އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 12:20އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޓްރަމްޕަށް ހުށަހަޅުއްވައިފި. މި ނިންމުމަކީ އަސްކަރިއްޔާ ޒަމާނީކުރުމުގެ ސިޔާސަތުތަކާ މެދު އުފެދުނު ނުތަނަވަސްކަމާއި، ހެގްސެތް އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކުރެއްވުމާ ގުޅިގެން ނިންމެވި ނިންމުމެއް ކަމަށް މަސްދަރުތަކުން ބުނޭ

ޔޫއެސް މިލިޓަރީ އެކަޑަމީގެ މިޗީ ސްޓޭޑިއަމްގައި ބޭއްވި އެ އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ސެކްރެޓަރީ އޮފް ދަ އާމީ ޑެން ޑްރިސްކޯލް ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
އެމެރިކާގެ އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން، ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވައިފި ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ގައުމީ ސަލާމަތާ ބެހޭ އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފި ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން އެއް މަސްދަރުން ބުނި ގޮތުގައި، ޑްރިސްކޯލް އާއި ޑިފެންސް ސެކްރެޓަރީ ހެގްސެތްއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މިންވަރަށް ބަލާއިރު، އޭނާ އިސްތިއުފާ ދެއްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
މައުލޫމާތު އެނގޭ ދެވަނަ މަސްދަރަކުން ހާމަކުރި ގޮތުގައި، ޑްރިސްކޯލް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި، އެމެރިކާ ސިފައިންގެ ލަޝްކަރު ޒަމާނީކުރުމަށާއި ތައްޔާރީ ހާލަތު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ހުރި ކަންބޮޑުވުންތައް ވަނީ ފާހަގަކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، އެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ޖެނެރަލުން މަގާމުން ވަކިކުރައްވައި، ހެގްސެތް އެ މަސައްކަތްތަކަށް ހުރަސްއަޅުއްވާފައިވާ ކަމަށް ޑްރިސްކޯލް ތުހުމަތު ކުރައްވާފައިވެ އެވެ.
އާމީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޑްރިސްކޯލް ވަނީ ރައީސް ޓްރަމްޕާ ބައްދަލުކުރައްވައި އެމެރިކާ ސިފައިންގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އިސްތިއުފާ ހުށަހަޅުއްވާފަ އެވެ.
އާމީގެ ކުރީގެ ސިފައިންގެ މީހެއްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވޭންސްގެ ގާތް އެކުވެރިއެއް ކަމަށްވާ ޑްރިސްކޯލް މަގާމުން ވަކިވެދާނެ ކަމުގެ އަޑުތައް ފެތުރޭތާ ދުވަސްތަކެއް ވެފައިވާއިރު، މިއީ ހެގްސެތްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް މަސްތަކެއް ވީ ފަހުން ނިންމި ނިންމުމެކެވެ. މީގެ އިތުރުން، އޭނާ އިސްތިއުފާ މި ދެއްވީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަ މަސް ފުރި، އެ ހަނގުރާމަ ނިމޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ދަނޑިވަޅެއްގަ އެވެ.
ޑްރިސްކޯލް ރަސްމީކޮށް މަގާމުން ވަކިވާނެ ތާރީޚެއް އަދި ސާފެއް ނުވެ އެވެ. އާންމު އުސޫލުން ނަމަ، އާމީ ސެކްރެޓަރީގެ މަގާމާ ވަގުތީގޮތުން ހަވާލުވާނީ އަންޑަރ ސެކްރެޓަރީ އެވެ. މިހާރުގެ އަންޑަރ ސެކްރެޓަރީއަކީ އާމީގެ ރިޓަޔަރޑް ކާނަލް އަދި ސްޕެޝަލް އޮޕަރޭޝަންސް އޭވިއޭޓަރެއް ކަމަށްވާ މައިކް އޮބަޑާލް އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާ އަލުން ވަރުގަދަ ކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތައް އާމީ ޑިޕާޓްމަންޓުގައި ކުރިއެރުވުމަށް ސެކްރެޓަރީ ޑްރިސްކޯލް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ތާރީޚީ އަސްކަރީ އޮޕަރޭޝަންތަކުގައި އިސް ދައުރެއް އަދާކުރެއްވުމާއި، ސިފައިންގެ ގާބިލުކަން އިތުރުކުރުމާއި، ރަޝިޔާ އާއި ޔޫކްރެއިންގެ މަޝްވަރާތަކުގައި އެހީތެރިވެދެއްވުން ފަދަ މުހިންމު ކަންތައްތަކެއް އޭނާ ކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ޑްރިސްކޯލް އިސްތިއުފާ ދެއްވި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ.
މި އަހަރުގެ ކުރީކޮޅު ހެގްސެތް ވަނީ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖްގެ އިތުރުން އިތުރު ދެ ޖެނެރަލަކު މަގާމުން ވަކިކުރައްވާފަ އެވެ. ޖެނެރަލް ޖޯޖް އަކީ ޑްރިސްކޯލްއާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ދެ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ ޖެނެރަލް ޖޯޖް މަގާމުން ވަކިކުރި ސަބަބާ މެދު ތަކުރާރުކޮށް ހެގްސެތްއާ ސުވާލުކޮށް، އެ ޖެނެރަލަށް އޮތް އިހުތިރާމް ހާމަކޮށްފަ އެވެ.
