ސަރަހައްދީ ހައިސިއްޔަތާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެހެން ނަމަވެސް، ސުލްހަ އާއި ސަލާމަތަށް އިސްކަންދޭ ކަމަށާއި ހަނގުރާމައިގެ ބިރު އިތުރުކުރުމަށް އެ ޤައުމުން ބޭނުމެއް ނުވާ ކަމަށް ވެސް އީރާން އިން ބުނެފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










