ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
24 އޯގަސްޓު 2026 | ހޯމަ 07:35މި ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު ބާންހަމް ވަނީ "ކޯލިޝަން އޮފް ދަ ވިލިންގް" ގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި. މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޔޫކްރެއިންގައި އަމިއްލަ އަށް ދުރު ރާސްތާގެ މިސައިލް އުފެއްދުމަށް ބޭނުންވާ އިނގިރޭސިވިލާތުގެ ބްލޫޕްރިންޓްތައް، ނުވަތަ ކުރެހުންތައް ޔޫކްރެއިން ސަރުކާރާ ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުން


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް ޔޫކްރެއިން އަށް ވަޑައިގެންނެވުމުގެ ތެރެއިން | ރޮއިޓާސް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެންޑީ ބާންހަމް ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ޔޫކްރެއިންގެ މިނިވަން ދުވަހާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިނގިރޭސިވިލާތުން ޔޫކްރެއިން އަށް ދޭ އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު ބާންހަމް ވަނީ "ކޯލިޝަން އޮފް ދަ ވިލިންގް" ގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި އެވެ. މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޔޫކްރެއިންގައި އަމިއްލަ އަށް ދުރު ރާސްތާގެ މިސައިލް އުފެއްދުމަށް ބޭނުންވާ އިނގިރޭސިވިލާތުގެ ބްލޫޕްރިންޓްތައް، ނުވަތަ ކުރެހުންތައް ޔޫކްރެއިން ސަރުކާރާ ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް ޔޫކްރެއިން އަށް ވަޑައިގެންނެވުމުގެ ތެރެއިން
މީގެ ސަބަބުން ބޭރުގެ އެހީ އަށް ބަރޯސާ ނުވެ، އަމިއްލަ ދިފާއުގައި ބޭނުން ކުރާނެ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ޔޫކްރެއިން އަށް ލިބިގެންދާނެ އެވެ.
ބޮޑު ވަޒީރުގެ މި ދަތުރުފުޅު މި ދަނޑިވަޅުގައި ކުރައްވާފައި މިވަނީ، ޔޫކްރެއިން އިން އިނގިރޭސިވިލާތުގެ ޑްރޯންތައް ބޭނުން ކުރަމުންދާތީ، އޭގެ ނަތީޖާ ހިތިވާނެކަމުގެ އިންޒާރު މިދިޔަ ހަފުތާގައި ރަޝިޔާ އިން ދީފައި ވަނިކޮށެވެ. ޔޫކްރެއިން އިން ދަނީ ފަހަކަށް އައިސް ރަޝިޔާގެ ވެރި ރަށް މޮސްކޯ އާއި އެހެނިހެން ސަރަހައްދުތަކަށް ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
މިގޮތުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި އެ ޤައުމުގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ގުދަންތަކަށް އަމާޒުކޮށް ޔޫކްރެއިން އިން ވަނީ ހަމަލާތައް ދީފައި އެވެ.
ބޮޑު ވަޒީރު ބާންހަމްގެ މި ދަތުރުފުޅާ ދިމާކޮށް ވެސް ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައި އެވެ. ރަޝިޔާގެ ދައުލަތުގެ މީޑިއާ "ޓާސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ހުޅަނގު ދެކުނު ސަރަހައްދަށް ދިން ހަމަލާތަކުގެ ސަބަބުން ދެ މީހަކު މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ޤައުމުގެ ސިފައިން ޔޫކްރެއިންގެ އޮޑެއްސާ ސަރަހައްދުގެ ބަނދަރުތަކާއި އުޅަނދު ފަހަރަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޔޫކްރެއިން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
ބޮޑު ވަޒީރު ބާންހަމްގެ މި ދަތުރުފުޅަކީ ޔޫކްރެއިންގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށާއި، ދިގު މުއްދަތަކަށް އެ ޤައުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު ހަރަކާތެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިން އަށް އައު ހިތްވަރެއް ލިބިގެން ދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މަސްދަރު: އަލް ޖަޒީރާ










