ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
3 އޯގަސްޓު 2026 | ހޯމަ 13:50ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، އެތަން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމަށް އެމަނިކުފާނު ތާއީދުކުރައްވާތީ ސިޔާސަތުގެ ފުށުއެރުންތަކެއް ހުރިކަން ސާފުކޮށް ފެނޭ. މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް ސަރުކާރުން ކުރާ ކަމެއް ވެސް އަދި ނުކުތް އަމަލީ ނަތީޖާއެއްވެސް ނުފެނި، ދައުރު ދެބައިވެ ބޮޑުވެގެން ދިއުމުން މިއީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ދައްކަވާ ވާހަކަފުޅުތަކެއްކަން މިދަނީ ސާފުކޮށް ފެންނަމުން

އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާގެ މަގުތަކާއި ބައެއް އިމާރާތްތައް މަތިން ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް
ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ވެރިކަމަށް ވަޑައިގަތީންސުރެ އެވަހާކަ އެކިއެކި ތަންތަނުގައި ދައްކަވަމުން އެބަގެންދަވަ އެވެ. މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުއްވި ޖަލްސާގައި ވެެސް އެވާހަކަ ދެއްކެވި އެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވެސް ހަމަ އެހާ ޖޯޝުގައި އެވާހަކަ ދައްކަވައިފި އެވެ. އެންމެ ފަހުން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.)ގެ "ނޭޝަން ޗެޓް"ގެ ތިންވަނަ ޕްރޮގްރާމްގައި ވެސް އެވާހަކަ ދައްކަވައިފި އެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމް ގައި މުއިއްޒު ވިދާޅުވީ، ފޯޅަވައްސަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިންގެ ތަނެއް ކަމުގަ އެވެ.
"އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނޭ. އެތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެކޭ. ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން އެއީ ފެންނާން އޮތް ޙަޤީޤަތެއް."
އެއާ އެކުއެކީގައި ރައީސް މުއިއްޒު މި ވިދާޅުވަނީ، އެއީ ދިވެހިންގެ ތަނެއް ކަމަށް ވިޔަސް އިނގިރޭސިންގެ އަތްދަށުގައި އޮތުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.
"އެ ތަނަކީ އިނގިރޭސީންގެ ދަށުގައި އޮތް ތަނަކަށްވާއިރުގައި، އެތަން އެހެން ޤައުމަކަށް ދޫކޮށްލާ ވާހަކަ ދައްކަން ފެށީމާ، އަޅުގަނޑު މި ވާހަކަ މި ފާހަގަކުރީ..... އެއްވެސް އެހެން ޤައުމަކަށް އެތަން ދޫކޮށްލާނަމަ، އެތަން ދޫކޮށްލެވެންޖެހޭނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށޭ."
މިކަމުގައި އެންމެ ބޮޑު ހައިރާން ކަމެއް ލިބެނީ މި ވިދާޅުވާ އެއްޗަކުންނެވެ. އެއްކޮޅުން އެ ވިދާޅުވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެއީ ދިވެހިންގެ ތަނެއް ކަމުގަ އެވެ. އަދި އެއީ ދިވެހިންގެ ތަނެއް ކަމީ ފެންނަން އޮތް ހަގީގަތެއް ކަމުގަ އެވެ. އެހެން ކަމުން، ދިވެހިންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ދިވެހިންގެ އިމުން ޒައްރެއްގެ މިންވަރުވެސް އިނގިރޭސިންގެ އަތްދަށުގައި އޮންނަން މި ޖެހެނީ ކީއްވެހެއްޔެވެ؟ އެއީ އެތަން އިނގިރޭސިންނާ ހަވާލު ކޮށްގެން މި އުޅެނީ ދިވެހިރާއްޖެ އިން ހެއްޔެވެ؟ ދިވެހިރާއްޖެ އާ އިނގިރޭސިންނާ ހެދި އެއްބަސްވުމެއްގެ ދަށުން އެތަން އިނގިރޭސިންގެ އަތުގައި އޮތް ނަމަ އެންމެ ރަނގަޅެވެ. އެއްބަސްވުމަށް އިހުތިރާމު ކުރުމުގެ ގޮތުން އެކަން އެހެން ކުރަންވީ އެވެ.
ހަގީގަތަކީ އެއީ އެއް ނޫނެވެ. އިނގިރޭސިންގެ އަތްދަށުގައި ފޯޅަވަހި އޮންނަން ޖެހުނީ "ޓްރީޓީ އޮފް ޕެރިސް" ގެ ދަށުން ފަރަންސޭސި ވިލާތުން މޮރިޝަސް ހިމެނޭ ގޮތަށް މި ރަށްތައް އިނގިރޭސިވިލާތާ ހަވާލު ކުރުމުންނެވެ. އަދި ފަހުން މޮރިޝަސް އަށް މިނިވަންކަން ދިނުމަށް ޗާގޯސް މޮރިޝަސް އާ ވަކިކޮށް ވަކި އިދާރީ ދާއިރާ އެއްގެ ގޮތުގައި ހިންގަން ފެށުމުންނެވެ. ދިވެހިންގެ ތަނެއް ފަރަންސޭސިން އިނގިރޭސިވިލާތާ ހަވާލު ކުރުމުން އެކަން މުއިއްޒު ގަބޫލު ކުރެއްވީ ކީއްވެގެން ހެއްޔެވެ؟ އެއީ އެކަން ވެގެންވާނެ ގޮތެއް ނޫނެވެ. ހަގީގަތުގައި އިނގިރޭސިންގެ އަތްދަށުން މިނިވަންކޮށް ދިވެހިރާއްޖެ އަށް ޖެހޭނީ ލިބެން ނޫންތޯ އެވެ.
