ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް
27 އޯގަސްޓު 2026 | ބުރާސްފަތި 19:28ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އެ ގައުމުން ބުނި ނަމަވެސް، އެއީ ރާއްޖޭގެ ތާރީޚީ ހައްގުތައް ގެއްލޭނެ ސަބަބެއް ނޫން ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެފި. އެ ޖަމްއިއްޔާއިން ބުނާ ގޮތުގައި އިސްތިއުމާރީ ބާރުތަކުގެ ކުރިން ރާއްޖެއަށް އެ ސަރަހައްދުގެ މިލްކުވެރިކަން އޮތްކަމުގެ ހެކިތައް ހުރިއިރު، އެ ހައްގުތައް އުވިދިޔަ ގާނޫނީ އަސާސެއް އިނގިރޭސި ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ

އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާގެ މަގުތަކާއި އިމާރާތްތައް މަތިން ފެންނަ މަންޒަރެއް | އެލަމީ
ފޯޅަވަހި (ޗާގޯސް އާކިޕެލަގޯ) އާ ގުޅޭގޮތުން "ޕެން ފޯ ރައިޓްސް - މޯލްޑިވިއަންސް ފޯ ޗާގޯސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) އިން ރަސްމީކޮށް ޖަވާބު ދީފި އެވެ.
މި ޖަވާބަކީ 22 ޑިސެމްބަރު 2025 ގައި ފޮނުވި ސިޓީއަކާއި، އޭގެ ފަހުން 29 ޖޫން 2026 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީއަކާ ގުޅިގެން ދީފައިވާ ޖަވާބެއް ކަމަށް އެ ޖަމްއިއްޔާ އިން ވަނީ ހާމަކޮށްފަ އެވެ.
މި ޖަވާބުގައި އިނގިރޭސި ސަރުކާރުން ބުނެފައިވަނީ، "ޗާގޯސް އާކިޕެލަގޯ" ގެ ގޮތުގައި ނަންދީފައިވާ ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ، ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް "ބައިލޭޓަރަލް" ނުވަތަ ދޭދޭ ގައުމެއްގެ މައްސަލައެއް ކަމަށް އެފް.ސީ.ޑީ.އޯ އިން ދެކޭ ކަމަށެވެ.
އޭގެ އިތުރުން އެކި ކޯޓުތަކާއި، ނިންމުންތަކާއި، މުއައްސަސާތަކުން އެކަން ސާފުކޮށްދީފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ. މީގެ އިތުރުން، ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ. ގެ ކޮމިޓީ (ސީ.އީ.އާރް.ޑީ) އިން 2 ޑިސެމްބަރު 2025 ގައި ނިންމި ނިންމުމަށް އިނގިރޭސިވިލާތުން އިހުތިރާމް ކުރި ނަމަވެސް، އެ ކޮމިޓީން މި މައްސަލައިގައި ގެންގުޅުނު އުސޫލުތަކަށް އިނގިރޭސި ސަރުކާރުން އެއްބަސް ނުވާ ކަމަށްވެސް ޖަވާބުގައި ބުނެފައިވެ އެވެ.
"ޕެން ފޯ ރައިޓްސް" އިން ބުނެފައިވަނީ މި ނިންމުންތަކުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތުން މިހާރު ގެންގުޅޭ ސިޔާސަތު ސާފުވި ނަމަވެސް، "ޕެން ފޯ ރައިޓްސް" އިން އުފައްދާފައިވާ ތާރީޚީ ސުވާލުތަކަށް މީގެން ޖަވާބެއް ނުލިބޭ ކަމަށް އެ ޖަމްއިއްޔާ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.