ހެގްސެތް މަގާމާ ހަވާލުވެވަޑައިގަތީއްސުރެ، އޭނާގެ ވަށައިގެން ތިއްބެވި މަދަނީ އަދި އަސްކަރީ އޮފިޝަލުންނަށް އިތުބާރު ނުކުރައްވާ ކަމަށާއި، އެ ބޭފުޅުންގެ ވަފާތެރިކަމާ މެދު ޝައްކު އުފައްދަވާ ކަމަށް އެކި މަސްދަރުތަކުން މީގެ ކުރިންވެސް ސީއެންއެން އަށް މައުލޫމާތު ދީފައިވެ އެވެ.
ހެގްސެތްގެ ދައުރުގައި ހިނގާފައިވާ އެންމެ ބޮޑު އެތެރޭގެ ހަމަނުޖެހުމަކީ ޑްރިސްކޯލްއާ ދެމެދު އޮތް މައްސަލަތަކެވެ. މީގެ މައިގަނޑު ސަބަބަކީ ޑްރިސްކޯލް އާއި ނައިބު ރައީސް ޖޭޑީ ވޭންސްއާ ދެމެދު އޮތް ގާތް ގުޅުމެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑްރިސްކޯލް ވައިޓް ހައުސްއާ ސީދާ ގުޅުން ބޭއްވުމަކީ ހެގްސެތް ބައިޕާސްކޮށް، އޭނާގެ ބާރު ކަނޑުވާލަން ކުރާ ކަމެއްގެ ގޮތުގައި ހެގްސެތް ދެކެވަޑައިގަންނަވަ އެވެ.
ޑްރިސްކޯލް އާއި ވޭންސް އަކީ ޔޭލް ލޯ ސްކޫލްގައި އެކުގައި ކިޔެވި ކްލާސްމޭޓުންނެވެ. އަދި ޒުވާން އާމީ ސެކްރެޓަރީ ޑްރިސްކޯލް ވަނީ ރައީސް ޓްރަމްޕާ ވެސް ގާތް ގުޅުމެއް އުފައްދަވާފަބއެވެ. މިދިޔަ އަހަރު ރަޝިޔާއާއެކު މަޝްވަރާގެ މޭޒަށް ރުޖޫއަވުމަށް ޔޫކްރެއިނަށް ބާރުއެޅުމުގެ މަސައްކަތުގައި ރައީސް ޓްރަމްޕް ޑްރިސްކޯލް އިސްކުރެއްވުމުން އެ ގުޅުން ވަނީ ހާމަވެފަ އެވެ.
ހެގްސެތްގެ ދައުރުގައި ބޮޑަށް ފާހަގަކުރެވިފައިވަނީ ސަގާފީ އަދި ފިކުރީ ހަނގުރާމަތަކުގެ މައްސަލަތަކުގައި އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކެވެ. ނަމަވެސް ޑްރިސްކޯލް އާއި ޖެނެރަލް ޖޯޖް ބޮޑަށް އިސްކަންދެއްވީ ސިފައިންގެ ބާރާއި ހަތިޔާރުތައް ޒަމާނީ ކުރުމަށެވެ. ޑްރޯން ޓެކްނޮލޮޖީއަށް ޑްރިސްކޯލް ދެއްވި އަހަންމިއްޔަތުގެ ސަބަބުން، ރައީސް ޓްރަމްޕް އޭނާއަށް "ޑްރޯން ގައި" (ޑްރޯން މީހާ) ގެ ނަމުން ވެސް މުހާތަބު ކުރައްވަ އެވެ.
އާމީ ނޭޝަނަލް ގާޑުގައި ގާތްގަނޑަކަށް 20 އަހަރު ޚިދުމަތް ކުރެއްވި ހެގްސެތް، އާމީގެ ލީޑަޝިޕަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވަނީ މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ޖެނެރަލް ޖޯޖްގެ އިތުރުން، ވައިސް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޭމްސް މިންގަސް އާއި، ޓްރާންސްފޯމޭޝަން އެންޑް ޓްރޭނިންގ ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޑޭވިޑް ހޮޑްނީ އާއި، ޗީފް އޮފް ޗެޕްލެއިންސް މޭޖަރ ޖެނެރަލް ވިލިއަމް ގްރީން ޖޫނިއަރ އަދި ޑައިރެކްޓަރ އޮފް ޖޮއިންޓް ސްޓާފް ލެފްޓިނަންޓް ޖެނެރަލް ޑަގްލަސް ސިމްސް ފަދަ އިސް ބޭފުޅުން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
އެންމެ ފަހުން ހިނގި ކަމަކަށް ބަލާއިރު، ޔޫރަޕް އަދި އެފްރިކާގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ކްރިސްޓޮފާ ޑޮނަހޫ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.










