ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
12 އޯގަސްޓު 2026 | ބުދަ 06:58އިނގިރޭސިވިލާތުގެ ޗީވްނިންގ ފެލޯޝިޕްތަކުގެ ފެންވަރު މުރާޖަޢާކުރުމަށާއި ވަސީލަތްތަކުގެ ދަތިކަމާ ހުރެ، ރާއްޖޭގެ ނޫސްވެރިންނަށް ވެސް ފުރުޞަތު އޮންނަ "އެސް.އޭ.ޖޭ.ޕީ" ހިމެނޭހެން ބައެއް ޕްރޮގްރާމްތައް 2027 ވަނަ އަހަރަށް މެދުކަނޑާލަން ނިންމައިފި. ބަޖެޓަށް އަންނަ ބަދަލުތަކާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ޗީވްނިންގ ސްކޮލަރޝިޕް ފުރުޞަތުތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައި. ނަމަވެސް، އެއް އަހަރުގެ މާސްޓަރސް ޑިގްރީ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވެސް ލިބޭ

ޗީވެނިންގ ސްކޮލަރޝިޕް ރާއްޖޭގެ ދަރިވަރަކަށް ހަވާލުކުރަނީ | ބްރިޓިޝް ހައިކޮމިޝަން
ދިވެހިންނަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުގެ ސަރުކާރުން ދެމުންގެންދާ ޝަރަފުވެރި "ޗީވްނިންގ" ޕްރޮގްރާމްގެ ދަށުން، ހުޅުވާލާ ކުރު މުއްދަތުގެ ފެލޯޝިޕްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފި އެވެ. ޚަރަދު ކުޑަކުރުމަށާއި ވަސީލަތްތަކުގެ ދަތިކަމާ ހުރެ، 2027-28 ވަނަ އަހަރަށް މެދުކަނޑާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި "ޗީވްނިންގ ރިސާޗް، ސައިންސް އެންޑް އިނޮވޭޝަން ލީޑަރޝިޕް ފެލޯޝިޕް" (ކްރިސްޕް) އާއި، "ޗީވްނިންގ ސައިބަރ ސެކިއުރިޓީ ފެލޯޝިޕް" ގެ އިތުރުން "ޗީވްނިންގ ސައުތު އޭޝިއާ ޖާނަލިޒަމް ޕްރޮގްރާމް" (އެސް.އޭ.ޖޭ.ޕީ) ހިމެނެ އެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވި ފަރާތްތަކުން ހާމަކުރި ގޮތުގައި، "ޗީވްނިންގ ކްރިސްޕް" އަދި "ޗީވްނިންގ ސައިބަރ ސެކިއުރިޓީ ފެލޯޝިޕް" އެއް އަހަރަށް މެދުކަނޑާލީ ފެލޯޝިޕްތަކުގެ ފެންވަރު މުރާޖަޢާކޮށް އިތުރަށް ވަރުގަދަކުރުމަށެވެ. އިންޑިއާގައި މި ޕްރޮގްރާމް ހިންގާ އިސްވެރިޔާ ވިދާޅުވި ގޮތުގައި، އިންޑިއާގެ ދެވަނަ އަދި ތިންވަނަ ދަރަޖައިގެ ސިޓީތަކުން ހޮވޭ ކުދިންގެ ނިސްބަތް 40 އިންސައްތައާ ގާތްކުރެ އެވެ. އޮކްސްފޯޑް ޔުނިވަރސިޓީގައި ހިންގާ "ކްރިސްޕް" ފެލޯޝިޕަކީ ސައިންސްވެރިންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިންނަށް ޚާއްޞަ 12 ހަފުތާގެ ޕްރޮގްރާމެކެވެ. އިނގިރޭސިވިލާތުގެ ޑިފެންސް އެކަޑަމީގެ ބައެއް ކަމަށްވާ ކްރޭންފީލްޑް ޔުނިވަރސިޓީގައި ހިންގާ ސައިބަރ ސެކިއުރިޓީ ފެލޯޝިޕަކީ 10 ހަފުތާގެ ޕްރޮގްރާމެކެވެ. އަދި ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރގައި ހިންގާ "އެސް.އޭ.ޖޭ.ޕީ" އަކީ ނޫސްވެރިންނަށް ޚާއްޞަ 8 ހަފުތާގެ ޕްރޮގްރާމެކެވެ.