ވިލާތުގެ އިސްތިއުމާރީ ބާރުތަކުން ފޯޅަވަހީގެ މައްޗަށް އަތްގަދަ ކުރުމުގެ ކުރިން، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނާ ދައުވާއަކާ މެދު ބައިނަލްއަގުވާމީ އެއްވެސް ކޯޓަކުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވާ ކަމަށް ވެސް ޖަމްއިއްޔާއިން ބުނެ އެވެ. އަދި ދިވެހިރާއްޖެއިން ވެސް މިފަދަ "ޑީކޮލޮނައިޒޭޝަން" ނުވަތަ އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވުމުގެ ދައުވާއެއް އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައެއްވެސް ނުވެ އެވެ.
ބައިނަލްއަގުވާމީ މަރުހަލާތަކުގައި ބަލާފައިވަނީ ކޮން ކަންތައްތަކެއް؟
އދ. ގެ އާންމު މަޖިލީހުގެ އެދުމަކަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރުނެވެ. އެ މައްސަލައިގައި ބަލާފައިވަނީ 1968 ވަނަ އަހަރު މޮރިޝަސް މިނިވަންވިއިރު، އެ ގައުމު އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވުމުގެ މަރުހަލާ ގާނޫނީ ގޮތުން ފުރިހަމަވެފައިވޭތޯ އެވެ. މި ސުވާލު އުފެދުނީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސްގެ އިސްތިއުމާރީ ބާރުގެ ދަށުން ފޯޅަވަހި ވަކިކުރުމާ ގުޅިގެންނެވެ. ކޯޓުން ނިންމީ މޮރިޝަސް މިނިވަންވުމުގެ މަރުހަލާ ގާނޫނީ ގޮތުން ފުރިހަމަ ނުވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ސަރަހައްދުން އިނގިރޭސި އިދާރީ ހިންގުން ނިމުމަކަށް ގެންނަންޖެހޭނެ ކަމަށެވެ. ކޯޓުން ބެލި މައުޟޫއު ވަރަށް ސާފެވެ. ކޯޓުން ބުނެފައިވަނީ އދ. ގެ އާންމު މަޖިލީހުން އެދުނީ "މޮރިޝަސް މިނިވަންވުމާ" ގުޅޭގޮތުން ކަމަށާއި، އެއީ ދެ ގައުމެއްގެ ދެމެދުގައި އޮތް ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއް ހައްލުކުރަން އެދުނު ލަފައެއް ނޫން ކަމަށް ޕެން ފޯ ރައިޓްސް އިން ދެކެ އެވެ.
ޕެން ފޯ ރައިޓްސް އިން ފާހަގަ ކުރި ގޮތުގައި އިސްތިއުމާރީ ބާރުތަކުގެ ކުރިން ދިވެހިރާއްޖެއަށް އޮތް މިލްކުވެރިކަމުގެ ސުވާލު ކޯޓަށް ހުށަހެޅިފައެއް ނުވެ އެވެ. ވިލާތުގެ އިސްތިއުމާރީ ބާރުތަކުގެ ކުރިން ފޯޅަވަހީގެ މިލްކުވެރިކަން ދިވެހިރާއްޖެއަށް އޮތްތޯ ކޯޓަކުން ނުބަލަ އެވެ. އަދި ވިލާތުގެ ބާރުތަކުން އެންމެ ފުރަތަމަ އެ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދި ގޮތެއްވެސް ކޯޓަކުން ދިރާސާއެއް ނުކުރެ އެވެ. މީގެ އިތުރުން، ރާއްޖެއަށް ކުރިން އޮތް މިލްކުވެރިކަމެއް ގާނޫނީ ގޮތުން އެހެން ފަރާތަކަށް ބަދަލުވިތޯ ނުވަތަ އުވިދިޔަތޯވެސް ކޯޓުން ކަނޑައަޅާފައެއް ނުވެ އެވެ. އެހެންކަމުން، އައި.ސީ.ޖޭގެ ލަފައަކީ މޮރިޝަސްއާ ގުޅޭގޮތުން ނެރުނު ނިންމުމަކަށް ވިޔަސް، އޭގެ މާނައަކީ ރާއްޖޭގެ ތާރީޚީ ހައްގުތައް އެއިން އުނިވުމެއް ނޫން ކަމަށް "ޕެން ފޯ ރައިޓްސް: އިން ބުނެފައިވެ އެވެ.
