ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 08:51އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލި ލިސްޓުގައި ރަޝިޔާގެ ހަކަތައިގެ ދާއިރާއާ ގުޅުންހުރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފަށް ތެޔޮ އުފުލާ "ޝެޑޯ ފްލީޓް" ނުވަތަ، ސިއްރު އުޅަނދު ފަހަރުތައް ހިމެނޭ. މި ފިޔަވަޅު ތަކުގެ މައިގަނޑު މަޤުސަދަކީ، ރަޝިޔާގެ އިޤްތިޞާދަށް ވަންނަ ފައިސާ މަދުކޮށް، ހަނގުރާމަ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ޤައުމަށް އޮތް ފުރުސަތު ހަނި ކުރުން.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް. | ގެޓީ އިމޭޖަސް
ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން، އެ ޤައުމަށް ދޭ އެހީތެރިކަން ކަނޑާލުމަށްޓަކައި އިނގިރޭސިވިލާތުން އަޅަމުން އަންނަ ދަތި ކުުމުގެ ފިޔަވަޅު ތަކުގެ ދަށުން، 13 ފަރާތަކަށް އަލަށް ފިޔަވަޅު އަޅައިފި އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ފިޔަވަޅުތައް އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ހަނގުރާމައިގެ މެޝިނަށް އެހީތެރިވެދޭ ކުންފުނިތަކާއި، މުދާ އުފުލާ އުޅަނދު ފަހަރަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލި ލިސްޓުގައި ރަޝިޔާގެ ހަކަތައިގެ ދާއިރާއާ ގުޅުންހުރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފަށް ތެޔޮ އުފުލާ "ޝެޑޯ ފްލީޓް" ނުވަތަ، ސިއްރު އުޅަނދު ފަހަރުތައް ހިމެނެ އެވެ. މި ފިޔަވަޅު ތަކުގެ މައިގަނޑު މަޤުސަދަކީ، ރަޝިޔާގެ އިޤްތިޞާދަށް ވަންނަ ފައިސާ މަދުކޮށް، ހަނގުރާމަ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ޤައުމަށް އޮތް ފުރުސަތު ހަނި ކުރުމެވެ.
މި ފިޔަވަޅު ތަކުގެ ދަށުން ލިސްޓު ކުރެވުނު ކުންފުނި ތަކުގެ މުދަލާއި ފައިސާ، އިނގިރޭސިވިލާތުގައި ހުރި ނަމަ އެ ތަކެތި ހިފެހެއްޓޭނެ އެވެ. އަދި އިނގިރޭސިވިލާތުގެ އެއްވެސް ކުންފުންޏަކުން، ނުވަތަ ރައްޔިތަކު އެ ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުން މަނާ ވާނެ އެވެ. މީގެ އިތުރުން، ފިޔަވަޅު އެޅި އުޅަނދު ފަހަރު އިނގިރޭސިވިލާތުގެ ބަނދަރު ތަކަށް ވަނުން ވެސް މިހާރު ވަނީ މަނާ ކޮށްފައި އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައި ވަނީ، ރަޝިޔާ އިން ޔޫކްރެއިންގެ އިސްތިޤުލާލަށް އަރައިގަނެ ހިންގަމުންދާ އުދުވާން ހުއްޓައި ނުލަނީސް، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ބާޒާރުގައި ރަޝިޔާ އިން ނަހަމަ ގޮތުގައި ކުރާ ވިޔަފާރިތައް ހުއްޓުވުމަށް، އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ރަޝިޔާގެ ދިފާއީ ދާއިރާ އަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ސާމާނު ފޯރުކޮށްދޭ ބޭރުގެ ކުންފުނިތަކަށް ވެސް އިނގިރޭސިވިލާތުން ދަނީ ފާރަވެރިވަމުންނެވެ. މިފަހަރުގެ ލިސްޓުގައި ހިމެނޭ ބައެއް ކުންފުނި ތަކަކީ، ރަޝިޔާގެ އަސްކަރިއްޔާ އަށް ބޭނުންވާ މުހިންމު މުދާ ސަޕްލައި ކޮށްދިނުމުގައި ބައިވެރިވާ ފަރާތް ތަކެއް ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ތަކުން މައުލޫމާތު ދީފައިވެ އެވެ.
ރަޝިޔާ އިން ޔޫކްރެއިން އަށް އަރައިގަތް ފަހުން އިނގިރޭސިވިލާތުން ވަނީ މިހާތަނަށް 2،000 އަށް ވުރެ ގިނަ ފަރާތްތަކާއި، ކުންފުންޏަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި އެވެ. މީގެ ތެރޭގައި ރަޝިޔާގެ ސިޔާސީ އިސްވެރިންނާއި، މަހުޖަނުންގެ އިތުރުން ބޮޑެތި ބޭންކުތައް ވެސް ހިމެނެ އެވެ. މި ފިޔަވަ ޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާ ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާ ތަކުން ފާހަގަ ކުރެ އެވެ.
މަސްދަރު: އަލް ޖަޒީރާ