ކަން ހިނގާފައިވާ ގޮތަށް އިތުރަށް ބަލާއިރު، އިނގިރޭސިވިލާތުން އަނބުރާ މޮރިޝަސް އާ ޗާގޯސް ހަވާލު ކުރަން ޖެހޭނެ ކަން 2019 ވަނަ އަހަރު ނިންމީ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިންނާއި އަދި 2021 ވަަނަ އަހަރު އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޯޯރ ދަ ލޯ އޮފް ދަ ސީ އިން ނެވެ.
ބައިނަލްއަގްވާމީ ކޯޓުތަކަށް ފޯޅަވަހީގެ މައްސަލަ ހުށަހެޅިއިރު އެކަން ދިވެހިރާއްޖޭގައި އޭރު އޮތް ސަރުކާރަށް ނޭނގެނީބާވަ އެވެ؟ ޔަގީނުންވެސް އޭރު ދިވެހިރާއްޖެ ވެސް އޮތެވެ. މިތަނުގައި ހިނގަމުންދިޔަ ސަރުކާރުތައް ވެސް އޮތެވެ. މިހާރު މިކަމުގައި ގައުމީ ރޫހުގައި ވާހަކަފުޅު ދައްކަވާ ރައީސް މުއިއްޒު އަދި ވެރިކަމުގައި ނެތެއް ކަމަކު މައްސަލަ ހުށަހެޅި އިރު ހުންނެވީ ކޮން ހިސާބެއްގައިތޯ ވެސް އެއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. އެކަމުގެ ތެރެއަށް އޭރު އޮތް ސަރުކާރުތަކުން ތަދައްހުލު ނުވީ ކީއްވެތޯ އެމަނިކުފާނު އެއްސެވިބާވަ އެވެ؟ ނޫންނަމަ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީފުޅު ފެނިވަޑައިގަތީ ވެރިކަމަށް ވަޑައިގަތް ފަހުން ބާވަ އެވެ؟ ހައްތާވެސް އުފެދޭ ސުވާލެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ފޯޅަވަހީގެ މައްސަލަ ހިނގަމުން ދިޔައިރު ދިވެހި ރާއްޖެއިން އެކަމުގެ ތެރެއަށް ވަދެފަ އެއް ނެތެވެ.
އެހެން ވިޔަސް އިނގިރޭސިންގެ އަތްދަށުގައި ފޯޅަވަހި އޮވެގެން އަދި މައްސަލަ ނިމިގެން ނުވާނެތާ އެވެ. އެއީ ޝައްކެއްނެތި ދިވެހިންގެ ތަނަކަށްވާތީި އެވެ. އެތަން އިނގިރޭސިންގެ އަތްދަށުގައި އޮންނަންޏާ އެއީ އެއްވެސް މައްސަލަ އެއް ނޫން ކަމަށާއި އެހެން ބަޔަކާ ހަވާލު ކުރަންޏާ އެތަން ހަވާލު ކުރަން ޖެހޭނީ ދިވެހިރާއްޖެ އަށް ކަމަށް ބުނުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ އިނގިރޭސިން ގަދަވީމާވާ ގޮތެއްތޯ އެވެ؟
ހަގީގަތުގައި މި މައުޟޫއުގައި ވަރަށް ގިނަ ތަންތާނގައި މުއިއްޒު ދައްކަވަމުން ގެންދަވަނީ ހަމަ އެއް ވާހަކަ އެކެވެ. އެއީ ކަޓް ޕޭސްޓް ޖުމްލަ އަކަށް މިހާރުވެފައިވާ އެއްޗެކެވެ. އެއީ ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެއް އެބައޮތްކަމަށާއި، ބަޔަކާ ހަވާލު ކުރަންޏާ އެތަން ހަވާލު ކުރަން ޖެހޭނީ ދިވެހިރާއްޖެ އަށް ކަމަށާއި، އެއީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ގޮތް ކަަމަށެވެ.