2021 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ސްޕެޝަލް ޗޭމްބަރުގައި ހިނގި މައްސަލައިގައި ބަލާފައިވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ އެވެ. ކޯޓުން ނިންމީ އައި.ސީ.ޖޭގެ ނިންމުންތަކަށް ބަލާއިރު ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ބެލެވިދާނެ ކަމަށެވެ. ނަމަވެސް، އެ މައްސަލައިގައި ރާއްޖެއިން ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރެ އެވެ. ރާއްޖެއިން އޭރު ފާހަގަކުރީ މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ސިޔާދަތީ ބާރުގެ ދެބަސްވުމެވެ. ރާއްޖެއިން ބުނީ އެ މައްސަލަ ހައްލުނުވަނީސް ކަނޑުގެ ސަރަހައްދު ވަކިނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން، މިހާތަނަށް ނިންމާފައިވާ ނިންމުންތަކަކީ މޮރިޝަސްއިން ހުށަހެޅި "ޑިކޮލޮނައިޒޭޝަން" ނުވަތަ މިނިވަންވުމުގެ ދައުވާއަށް ބާރުދޭ ނިންމުންތަކެކެވެ. މިއީ ރާއްޖެ އާއި މޮރިޝަސްގެ ތާރީޚީ މިލްކުވެރިކަމާ މެދު ކުރެވުނު ބަހުސެއް ނޫން ކަމަށް "ޕެން ފޯ ރައިޓްސް" އިން ދެކެ އެވެ. އިނގިރޭސިވިލާތަށް މޮރިޝަސްގެ މިނިވަންކަމާ ގުޅޭ ބައިނަލްއަގުވާމީ ނިންމުންތަކަށް ބުރަވެވިދާނެ އެވެ. ނަމަވެސް، އެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ތާރީޚީ ހައްގުތައް އުވިއްޖެ ކަމަށް ބުނާނަމަ، އެކަމަށް އެހެން ގާނޫނީ އަސާސެއް ބޭނުންވާނެ ކަމަށް ވެސް "ޕެން ފޯ ރައިޓްސް" އިން ދެކެ އެވެ.
ދިވެހިރާއްޖޭގެ ސުވާލު ފެށެނީ މާ ކުރިން
"ޕެން ފޯ ރައިޓްސް" އިން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަ ފެށެނީ މޮރިޝަސްގެ މައްސަލައިގައި ބެލި އިސްތިއުމާރީ ދުވަސްވަރަށްވުރެ މާ ކުރިން ކަމަށް ބުނެފައިވެ އެވެ. މީގެ އެންމެ މުހިންމު އެއް ހެއްކަކީ 16 ވަނަ ގަރުނުގެ ސުލްޠާން ޙަސަން ނުވަވަނައިގެ ލަގަބުފުޅުތަކުގައި "ފޯޅަވަހީގެ ހަތް ރަށް" (Seven Islands of Pullobay) އަށް ނިސްބަތްކުރައްވާފައިވާ ކުރުން ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ. އެހެން ނަމަވެސް "ޕުލޯބޭ" އަކީ ޖިއޮގްރަފީގެ ގޮތުން ފޯޅަވަހިކަން ތާރީޚީ ލިޔުންތަކުން ކަށަވަރުކުރަން ޖެހެ އެވެ. އަދި އެ ދުވަސްވަރުގެ ސިޔާސީ މަސްރަހަށް ބަލައި، ރަދުންގެ ލަގަބުފުޅުގައި އެ ރަށްތައް ހިމެނުމުގެ މުހިންމުކަން ދިރާސާކުރަން ޖެހެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އެހެން ތާރީޚީ ލިޔުންތަކާއި، ވިލާތުގެ ކުރީގެ ޗާޓުތަކުންވެސް މިކަމުގެ ހެކި ހޯދިދާނެ ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެފައިވެ އެވެ.
