ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
10 އޯގަސްޓު 2026 | ހޯމަ 09:40ޔޫކްރެއިންގެ ބޯޑަރާ 1,100 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިޔާގެ ސިނާއީ ސަރަހައްދަކަށް ދިން މި ހަމަލާއަކީ ހަނގުރާމަ ފެށުނު ފަހުން އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާ. ބަދަލުހިފުމުގެ ގޮތުން ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން

ރަޝިޔާގެ ތަތާރްސްތާންގެ އަލްމެޓްޔެވްސްކް ކައިރީގައި އޮންނަ ތެޔޮ ނަގާ ސަރަހައްދެއްގެ މަންޒަރެއް | ގެޓީ އިމޭޖަސް
ޔޫކްރެއިނުން ރަޝިޔާގެ ތަތާރްސްތާން ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. މީގެ އިތުރުން މި ހަމަލާގައި 39 މީހަކު ޒަޚަމްވެފައިވާއިރު، މިއީ މޮސްކޯއިން ޔޫކްރެއިނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފެށިފަހުން ރަޝިޔާއަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.
ޔޫކްރެއިންގެ ބޯޑަރާ 1،100 ކިލޯމީޓަރު (680 މޭލު) ދުރުގައި އޮންނަ، އަދި ތެޔޮ ސާފުކުރާ ބޮޑެތި ކާރުޚާނާތަކާއި ޕެޓްރޯކެމިކަލް ކުންފުނިތައް ހުންނަ ނިޒްނެކަމްސްކް ސިޓީއަށް ދިން މި ހަމަލާއާ ގުޅޭގޮތުން ކީވްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ސަރަހައްދުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް ދެމިގެންދިޔަ މި ހަމަލާތައް އެތައް ގަޑިއިރަކަށް ކުރިއަށްދިޔަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަށަވަރުނުކުރެވޭ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދުވާލުގެ ވަގުތުގައި އުޑުމައްޗަށް ބޮޑެތި ދުންގަނޑުތަކާއި އަލިފާންގަނޑުތައް އަރަމުންދާއިރު، ފަހަތުން ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު އިވެމުންދެ އެވެ.
މި ހަމަލާގެ އަމާޒަކީ ކޮބައިކަން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވިނަމަވެސް، ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް މާލީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ދޭ ހަމަލާތައް ކީވްއިން ފަހަކަށް އައިސް ވަނީ ވަރުގަދަކޮށްފަ އެވެ.
މޮސްކޯއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުވެފައިވަނީ ސިނާއީ މަސައްކަތްކުރާ ތަންތަނުގެ އިތުރުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނީ، އެއްވެސް އަސްކަރީ ހަރަކާތެއްގައި ބައިވެރިނުވާ އާންމު ރައްޔިތުން އެ ސަރަހައްދުގައި ތިބި ކަމަށެވެ.
ތަތާރްސްތާންގެ ވެރިޔާ ރުސްތަމް މިނިޚަނޯވް ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދެއްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ނިޒްނެކަމްސްކްގެ މޭޔަރު ރަދްމީރު ބެލަޔޭވް ވިދާޅުވީ، މިއީ އެންމެނަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތަތާރްސްތާންގައި މިހާރު ވަނީ ހިތާމަފާޅުކުރުގެ ދުވަސްތަކެއް އިއުލާންކޮށްފަ އެވެ.
މޮސްކޯއިން ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި ޔޫކްރެއިނުން ފޮނުވާލި 450 އަށްވުރެ ގިނަ ޑްރޯން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފަ އެވެ.
ރަޝިޔާގެ އެތެރޭގެ ދުރު ސަރަހައްދުތަކަށް ހަމަލާދިނުމުގައި ކީވްއިން ދަނީ އިތުރު ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން ގުދަންތަކާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށްދޭ ހަމަލާތަކުގައި އާންމުން މަރުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
ހަމައެއާއެކު، ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ ސިޓީތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް މެދުނުކެނޑި ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. މިދިޔަ ހަފުތާގައި ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ކީވްއަށް ދިން ހަމަލާއެއްގައި 21 މީހުން ވަނީ މަރުވެފަ އެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ކުރީސަފުގައި އޮންނަ ޚާރްކީވްއަށް ރޭގެ ވަގުތެއްގައި ރަޝިޔާއިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.
މަސްދަރު: ބީބީސީ










