ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ސްޓާމާ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި
2 ސެޕްޓެމްބަރު 2026 | ބުދަ 06:44ސްޓާމާގެ މި ނިންމެވުމާއެކު، އޭނާ 2015 ވަނަ އަހަރުން ފެށިގެން ތަމްސީލު ކުރައްވަމުން ގެންދެވި ލަންޑަންގެ ހޮލްބޯން އެންޑް ސެއިންޓް ޕެންކްރަސް ދާއިރާގެ ގޮނޑި ހުސްވާނެ. މިއީ ވެރިކަން ކުރާ ލޭބަރ ޕާޓީގެ ވަރުގަދަ ތާއީދެއް އޮންނަ ދާއިރާއަކަށް ވާއިރު، މި ގޮނޑި އަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވި ކިއާ ސްޓާމާ | ރޮއިޓާސް
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.
އަންގާރަ ދުވަހު ސްޓާމާ މިކަން އިއުލާނު ކުރެއްވީ، ބައިނަލްއަޤުވާމީ ކަންކަމަށް އިސްކަންދެއްވުމުގެ ގޮތުން މަޖިލީހުން ވަކިވެވަޑައިގަތުމަށް ނިންމެވުމަށްފަހު އެވެ.
ސްޓާމާގެ މި ނިންމެވުމާއެކު، އޭނާ 2015 ވަނަ އަހަރުން ފެށިގެން ތަމްސީލު ކުރައްވަމުން ގެންދެވި ލަންޑަންގެ ހޮލްބޯން އެންޑް ސެއިންޓް ޕެންކްރަސް ދާއިރާގެ ގޮނޑި ހުސްވާނެ އެވެ. މިއީ ވެރިކަން ކުރާ ލޭބަރ ޕާޓީގެ ވަރުގަދަ ތާއީދެއް އޮންނަ ދާއިރާއަކަށް ވާއިރު، މި ގޮނޑި އަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ އެވެ.
މިދިޔަ ޖުލައި މަހު ބޮޑު ވަޒީރު ކަމުން ވަކިވެވަޑައިގެންނެވި ސްޓާމާ މީގެ ކުރިން ވިދާޅުވެފައިވަނީ، 2029 ވަނަ އަހަރު ބާއްވާ އާންމު އިންތިޚާބާ ހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. ނަމަވެސް، އޭނާގެ ފަހުން ލޭބަރ ޕާޓީގެ ލީޑަރުކަމާ ހަވާލުވެ ވަޑައިގެންނެވި އެންޑީ ބާންހަމް މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަޤުރީރު ކުރެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ސްޓާމާ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފަ އެވެ.
މަޖިލީހުން ވަކިވެވަޑައިގަތުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބައިނަލްއަޤުވާމީ ކަންކަމަށާއި އަންހެނުން އަދި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަށް ސްޓާމާ ވިދާޅުވި އެވެ. ކޭމްޑަން ނިއު ޖާނަލް އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، ވޭތުވެދިޔަ 11 އަހަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށާއި މިއީ މަޤާމުން ވަކިވެވަޑައިގެން އައު ބޭފުޅަކަށް ފުރުސަތު ދެއްވަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
ސްޓާމާގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވަމުން އެންޑީ ބާންހަމް ވިދާޅުވީ، ސްޓާމާ އަކީ ޤައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ޔޫކްރެއިންގެ މައްސަލަ އާއި ސަރުކާރުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް އެކުލަވާލި "ހިލްސްބަރާ ލޯ" ފަދަ މުހިންމު މަސައްކަތްތައް ބާންހަމް ފާހަގަ ކުރެއްވި އެވެ. އަދި ލޭބަރ ޕާޓީ އަށް އެންމެ ނާކާމިޔާބު ދުވަސްވަރު ޕާޓީއާ ހަވާލުވެ ވަޑައިގެން، ބޮޑު ކާމިޔާބީއަކާ ހަމައަށް ޕާޓީ ގެންގޮސްދެއްވީ ސްޓާމާގެ ހިކުމަތްތެރި ލީޑަރޝިޕްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަޤުވާމީ ދާއިރާ އިން ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގެ އިތުރުން ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާ އިން މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ހުންނަވާކަން ސްޓާމާ ވަނީ ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ މަޖިލީހަށް އިންތިޚާބުވުމުގެ ކުރިން ވެސް ކުރައްވަމުން ގެންދެވި، އަދި އޭނާގެ ހިތާ ވަރަށް ގާތް މަސައްކަތެކެވެ.
ސްޓާމާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ލޭބަރ ޕާޓީ އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު އެވެ. ނަމަވެސް، ޕާޓީގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އޭނާ ވަނީ މިދިޔަ ޖުލައި މަހު ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މަސްދަރު: ބީބީސީ










