ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި
31 އޯގަސްޓު 2026 | ހޯމަ 04:31އީރާންގެ ފާރްސް އަދި މެހެރު ނިއުސް އެޖެންސީ އިން އައިއާރުޖީސީގެ ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ދުރު ރާސްތާގެ އެމްކިއު-9 ޑްރޯން ވައްޓާލާފައި ވަނީ އީރާންގެ ވައިގެ ދިފާއީ ނިޒާމުން ދިން ހަމަލާއެއްގައި. މި ހަމަލާއަށް ފަހު އެ ޑްރޯން ވެއްޓިފައި ވަނީ ގަލްފް ސަރަހައްދުގެ ކަނޑުގެ ސަރަހައްދަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވޭ


އެމެރިކާގެ އެމްކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް | ސޯޝަލް މީޑިއާ
އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާގެ އެމްކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް ހުރްމުޒް ކަނޑުއޮޅި މަތިން ވައްޓާލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައި މިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އަނެއްކާ ވެސް އެއް ޤައުމުން އަނެއް ޤައުމަށް ހަމަލާތައް ބަދަލު ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާންގެ ފާރްސް އަދި މެހެރު ނިއުސް އެޖެންސީ އިން އައިއާރުޖީސީގެ ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ދުރު ރާސްތާގެ އެމްކިއު-9 ޑްރޯން ވައްޓާލާފައި ވަނީ އީރާންގެ ވައިގެ ދިފާއީ ނިޒާމުން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާއަށް ފަހު އެ ޑްރޯން ވެއްޓިފައި ވަނީ ގަލްފް ސަރަހައްދުގެ ކަނޑުގެ ސަރަހައްދަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްރަހު އަނެއްކާ ވެސް ހޫނުވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އީރާން އިން އެމެރިކާގެ އަސްކަރީ އުޅަނދަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެކެވެ. ހުރްމުޒް ކަނޑުއޮޅި އަކީ ބައިނަލްއަޤުވާމީ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދަކަށް ވުމާއެކު، މި ސަރަހައްދުގައި ހިނގާ މިފަދަ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވެސް އޭގެ އަސަރު ފޯރާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯން އަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި ހަމަލާ ދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ އެއް އުޅަނދެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަރުކާރުން ނުވަތަ ވައިޓް ހައުސް އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، މިފަދަ އަމަލުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
މަސްދަރު: އަލް ޖަޒީރާ