"ދަ ހިންދޫ" ނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބްރިޓިޝް ހައި ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވީ، މި ޕްރޮގްރާމްތަކަކީ ބައިވެރިންނަށާއި ބައިވެރިވާ މުއައްސަސާތަކަށް އެންމެ ފައިދާހުރި ގޮތެއްގައި ކުރިއަށްދާ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މިހާރު މުރާޖަޢާކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބައެއް ޕްރޮގްރާމްތައް 2027 ވަނަ އަހަރު މެދުކަނޑާލާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ. އަދި ޔުނިވަރސިޓީގައި ވަސީލަތްތަކުގެ ދަތިކަން ހުރުމުގެ ސަބަބުން "އެސް.އޭ.ޖޭ.ޕީ" ޕްރޮގްރާމް 2027 ވަނަ އަހަރު މެދުކަނޑާލި ނަމަވެސް، 2028 ވަނަ އަހަރު އެ ޕްރޮގްރާމް އަލުން ފަށާނެ ކަމަށް ބެލެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
"ކްރިސްޕް" ފެލޯޝިޕަކީ އިންޑިއާ އާއި ސްރީލަންކާގެ ބައިވެރިންނަށް ޚާއްޞަ ޕްރޮގްރާމެކެވެ. ސައިބަރ ސެކިއުރިޓީ ފެލޯޝިޕް އިންޑިއާގެ އިތުރުން ވެސްޓަން ބޯލްކަންސްގެ ގައުމުތަކަށް ހުޅުވާލާފައިވާއިރު، "އެސް.އޭ.ޖޭ.ޕީ" އަކީ އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ދިވެހިރާއްޖޭގެ ނޫސްވެރިން އެއްތަންކޮށްދޭ ތަފާތު ޕްރޮގްރާމެކެވެ. ޗީވްނިންގ ޓީމުން މިހާރު ދަނީ "ކްރިސްޕް" އަދި ސައިބަރ ސެކިއުރިޓީ ފެލޯޝިޕަށް އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ސެޕްޓެމްބަރުން ނޮވެމްބަރަށް ކުރިއަށްދާ "ޗީވްނިންގ ގުރުކުލް ފެލޯޝިޕް" އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ހާމަކުރާނެ ކަމަށް މަޢުލޫމާތު ލިބެ އެވެ. އޮކްސްފޯޑް ޔުނިވަރސިޓީގައި ހިންގާ މި ފެލޯޝިޕަކީ ސަރުކާރާއި، މީޑިއާ އަދި މަދަނީ ޖަމިއްޔާތައް ހިމެނޭހެން އެކި ދާއިރާތަކުން އިންޑިއާގެ ފަންނީ ފަރާތްތަކަށް ހުޅުވާލާ 12 ހަފުތާގެ ޕްރޮގްރާމެކެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ 2023 ވަނަ އަހަރު ޕާލަމެންޓަށް ހުށަހެޅުއްވި ކަރުދާހެއްގައިވާ ގޮތުން، ކުންފުނިތަކާއި ޔުނިވަރސިޓީތަކުގެ އެހީގައި ޗީވްނިންގ ޕްރޮގްރާމަށް އަހަރަކު 6 އާއި 7 މިލިއަން ޕައުންޑާ ދެމެދުގެ ޢާމްދަނީއެއް ލިބެއެވެ. މިއީ ސްކޮލަރޝިޕް ލިބޭ ކުދިންގެ 22 އިންސައްތަ ޚަރަދެވެ. 1983 ވަނަ އަހަރު ފެށި ޗީވްނިންގ ސްކޮލަރޝިޕްގެ އިތުރު ފުރުޞަތެއްގެ ގޮތުގައި ފެލޯޝިޕްތައް ތަޢާރަފުކުރީ 2004 ވަނަ އަހަރެވެ. އިނގިރޭސިވިލާތުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ 2027-28 ވަނަ އަހަރުގެ ޗީވްނިންގ ސްކޮލަރޝިޕަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ޕްރޮގްރާމްތަކަކީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް އިނގިރޭސިވިލާތުން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2010 ވަނަ އަހަރު ބަޖެޓުން 10 މިލިއަން ޕައުންޑް އުނިކުރުމާ ގުޅިގެން 2010-11 ވަނަ އަހަރުގެ ބައެއް ސްކޮލަރޝިޕްތައް މެދުކަނޑާލަން ޖެހުނެވެ. 2017-18 ވަނަ އަހަރު 1,650 ސްކޮލަރޝިޕް ދީފައިވީ ނަމަވެސް، އޭގެ ފަހުން މި އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2020-21 ގައި 1,630 ފުރުޞަތު، 2021-22 ގައި 1,396 ފުރުޞަތު، 2022-23 ގައި 1,359 ފުރުޞަތު، 2023-24 ގައި 1,332 ފުރުޞަތު އަދި 2024-25 ގައި ދީފައިވަނީ 1,401 ސްކޮލަރޝިޕެވެ.











