ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ
13 އޯގަސްޓު 2026 | ބުރާސްފަތި 03:25އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ކަނޑުމަތީގައި އޮންނަތާ 250 އަށްވުރެ ގިނަ ދުވަސްވެ، އޭގައި ދިރިއުޅުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު އާއިލާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. މަނަވަރުގެ މިޝަން ތަކުރާރުކޮށް އިތުރުކުރުމާ ގުޅިގެން ބައެއް ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާއިރު، އެތަނުގައި އަސާސީ ޚިދުމަތްތަކާއި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ރިޕޯޓްތައް ބުނޭ

ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގެ ފްލައިޓް ޑެކް މަތީގައި ސިފައިން މުދާ އުފުލުމުގެ މަސައްކަތް ކުރަނީ | އެލަމީ
ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރުގައި ތިބި ބައެއް ފަޅުވެރިން މަނަވަރުން ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، އެ މަނަވަރުގައި ތިބި ގާތްގަނޑަކަށް 5،000 ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ހާލަތާ މެދު އޮތް ކަންބޮޑުވުންތައް އިތުރަށް ބޮޑުވެއްޖެ އެވެ. އީރާނަށް އަމާޒުކޮށް އެމެރިކާއިން ހިންގަމުންދާ އުދުވާނުތަކާ ގުޅިގެން މި މަނަވަރު ކަނޑުމަތީގައި އޮންނަތާ މިހާރު ވަނީ ނުވަ މަސް ދުވަސް ވެފަ އެވެ.
އަންގާރަ ދުވަހު "ނޭވީ ޓައިމްސް" އާއި "ސްޓާސް އެންޑް ސްޓްރައިޕްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަނަވަރުން މޫދަށް ފުންމާލަން މަސައްކަތް ކުރި ފަޅުވެރިންގެ އެ އަމަލުތައް ވަނީ ހުއްޓުވާފަ އެވެ. މި ރިޕޯޓްތަކުގައިވާ ގޮތުން، އެ މަނަވަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބައި މެދުނުކެނޑި 250 ދުވަސް ކަނޑުމަތީގައި ހޭދަކޮށްފައިވާއިރު، މިއީ ޒަމާނީ ތާރީޚެއްގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަނޑުމަތީގައި މިހާ ގިނަ ދުވަހު ހޭދަކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސެން ޑިއޭގޯގައި ނޭވީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، އަބްރަހަމް ލިންކަން މަނަވަރުގައި ތިބި ސިފައިންގެ އާއިލާތަކުގެ 200 އެއްހާ މީހުން ބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި، މަނަވަރުގެ މިޝަން ދިގުލައިގެން ދިއުމާއި ސިފައިންގެ ހާލަތާ ގުޅޭގޮތުން ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯ އާއި އެހެނިހެން އިސްވެރިންނާ ސުވާލުކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި އަންހެނަކު ބުނި ގޮތުގައި، އޭނާގެ ފިރިމީހާ އެދުވަހު ފޮނުވި މެސެޖެއްގައި "މާދަމާ އޭނާ ނުހޭލާނެ ނަމައޭ ހިތަށް އަރާ" ކަމަށް ބުނެފައިވެ އެވެ.
"ސްޓާސް އެންޑް ސްޓްރައިޕްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެހެން އަންހެނަކު ކާއޯއާ މުޚާތަބުކޮށް ބުނީ، ނޭވީން ވަނީ އާއިލާތަކާއި ލީޑަޝިޕާ ދެމެދު އޮތް އިތުބާރު މުގުރާލާފައި ކަމަށެވެ.
"ނޭވީ ޓައިމްސް" އަށް މައުލޫމާތު ދެމުން އެނަބެލް ލޯމާ ބުނި ގޮތުގައި، އޭނާގެ ފިރިމީހާގެ ޚިދުމަތުގެ މުއްދަތު ތަކުރާރުކޮށް އިތުރުކުރުމާ ގުޅިގެން، އޭނާ ވަނީ މަނަވަރުން މޫދަށް ފުންމާލަން މަސައްކަތް ކޮށްފަ އެވެ.
"އޭނާ ހުރީ ވަރަށް ބިރުގަނެފައި. އޭނާ ހީކުރަނީ އަޚްލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރާނެ ކަމަށް. ވަރުބަލިވެފައި ހުރުމުގެ ސަބަބުން އޭނާގެ 13 އަހަރުގެ ކެރިއަރު މިގޮތަށް ބާކީވެގެންދާތީ އޭނާ ކަންބޮޑުވޭ،" އެނަބެލް ބުންޏެވެ.