ފޯޅަވައްސާއި "ކަނޑުން ގެއްލުނު" ބައި ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަނީ ކަމަށް ކޮންމެ ތާކު އެބަ ވިދާޅުވެ އެވެ. ދައުރު ދެބައިވެ ބޮޑުވެގެން ދިޔައިރު މިހާ ސީރިއަސް ވައުދެއް ފުއްދުމުގައި މިހާތަނަށް ކުރެވުނު މަސައްކަތަކާއި އެކަމުން ނުކުތް ނަތީޖާ އެއް އޮންނަންވާނެ އެވެ. އެކަމަކު ހުސް ވާހަކަތަކެއް ނޫން އިތުރު އެއްވެސް ނަތީޖާ އެއް އަދި ފެންނާކަށް ނެތެވެ. ހަގީގަތަކީ، މުއިއްޒު އެކި ތަންތާނގާއި ދައްކަވާފައިވާ ވާހަކަފުޅުތަކުން އެނގެނީ އަދި މާ އޮއްޓަރު ހުރި އެއްވެސް ކަމެއް މިކަމުގައި ކުރެވިފައި ނެތް ކަމުގަ އެވެ.
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ނިންމުމަށް އިޢުތިރާޒުކޮށް އެ ކަމާ ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މޮރިޝަސް އަށް ފޯޅަވަހި ހަވާލުކުރަން ނިންމި ނިންމުމަކީ ހަގީގަތުގައި އިނގިރޭސިންގެ ނިންމުމެއް ނޫނެވެ. އެއީ ބައިނަލް އަގްވާމީ ކޯޓުތަކުން އިނގިރޭސިންގެ މައްޗަށް ކުރި ހުކުމެވެ. އެހެން ކަމަށްވާ ނަމަ އިނގިރޭސިވިލާތައް ސިޓީ އެއް ފޮނުވާލައިގެން މިކަމުން ނުކުންނާނީ ކޮން ނަތީޖާ އެއްބާވަ އެވެ؟ އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައި ވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. މިހާރު އެމަނިކުފާނަކީ އިނގިރޭސި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެން ނޫނަސް މިވަރުގެ ސީރިއަސް ކަމެއް ފޯނުކޯލެއްގައި ފާހަގަ ކޮށްލުމަކީ ކޮންކަހަލަ ޒިންމާދާރު ގޮތެއް ބާވައެވެ؟ ދެން ކުރެއްވި ކަމަކީ، ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތައް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައިޔޫސީއެން) އަށް ހިއްސާކުރުމެވެ. މޮރިޝަސް އިން މިހާރުވަނީ ރާއްޖެ އާ ގުޅުން ކަނޑާލާފަ އެވެ. އެހެން ކަމުން އެ ގައުމުން މުއިއްޒަށް އަރުވާނެ ޖަވާބެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ. އައިޔޫސީއެން އަކީ ގާނޫނީ ގޮތުން މިފަދަ ކަމަކަށް އަމަލީ ފިޔަވަޅެއް އެޅޭނެ ފަދަ ޖަމްއިއްޔާ އެއް ނޫނެވެ. އެއީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ޖަމާއަތެކެވެ.
މިކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ ދެއުޅި އެއްނުވާ ސިޔާސަތުގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ މިއީ ރާއްޖޭގެ ތަނަކަށް ވެއްޖެ ނަމަ މިހާރުވެސް ޑިއެގޯ ގާސިއާ ގައި އޮތް އެމެރިކާގެ އަސްކަރީ ބޭސް ހަމަ އެގޮތުގައި ހިންގަން އެމެރިކާ އަށް ދެއްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ. އެއީ ފަހުން "އެމެރިކާ އައުޓް" ނަމުގައި ވަތަނީ ކެމްޕޭނެއް ހިންގަވަން މަގު ތަނަަވަސްކުރަން ޖައްސަވާ ރޮކެޓަކަށް ވެސް ވެދާނެ އެވެ. އެހެން ނޫންނަމަ ރާއްޖޭގެ ފަސްގަނޑުގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެ ތިބެން މުއިއްޒުގެ ލަގޮނޑިއަށް ކެތްވާނެ ގޮތެއް ނުވިސްނެ އެވެ. އިނގިރޭސިންގެ އަތްދަށުގައި ފޯޅަވަހި އޮތަސް މައްސަލަ އެއް ނެތް ކަމަށާއި، އެތަނުގައި އެމެރިކާގެ އަސްކަރީ ބޭސް އެއް އޮތުން ވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާނުގައި ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭ ކަމުގައި ވިދާޅުވެ އެ ދެއްކެވީ ދެން ކޮންވާހަކައެއް ހެއްޔެވެ؟
ހަގީގަތަކީ އެމެރިކާ އާއި އިނގިރޭސިވިލާތުންވެސް ވަނީ ރައީސް މުއިއްޒު މި ދައްކަވާ ވާހަކަ އަށް ސާފު ޖަވާބު ދީފަ އެވެ. އިނގިރޭސިވިލާތުން ބުނަމުންދަނީ ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ދޭދޭ މައްސަލައެއް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރައީސް މުއިއްޒުގެ ވާހަކަ އަށް ރައްދު ދެއްވައި، ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް ނުވަތަ އަސްކަރީ ހަރަކާތްތަކަށް އެއްވެސް ފަރާތަކުން ނުރައްކާކޮށްފިނަމަ، އެމެރިކާއިން އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.









