އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
31 އޯގަސްޓު 2026 | ހޯމަ 04:55ސިފައިން ބުނި ގޮތުގައި މި ހަމަލާ އަކީ އެ ބޭސްގައި އެމެރިކާގެ ސިފައިން ތިބި ތަންތަނާއި ހެލިކޮޕްޓަރުތައް ބަހައްޓާފައި ހުރި ތަންތަނަށް ދިން ހަމަލާއެއް. އެ ބޭސްގައި ހުރި އެމެރިކާގެ ސިފައިންގެ މުހިންމު ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އީރާން އިން ބުނެފައިވޭ

އަލް މިންހަދު ބޭސް އަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާގެ ތެރެއިން | ސޯޝަލް މީޑިއާ
އީރާންގެ ސިފައިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ އެމެރިކާގެ އަލް މިންހަދު ބޭސް އަށް ހަމަލާދީފައިވާ ކަމަށް އީރާންގެ ސިފައިން ބުނެފި އެވެ.
އީރާންގެ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ބަޔާނެއްގައި ސިފައިންގެ އާންމު ގުޅުން ބެލެހެއްޓުމުގެ ޑިޕާޓްމަންޓުން ބުނީ، އެ ބޭސް އަށް ހަމަލާ ދިނުމަށް 10 އަކަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވާ ކަމަށާއި އެ ހަމަލާ ފަށާފައިވަނީ ހެނދުނު އިރު އެރި ވަގުތު ކަމަށެވެ.
ސިފައިން ބުނި ގޮތުގައި މި ހަމަލާ އަކީ އެ ބޭސްގައި އެމެރިކާގެ ސިފައިން ތިބި ތަންތަނާއި ހެލިކޮޕްޓަރުތައް ބަހައްޓާފައި ހުރި ތަންތަނަށް ދިން ހަމަލާއެކެވެ. އެ ބޭސްގައި ހުރި އެމެރިކާގެ ސިފައިންގެ މުހިންމު ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އީރާން އިން ބުނެފައިވެ އެވެ.
އަލް މިންހަދު ބޭސް އަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާގެ ތެރެއިން
އީރާންގެ ސިފައިން ބުނީ މި ހަމަލާ އަކީ އެމެރިކާ އިން އީރާންގެ ލާރަކް ރަށަށް ދިން ހަމަލާއެއްގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރިޖީސީ)ގެ މެންބަރުންނާއި އާންމު ރައްޔިތުން މަރުވި ހާދިސާގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ.
އީރާން އިން މި ހަމަލާ ދިނުމުން މެދުއިރުމަތީގެ ސަރަހައްދުގައި ނުރައްކާތެރި ހާލަތެއް މިހާރު ވަނީ އުފެދިފަ އެވެ. އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން މިހާރު އިތުރަށް ބޮޑުވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މާހިރުން އަންނަނީ ބުނަމުންނެވެ. އީރާން ދިން މި ހަމަލާއާ ގުޅިގެން އެމެރިކާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން ވެސް މި މައްސަލައިގައި އަދި އެއްވެސް ބަޔާނެއް ނެރެފައި ނުވެ އެވެ.
އަލް މިންހަދު ބޭސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ މުހިންމު ސިފައިންގެ ބޭސްއެކެވެ. އެ ބޭސްގައި އެމެރިކާގެ ސިފައިންނާއި އެހެނިހެން ބައިނަލްއަޤުވާމީ ސިފައިން ތިބި ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ. އީރާން އިން ދިން މި ހަަމަލާގައި ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