"ޕެން ފޯ ރައިޓްސް" އިން ބުނާ ގޮތުގައި މި ދިރާސާގައި ތާރީޚީ ގުޅުމާއި، ބިމުގެ މިލްކުވެރިކަމާ ދެމެދު ހުރި ތަފާތު ދެނެގަންނަން ޖެހެ އެވެ. ހަމައެކަނި ރަށެއްގެ ނަން އެނގުމަކީ މިލްކުވެރިކަން ސާބިތުވާ ކަމެއް ނޫނެވެ. ނަމަވެސް، ރަސްކަމުގެ ލަގަބުފުޅުތަކުގައި ހިމެނުމަކީ ވަރުގަދަ ހެއްކެކެވެ. އެންމެ މުހިންމު ކަމަކީ ސިޔާދަތީ ބާރު ހިންގާފައިވާކަމުގެ ހެކި ހޯދުމެވެ. ދިވެހި ރަސްރަސްކަލުން ފޯޅަވަހީގެ ރަށްތަކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައްލަވާފައިވާކަމުގެ ހެކިތަކާއި، ސަރުކާރުގެ ފަރާތުން އެތަނުގައި ބާރު ހިންގާފައިވާކަމުގެ ހެކިތަކަކީ މި ދައުވާ ވަރުގަދަވާނެ ކަންކަމެވެ.
ރާއްޖޭގެ ތާރީޚީ މިލްކުވެރިކަން ސާބިތުކުރެވިއްޖެނަމަ، އޭގެ ފަހުން އެ މިލްކުވެރިކަމަށް ވީގޮތެއް ބެލުން މުހިންމު ކަމަށާއި، ޕޯޗުގީޒުންނާއި، ޑަޗުންނާއި، ފަރަންސޭސިން އަދި އިނގިރޭސިންގެ ލިޔުންތަކުން، ވިލާތުގެ ބާރުތަކުން އެތަނުގެ މިލްކުވެރިކަން ދެނެގަނެފައިވާ ގޮތް ބަލަންޖެހޭ ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެ އެވެ. ފަރަންސޭސިވިލާތުން އެ ރަށްތަކުގެ މައްޗަށް ދައުވާކުރި ގާނޫނީ އަސާސާއި، އޭގެ ފަހުން އިނގިރޭސިން އެ ރަށްތައް އަތުލި ގޮތް ދިރާސާކުރަން ޖެހޭ ކަމަށް ވެސް "ޕެން ފޯ ރައިޓްސް" އިން ދެކެ އެވެ.
ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް ބާރުތައް ބަދަލުވުމަކީ ވިލާތުގެ ދެ ބާރުގެ ދެމެދުގައި ހިނގި ކަމެކެވެ. ނަމަވެސް، އޭގެ ކުރިން އޮތް ސިޔާދަތީ ބާރެއްގެ އަތުން ފަރަންސޭސިވިލާތަށް އެ ބާރު ލިބުނު ގޮތެއް އެއަކުން ސާފެއް ނުވާ ކަމަށާއި، އެއީ އެއްބަސްވުމެއްގެ ދަށުން ދޫކޮށްލި ތަނެއްތޯ، ނުވަތަ އޭރުގެ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމަކޮށްގެން ހޯދި ތަނެއްތޯ، ނުވަތަ އެއީ ފަޅުތަނެއްގެ ގޮތުގައި ބަލައި ވެރިވެގަތް ތަނެއްތޯ ލިޔެކިޔުންތަކުން ސާބިތުކުރަން ޖެހޭ ކަމަށް ވެސް "ޕެން ފޯ ރައިޓްސް" އިން ބުނެފައިވެ އެވެ.
