ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
7 އޯގަސްޓު 2026 | ހުކުރު 17:59ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކާއި ރޭލުވިއުގައަށް އަމާޒުކޮށް ރަޝިއާއިން ދޭ ހަމަލާތައް ވަރުގަދަކޮށް، ޒަމާނީ "ގްލައިޑް ބޮން" ބޭނުންކޮށްގެން ގިނަ ތަންތަން ސުންނާފަތިކޮށްލައިފި. މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ސިފައިންނާއި ހަތިޔާރު އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާއިރު، މިއީ އެ ގައުމުގެ ދިފާއީ ނިޒާމަށް ލިބޭ ބޮޑު ނިކަމެތިކަމެއް ކަމަށް ރަޝިޔާ އިން ބުނޭ
ރަޝިއާ ސިފައިން ކުރިއަށްގެންދާ ހަމަލާތަކުގެ ތެރެއިން، "އެފް.އޭ.ބީ" (FAB) މަރުކާގެ ބޮން ބޭނުންކޮށްގެން ޔޫކްރެއިންގެ ހަތިޔާރުއެޅި ސިފައިންގެ މަގާމުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ތަންތަން ސުންނާފަތިކޮށްލާ މަންޒަރު ފެންނަ ބާރުގަދަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން އިމޭޖެއް | ސްކްރީން އިމޭޖް
ޔޫކްރެއިންގެ ހަނގުރާމައިގެ ކުރީގެ ސަފުތަކާ ކައިރީގައި ހުރި އެ ގައުމުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް، "އެފް.އޭ.ބީ" ގްލައިޑް ބޮން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ތަންތަން ބިމާހަމަކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ރަޝިއާގެ ދިފާއީ ވުޒާރާއިން އާންމުކޮށްފި އެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ބުނި ގޮތުގައި، މި ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްފައިވަނީ "ސޫ-24" މަރުކާގެ ޓެކްޓިކަލް ބޮންއަޅާ މަތިންދާބޯޓުތަކުންނެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ރަޝިއާގެ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކްގެ ތެރެއިން އަދިވެސް ކީވްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކަށާއި ޔޫކްރެއިންގެ ހަރްކޯވް ސަރަހައްދަށެވެ.
ރަޝިއާގެ އަސްކަރިއްޔާއިން "ޔުނިވާސަލް ކަރެކްޝަން އެންޑް ގައިޑަންސް މޮޑިއުލްސް" (ޔޫ.އެމް.ޕީ.ކޭ) ހަރުކޮށްފައިވާ "އެފް.އޭ.ބީ" ބޮންތައް އަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
މި އާލާތްތައް ހަރުކުރުމުން، ކުރީގެ އާދައިގެ ބޮންތައް، އަމާޒަށް ވާސިލްވުމުގެ ގާބިލުކަން ހުންނަ ޒަމާނީ ހަތިޔާރަށް ބަދަލުވެގެންދެ އެވެ. މީގެ އިތުރުން، މި ބޮންތައް ދަތުރުކުރާ ރާސްތާ ވަރަށް ބޮޑަށް އިތުރުވެގެންދާތީ، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކަށް ނުފޯރާ ހިސާބު ދުރުގައި ތިބެގެން ޖެޓްތަކުން މި ބޮންތައް ދޫކޮށްލުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ހަނގުރާމައިގެ ކުރީކޮޅު ޔޫ.އެމް.ޕީ.ކޭ ކިޓްތައް ބޭނުންކުރީ 250 ކިލޯ އަދި 500 ކިލޯގެ ބަރުދަން ހުންނަ "އެފް.އޭ.ބީ-250" އަދި "އެފް.އޭ.ބީ-500" މަރުކާގެ ބޮންތަކުގަ އެވެ. ނަމަވެސް، ފަހުން މިއަށްވުރެ ބަރު އަދި ބާރުގަދަ "އެފް.އޭ.ބީ-1500" އަދި "އެފް.އޭ.ބީ-3000" މަރުކާގެ ހަތިޔާރުތަކުގައިވެސް މި ނިޒާމު ވަނީ ބޭނުންކުރަން ފަށާފަ އެވެ.
މީގެ އިތުރުން، ހަރްކޯވް ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ރޭލަކަށް ކާމިޔާބު ހަމަލާއެއް ދޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެ ވުޒާރާއިން ވަނީ އާންމުކޮށްފަ އެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ސިފައިންނާއި، ހަތިޔާރާއި، މުދާ އުފުލުމަށް ރޭލުވިއުގަ ބޭނުންކުރާ ކަމަށް ބުނެ، ފާއިތުވި ހަފުތާތަކުގައި ރަޝިއާއިން ވަނީ ޔޫކްރެއިންގެ ރޭލުވިއުގައަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
ރޭލުތައް ހަލާކުވަމުން ދިއުމަކީ ވްލަޑިމިއަރ ޒެލެންސްކީގެ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ޔޫކްރެއިންގެ ބޭރުގެ އެހީތެރިންނަށް އެ ތަކެތީގެ ބަދަލުގައި އާ އުޅަނދުތައް ފޯރުކޮށްދެވެން ނެތުމެވެ. ޔޫކްރެއިންގައި ބޭނުންކުރަނީ ރަޝިއާއާ އެއްގޮތަށް 1،520 މިލިމީޓަރުގެ ފުޅާ ރޭލު ދަގަނޑުތަކެއް ކަމަށްވާއިރު، މިއީ ކުރިން އެއް ނެޓްވޯކެއްގެ ގޮތުގައި އޮތް ނިޒާމެކެވެ.
އާންމުކުރި އެހެން ވީޑިއޯއަކުން ފެންނަނީ، ވަކި ތަނެއް ހާމަނުކުރާ ސަރަހައްދެއްގައި ޔޫކްރެއިންގެ އަސްކަރީ ސާމާނު އުފުލަމުންދިޔަ ރޭލަކަށް ރަޝިއާގެ "އިސްކަންދަރު" ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާދީ އެއްކޮށް ސުންނާފަތިކޮށްލާ މަންޒަރެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ފާއިތުވި ހަފުތާގައި ޔޫކްރެއިންގެ އެކި އަމާޒުތަކަށް ދިން ބޮޑެތި މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އެގޮތުން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިފަދަ 12 ހަމަލާއެއް ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެ އެވެ.
މި ހަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުންކުރާ ޑްރޯން އުފައްދާ ކާރުޚާނާތަކާއި، މުދާ ރައްކާކުރާ މަރުކަޒުތަކާއި، ތެލާއި ހަކަތައިގެ ވަސީލަތްތަކުގެ އިތުރުން ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށްފައިވާ ކަމަށް ރަޝިއާއިން ބުނެ އެވެ. މޮސްކޯއިން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުން އާންމު ރައްޔިތުންނަށް ހަމަލާނުދޭ ކަމަށާއި، ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އަސްކަރީ މަގްސަދުތަކާ ގުޅުންހުރި ތަންތަނަށް ކަމަށެވެ.










