އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ
13 އޯގަސްޓު 2026 | ބުރާސްފަތި 12:12އެމެރިކާގެ ތިން ސްޓޭޓެއްގައި މީހުން މެރުމުގެ ކުށް ސާބިތުވެފައިވާ ތިން ކުށްވެރިއަކަށް ކުރިއަށް އޮތް ބުރާސްފަތި ދުވަހު މަރުގެ އަދަބު ދިނުމަށް ވަނީ ތާވަލުކޮށްފައި. މީގެ ތެރޭގައި ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހަކާއި ބަޑިން ހަމަލާދީ މީހުން މަރާފައިވާ މީހުން ހިމެނޭއިރު، މިއީ 2010 ވަނަ އަހަރުގެ ފަހުން އެމެރިކާގައި އެއް ދުވަހެއްގެ ތެރޭގައި ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރާ ފުރަތަމަ ފަހަރު. މި އަދަބުތައް ތަންފީޒުކުރަން ތައްޔާރުވަމުންދާއިރު، އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި މަރުގެ އަދަބަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ހަންޓްސްވިލްގައި ހުންނަ އެލިސް ޔުނިޓް ޖަލުގައި، މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންކުރާ އެނދު ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް
އެމެރިކާގެ ޓެނެސީ، އެލަބާމާ އަދި އޮކްލަހޯމާގައި ތިން ކުށްވެރިއަކަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން އެމެރިކާގައި އެއް ދުވަހެއްގެ ތެރޭގައި ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ. މި ތިން މީހުންނަށްވެސް މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވަނީ ވިހަ އިންޖެކްޝަން ޖަހައިގެންނެވެ.
މީހުން މެރުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ މި ތިން ކުށްވެރިންނަށް އަދަބު ދިނުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހަށެވެ.
ޓެނެސީގައި މަރުގެ އަދަބު ތަންފީޒުކުރަނީ 1985 ވަނަ އަހަރު ކިންގްސްޓަން ސްޕްރިންގްސްގެ މޯޓެލްއެއްގައި މަސައްކަތްކުރި އުމުރުން 54 އަހަރުގެ ކެތަރިން ޖީން ޖެންކިންސް މަރާލި ކުށް ސާބިތުވެފައިވާ އެންތަނީ ޑަރެލް ހައިންސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ފުރަތަމަ މަރުގެ ހުކުމް އިއްވީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން އަލުން މައްސަލަ ބަލައި ހުކުމް އިއްވުމުގެ ފުރުސަތެއް ލިބުނު ނަމަވެސް، 1989 ވަނަ އަހަރު އަނެއްކާވެސް އޭނާގެ މައްޗަށް އިއްވީ މަރުގެ ހުކުމެވެ.
އެލަބާމާގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވަނީ އުމުރުން 42 އަހަރުގެ ޖެރެމީ ވިލިއަމްސްގެ މައްޗަށެވެ. އޭނާއަކީ 2021 ވަނަ އަހަރު އުމުރުން އެންމެ ފަސް އަހަރުގެ ކަމާރީ ހޮލެންޑް ރޭޕްކޮށް މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ވިލިއަމްސް އެ ކުއްޖާ ރޭޕްކޮށް ކަރުގައި ހިފާ މަރާލީ، ޖިންސީ އަމަލެއް ހިންގުމަށްޓަކައި އެ ކުއްޖާގެ މަންމައަށް 2،500 ޑޮލަރު ހުށަހެޅުމަށްފަހުގަ އެވެ. ވިލިއަމްސް ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އިއުތިރާފުވެ، ހުކުމް އިސްތިއުނާފު ކުރަން ދެކޮޅު ހަދައި، މަރުގެ އަދަބު އަވަހަށް ތަންފީޒުކޮށްދިނުމަށް އެދިފަ އެވެ.
ރަސެލް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ރިޗަޑް ޗާންސީ ވިދާޅުވީ، ބޮޑު ފިރިހެނަކު ކުޑަކުއްޖަކަށް އެފަދަ އިހާނެތި އަމަލެއް ހިންގި މަންޒަރު ވީޑިއޯއިން ފެނުމަކީ ނުހަނު ބިރުވެރި، ހިތާމަވެރި އަދި ފަކުރުގަންނަ ކަމެއް ކަމަށެވެ. އަދި އެއީ ނުލަފާކަމުގެ އިންތިހާ ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.
އޮކްލަހޯމާގައި މަރުގެ އަދަބު ތަންފީޒުކުރަނީ 2003 ވަނަ އަހަރު އޭނާގެ ލޯބިވެރިޔާ އޮލިމްޕިއާ ފިޝަރަށް ބަޑިން ހަމަލާދީ މަރާލި އުމުރުން 70 އަހަރުގެ ކާލޯސް ކުއެސްޓާ-ރޮޑްރިގޭޒްގެ މައްޗަށެވެ. މިއީ މިއަހަރުގެ ތެރޭގައި އޮކްލަހޯމާގައި މަރުގެ އަދަބު ތަންފީޒުކުރާ ތިންވަނަ މީހާ އެވެ. އަދި ރިޕަބްލިކަން ގަވަރުނަރު ކެވިން ސްޓިޓްގެ ދައުރުގައި އެ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކުރާ 20 ވަނަ މީހާ އެވެ.
ނިމިދިޔަ 2025 ވަނަ އަހަރު އެމެރިކާގެ 11 ސްޓޭޓެއްގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވެ އެވެ. ޓެނެސީ އާއި އެލަބާމާގައި މި އަދަބު ތަންފީޒުކޮށްފިނަމަ، 2026 ވަނަ އަހަރުގެ މިހާތަނަށް މަރުގެ އަދަބު ތަންފީޒުކުރި ސްޓޭޓްތަކުގެ އަދަދު ހަޔަކަށް އަރާނެ އެވެ.
މި ތިން މީހުންނަށް މަރުގެ އަދަބު ދިނުމަށް ތައްޔާރުވަމުން މިދަނީ، އެމެރިކާގައި މަރުގެ އަދަބަށް އޮތް ތާއީދު އާންމުންގެ މެދުގައި ދަށަށް ދަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގައި އެއް ދުވަހެއްގެ ތެރޭގައި ތިން މީހަކަށް މަރުގެ އަދަބު އެންމެ ފަހުން ދީފައިވަނީ މީގެ 16 އަހަރު ކުރިން ލޫއިސިއާނާ، އޯހިއޯ އަދި ޓެކްސަސްގަ އެވެ.
ގެލަޕް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ އާންމު ރައްޔިތުންގެ ތެރެއިން މަރުގެ އަދަބަކީ އަހުލާގީ ގޮތުން ބަލާއިރު ބަލައިގަނެވޭނެ ކަމެއް ކަމަށް ގަބޫލުކުރަނީ 52 އިންސައްތަ މީހުންނެވެ. މިއީ 1970 ގެ އަހަރުތަކަށްފަހު މި އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.