އިނގިރޭސިވިލާތާ ކުރިމަތިވަނީ މާ ކުރީގެ ސުވާލަކާ
"ޕެން ފޯ ރައިޓްސް" އިން ބުނާ ގޮތުގައި އިނގިރޭސިވިލާތާ ކުރިމަތިކުރާ ސުވާލަކީ، ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއްގެ ގޮތުގައި ބަލާ ތާރީޚީ އަދި ގާނޫނީ އަސާސަކީ ކޮބައިތޯ އެވެ. އެފް.ސީ.ޑީ.އޯ އިން ވަނީ އެކި ކޯޓުތަކާއި ނިންމުންތަކަށް ހަވާލާދީފަ އެވެ. އެހެންކަމުން، ދެން ދޭ ޖަވާބެއްގައި އެއީ ކޮން ނިންމުންތަކެއްކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއިން އެއްވެސް ނިންމުމެއްގައި ރާއްޖޭގެ ތާރީޚީ ދައުވާއަކަށް ބަލާފައިވޭތޯ އާއި، ރާއްޖޭގެ ހައްގުތައް ބެލުން ހުއްޓުވާ އެއްވެސް ގާނޫނީ ހުރަހެއް އޮތްތޯ ބުނެދޭން ޖެހޭނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެ އެވެ.
އިނގިރޭސިވިލާތަށް އޮތް އަނެއް ސުވާލަކީ، ވިލާތުގެ އިސްތިއުމާރީ ދުވަސްވަރު ފެށުނުއިރު ރާއްޖޭގެ އެއްވެސް ހައްގެއް ނެތް ކަމަށް ދެކޭނަމަ، އެ ހައްގުތައް އުވިދިޔައީ ކޮން އިރަކު، ކޮން ގާނޫނީ މަރުހަލާއެއްގެ ތެރެއިންތޯ އެވެ. "ޕެން ފޯ ރައިޓްސް" ގެ މައިގަނޑު ސުވާލަކީ: ވިލާތުގެ އިސްތިއުމާރީ ބާރުތަކުގެ ކުރިން ފޯޅަވަހީގެ ރަށްތަކަކީ ރާއްޖޭގެ ބައެއް ކަމުގައިވާނަމަ، އެ މިލްކުވެރިކަން އުވިދިޔައީ ކޮން އިރަކު، ކޮން ގާނޫނީ އުސޫލަކުން ހެއްޔެވެ؟ އެފް.ސީ.ޑީ.އޯގެ ޖަވާބުގައި މި ސުވާލަށް ބަލާފައެއް ނުވެ އެވެ.
އެހެންކަމުން، "ޕެން ފޯ ރައިޓްސް" އިން މިހާރު ވަނީ އެފް.ސީ.ޑީ.އޯ އަށް ރައްދު ސިޓީއެއް ތައްޔާރުކޮށްފަ އެވެ. އެ ސިޓީގައި އެދިފައިވަނީ އިނގިރޭސި ސަރުކާރުން ބުރަވާ ގާނޫނީ ނިންމުންތައް ސާފުކޮށްދިނުމަށާއި، ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމާ މެދު އެ ގައުމުން ގެންގުޅޭ ގާނޫނީ އަސާސަކީ ކޮބައިކަން ބުނެދިނުމަށެވެ.