މީގެ އިތުރުން، އެހެން ސިފައިންގެ މީހެއްގެ އަނތްބަކު ބުނި ގޮތުގައި، އޭނާގެ ފިރިމީހާ ވަނީ މަނަވަރުން ފުންމާލަން އުޅުނު އެހެން ފަޅުވެރިއަކު ހިފަހައްޓައި، އަނބުރާ ޑެކް މައްޗަށް އަރުވައި ސަލާމަތްކޮށްފަ އެވެ.
ކެލިފޯނިއާގެ ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު މައިކް ލެވިން ވަނީ މަނަވަރުގެ ހާލަތު ސިފަކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަނަވަރުގެ ފެންވަރާ ތަންތަނުގައި ފަންގަސް ޖަހާފައިވާއިރު، ފާޚާނާތައް ވަނީ ހަލާކުވެފަ އެވެ. އަދި ފޭރާން ދޮންނަ މެޝިންތައް ހަލާކުވެފައި ހުންނަތާ ހަފުތާތަކެއް ވެފައިވާއިރު، ހޫނުފެން ނުލިބޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ އިތުރުން، ކެއުމަށް ލިބެނީ އެންމެ ބައި ޖޯޑު ބަތާއި ދެ ރޮށި ކަމަށާއި، ސައިބޯނި، ދަތްއުނގުޅާ ބޭސް އަދި ޑިއޯޑްރަންޓް ފަދަ ތަކެތި ވެސް މަނަވަރުން ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ އާމީ ރޭންޖަރެއް ކަމަށްވާ ކޮންގްރެސް މެންބަރު ޖޭސަން ކްރޯ ވިދާޅުވީ، ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ނަފްސާނީ ބުރަ ހަފުތާއަކަށް ފަހު ހަފުތާއެއް އިތުރުވަމުންދާ ކަމަށެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަން ސެން ޑިއޭގޯއިން ފުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައެވެ. އެންމެ ފުރަތަމަ މި މަނަވަރު ޕެސިފިކް ސަރަހައްދަށް ފޮނުވަން ނިންމި ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނުތަކާ ގުޅިގެން، މަނަވަރުގެ މިސްރާބު ހުޅަނގު އޭޝިއާއަށް ބަދަލުކުރީ އެވެ.
މިދިޔަ މޭ މަހު ނިންމާލަން ކުރިން ތާވަލުކުރި މި މިޝަންގެ މުއްދަތު، އޭގެ ފަހުން އެތައް ފަހަރަކު ވަނީ އިތުރުކޮށްފަ އެވެ.
މަނަވަރުގެ ކެއުމާއި، ފެނާއި، ފަންގަސް ޖެހުމާއި އަދި ލޯންޑްރީގެ މައްސަލަތަކާ ގުޅޭގޮތުން ކުރިން ކުރި ޝަކުވާތަކަށް ރައްދު ދެއްވަމުން، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވީ އެއީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރުތަކެއް ކަމަށެވެ.
ހެގްސެތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ލެވިން ވިދާޅުވީ، ގައުމަށްޓަކައި ޚިދުމަތްކުރާ ސިފައިންނަށް ހޫނުފެނާއި، ބޭނުންކުރެވޭ ފާޚާނާއަކާއި، ރަނގަޅު ކެއުން ފޯރުކޮށްދިނުމަކީ ގައުމުން އެމީހުންނަށް ދަރާފައިވާ އެންމެ ކުޑަ މިންވަރު ކަމަށެވެ. އަދި ހެގްސެތަށް އެކަން ވެސް މެނޭޖް ނުކުރެވޭއިރު، އާއިލާތަކުގެ ކުރިމަތީގައި އެއީ ދޮގުވެރިން ކަމަށް ބުނަން ކެރުމަކީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، އަބްރަހަމް ލިންކަން މަނަވަރުގައި ހިނގި ނުރައްކާތެރި ކުރިމަތިލުމެއްގައި ހަތް ސިފައިން މަރުވެ، އިތުރު ބަޔަކު ޒަޚަމްވި ކަމަށް ބުނާ ވަކި ރިޕޯޓެއް ވެސް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.