އދ. އަށް ހުށަހަޅާ ރާއްޖޭގެ މައްސަލަ ތަފާތުވާނެ
"ޕެން ފޯ ރައިޓްސް" އިން ފާހަގަކުރާ ގޮތުގައި ފޯޅަވަހީގެ މައްސަލައިގައި، ރާއްޖެއިން އަދި އދ. ގެ "ޑިކޮލޮނައިޒޭޝަން" މަރުހަލާއަކަށް ގޮސްފައެއް ނުވެ އެވެ. ކުރިމަގުގައި އދ. ގެ އާންމު މަޖިލީހަށް މިފަދަ މައްސަލައެއް ހުށަހަޅާނަމަ، އެކަމަށް އަމިއްލަ ތާރީޚީ ހެކިތަކާއި ގާނޫނީ އަސާސްތަކެއް ބޭނުންވާނެ އެވެ. މޮރިޝަސްގެ މައްސަލަ ފެށުނީ 1965 ގައި އިނގިރޭސިން ފޯޅަވަހި ވަކިކުރި ހިސާބުންނެވެ. ނަމަވެސް ރާއްޖޭގެ މައްސަލަ ފެށޭނީ އޭގެ މާ ކުރިން ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ. އެއީ ފޯޅަވަހީގެ ރަށްތަކަކީ ކުރިން ރާއްޖޭގެ ބައެއްތޯ އާއި، ވިލާތުގެ އިސްތިއުމާރީ ބާރުތަކުގެ ސަބަބުން އެ ގުޅުމަށް ބަދަލު އައީ ކިހިނެއްތޯ ބެލުމެވެ.
އިތުރަށް ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމުގެ ހެކި ހުރިނަމަ، އެންމެ ފުރަތަމަ އުފެދޭނެ ސުވާލަކީ ތާރީޚީ ދިރާސާ ފަށަންޖެހޭ "ޓެރިޓޯރިއަލް ޔުނިޓް" ނުވަތަ ބިމުގެ އިންތަކަކީ ކޮބައިތޯ އެވެ. މިފަދަ ދައުވާއަކަށް ވިލާތުގެ ބާރުތަކުގެ ކުރިން ރާއްޖޭގެ މިލްކުވެރިކަން އޮތްކަމުގެ ވަރުގަދަ ހެކި ބޭނުންވާނެ އެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމައްޗަށް ރާއްޖޭގެ މިފަދަ ހެކިތަކެއް މިހާތަނަށް ހުށަހަޅާފައެއް ނުވެ އެވެ.
އެހެންކަމުން، ކުރިމަގުގައި އދ. އަށް ހުށަހަޅާނެ މައްސަލައަކީ އޭގެ ޒާތުގައި ތަފާތު ހަގީގަތްތަކެއްގެ މައްޗަށް ބިނާވާނެ ކަމެއް ކަމަށާއި، އެއީ އައި.ސީ.ޖޭ އިން މޮރިޝަސްގެ މައްސަލައިގައި ނިންމި ނިންމުން ގޯސްކަމަށް ބުނުމެއް ނޫން ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ. ރާއްޖޭގެ މައްސަލައިގައި އެދޭނީ މާ ކުރީގެ ތާރީޚީ ދުވަސްވަރަކަށާއި ތަފާތު ގުޅުމަކަށް ބަލައިދިނުމަށެވެ. މީގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ލަފާކުރަން ނޭނގުނަސް، މިއީ 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލައާ މުޅިން ތަފާތު މައުޟޫއެއް ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެ އެވެ.
ސީ.އީ.އާރް.ޑީ ގެ އުސޫލުތަކަށް އިނގިރޭސިވިލާތުން އިންކާރުކުރުން
ސީ.އީ.އާރް.ޑީ އަށް އެފް.ސީ.ޑީ.އޯ އިން ދިން ޖަވާބަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެ ސިޓީގައި، 2 ޑިސެމްބަރު 2025 ގެ ނިންމުމަށް އިނގިރޭސިވިލާތުން އެއްބަސްނުވާކަން ވަނީ ހާމަކޮށްފަ އެވެ. އިނގިރޭސި ސަރުކާރުން ބުނަނީ ފޯޅަވަހީގައި ދާއިމީ އާބާދީއެއް ނެތް ކަމަށާއި، އެތަނަކީ ދުވަހަކުވެސް އަމިއްލަ ވެރިކަމެއް ހިންގި ތަނެއް ނޫން ކަމަށެވެ. އެހެންކަމުން، އެތަނުގެ އާބާދީއަށް "ސެލްފް-ޑިޓާމިނޭޝަން" ނުވަތަ އަމިއްލަ ގޮތް ނިންމުމުގެ ހައްގު އޮތް ކަމުގެ ސުވާލެއް ނުއުފެދޭ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.
އެފް.ސީ.ޑީ.އޯ ގެ ޖަވާބަށްފަހު ދެން އޮތީ ކޮން ކަމެއް؟
އެފް.ސީ.ޑީ.އޯގެ ސިޓީއަކީ މުހިންމު ކުރިއެރުމެއް ކަމަށް "ޕެން ފޯ ރައިޓްސް" އިން ދެކެ އެވެ. ސަބަބަކީ އިނގިރޭސިވިލާތުން މިހާރު ވަނީ ރަސްމީކޮށް "ޕެން ފޯ ރައިޓްސް" އަށް ޖަވާބުދީފަ އެވެ. ސިޔާދަތީ ބާރާ މެދު އެ ގައުމުން ގެންގުޅޭ ސިޔާސަތާއި، ސީ.އީ.އާރް.ޑީ ގެ ނިންމުމަށް އިންކާރުކުރާކަން މިހާރު ވަނީ ރަސްމީ ލިޔުމުން ފެންނާށެވެ. މިއީ ގާނޫނީ އަދި ޑިޕްލޮމެޓިކް މަރުހަލާގެ ދެން އޮތް ފިޔަވަޅުތަކަށް ލިބުނު ކުރިއެރުމެއް ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި، ރާއްޖެއަށް މިހާރު އޮތް އެންމެ މުހިންމު މަސައްކަތަކީ ތާރީޚީ ހެކިތައް ވަރުގަދަކުރުމެވެ. އެގޮތުން "ޕުލޯބޭ" އަކީ ކޮބައިކަމާއި އޭގެ މުހިންމުކަން ސާބިތުކޮށްދޭން ޖެހެ އެވެ. ސުލްޠާން ޙަސަން ނުވަވަނައިގެ ލަގަބުފުޅުތަކާއި، ރާއްޖޭގެ އަދި ވިލާތުގެ އެހެން ލިޔުންތައް ދިރާސާކުރަން ޖެހެ އެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ދައުވާތައް އުފެދުނު ގޮތް އަލުން ބަލަންޖެހެ އެވެ. ބޭނުމަކީ ގާނޫނީ އަދި ތާރީޚީ ގޮތުން ގޮންޖަހާނުލެވޭނެ ފަދަ މިލްކުވެރިކަމުގެ ހެކިތަކެއް އެކުލަވާލުން ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
އޭގެ ފަހުން، އިނގިރޭސިވިލާތުން އެ ހެކިތަކަށް ސީދާ ޖަވާބުދާރީވާން ޖެހޭނެ އެވެ. ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްގެ މައްސަލައެއް ކަމަށް ބުނާނަމަ، ރާއްޖޭގެ ތާރީޚީ ހައްގުތައް ބޭރުކޮށްލެވޭ ގާނޫނީ އަސާސެއް ދައްކަން ޖެހޭނެ ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެފައިވެ އެވެ. އަދި ކުރިން އެފަދަ ހައްގެއް އޮވެފައި ފަހުން އުވިދިޔަ ކަމަށް ބުނާނަމަ، އެކަން ހިނގި ގޮތް ބުނެދޭން ޖެހޭނެ ކަމަށާއި މޮރިޝަސްއިން އެ ގައުމުގެ މައްސަލަ އދ. އަށް ހުށަހަޅައިގެން ބައިނަލްއަގުވާމީ ނަތީޖާއެއް ހޯދިކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން ފޯޅަވަހީގެ ތާރީޚީ މިލްކުވެރިކަމުގެ މައްސަލަ އަދި އެއްވެސް ބައިނަލްއަގުވާމީ އިދާރާއަކަށް ހުށަހަޅާފައި ނުވާ ކަމަށް "ޕެން ފޯ ރައިޓްސް" އިން ބުނެފައިވެ އެވެ.











