އެމެރިކާގެ އެފް-35ބީ ފައިޓާ ޖެޓެއް ވެއްޓި ރޯވެއްޖެ
1 އޯގަސްޓު 2026 | ހޮނިހިރު 09:07އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ގިންތީގައި ހިމަނާފައިވާ މި ހާދިސާގައި ޕައިލެޓް ސަލާމަތްވި ނަމަވެސް، ބޯޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި. މިރަމާރް އެއާބޭސްގެ ފްލައިޓްލައިން ސަރަހައްދަށް ބޯޓު ވެއްޓުމާ ގުޅިގެން ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށްފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަސްކަރިއްޔާއިން ދަނީ ތަހުގީގު ކުރަމުން
ސެން ޑިއޭގޯގައި އެމެރިކާގެ މެރިން ކޯޕްސްގެ އެފް-35ބީ (ލައިޓްނިންގް 2) މަރުކާގެ ފައިޓާ ޖެޓެއް ވެއްޓިފައި | ސްކްރީން އިމޭޖް
ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ މެރިން ކޯ އެއާ ފޯސް ސްޓޭޝަން މިރަމާރަށް، އެމެރިކާގެ މެރިން ކޯގެ އެފް-35ބީ މަރުކާގެ ސްޓެލްތު ފައިޓާ ޖެޓެއް ހުކުރު ދުވަހު ވެއްޓި އަލިފާން ރޯވެއްޖެ އެވެ. ހާދިސާ ހިނގި ސަރަހައްދުން ލިބިފައިވާ މަންޒަރުތަކަށް ބަލާއިރު، ގާތްގަނޑަކަށް 109 މިލިއަން ޑޮލަރުގެ އަގުބޮޑު މި ބޯޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދާފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން "ކްލާސް އޭ މިސްހެޕް" ނުވަތަ އެންމެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ގިންތީގައި ހިމަނާފައިވާ މި ހާދިސާ ހިނގުމާއެކު، އެ ސަރަހައްދުގެ ގަޑިން ހެނދުނު 10:00 ހާއިރު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. ވެއްޓުނު މި ބޯޓަކީ ތާޑް މެރިން އެއާކްރާފްޓް ވިންގްގެ މެރިން އެއާކްރާފްޓް ގްރޫޕް 11 އަށް ނިސްބަތްވާ ބޯޓެކެވެ.
މެރިން ކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ކާމިޔާބުކަމާއެކު ބޯޓުން ބޭރުވެފައި (އިޖެކްޓްވެފައި) ކަމަށެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށާއި އިތުރު ތަހުލީލުތައް ކުރުމަށް އޭނާ އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެއާބޭސްގެ ފްލައިޓްލައިން ސަރަހައްދަށެވެ.
ހާދިސާ ހިނގި ސަރަހައްދުން ފެންނަ މަންޒަރުތަކުން ބޭސްގެ މަތިން ކަޅު ދުންގަނޑެއް އަރަމުންދާ ތަން ފެނެ އެވެ. އަދި މަތިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓިފައިވަނީ ރަންވޭ ކައިރީގައި އޮތް ހުސް ބިމަކަށެވެ. އަސްކަރިއްޔާގެ މުވައްޒަފުންނާއި ފަޔާ ފައިޓަރުން ދަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ބޯޓު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގެ ގަސްތަކުގައި އަލިފާން ހިފުމާ ގުޅިގެން، ސެން ޑިއޭގޯ ފަޔާ ޑިޕާޓްމަންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ބޯޓު އޮތް ސަރަހައްދުގެ ބިމަށް އަލިފާން ނިއްވުމަށް ބޭނުންކުރާ ހުދު ކުލައިގެ ކެމިކަލް ޖަހާފައި ހުރި މަންޒަރުތައް ފެންނަން ހުރިއިރު، މި ހާދިސާގައި ބިމުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަސްކަރިއްޔާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެފް-35ބީ އަކީ ކުރު ރަންވޭއަކުން އުދުއްސާލުމުގެ ގާބިލުކަން ލިބިފައިވާ އަދި ސީދާ މައްޗަށް އުދުއްސާލައި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފަސްވަނަ ޖީލުގެ ޒަމާނީ ހަނގުރާމަމަތީ ބޯޓެކެވެ. މިއީ މައިގަނޑު ގޮތެއްގައި މެރިން ކޯއިން ބޭނުންކުރާ ބޯޓެއް ކަމަށްވާއިރު، މިއިން ކޮންމެ ބޯޓެއްގެ އަގު ގާތްގަނޑަކަށް 109 މިލިއަން ޑޮލަރަށް އަރަ އެވެ.
މިރަމާރް އެއާބޭސްއަކީ ކުރިން "ޓޮޕް ގަން" ފިލްމުގައި ދައްކުވައިދޭ އެމެރިކާގެ ނޭވީ ފައިޓާ ޕައިލެޓް ސްކޫލް ހިންގި ތަނެވެ. އަދި އެ ދުވަސްވަރު އެތަނަށް "ފައިޓާޓައުން ޔޫއެސްއޭ" ގެ ނަމުން ނިސްބަތްކުރެވުނެވެ. ނަމަވެސް 1996 ވަނަ އަހަރު އެ ބޭސް މެރިން ކޯގެ ދަށަށް ބަދަލުކުރުމާއެކު، އެ ސްކޫލް ވަނީ ނެވާޑާއަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، 2025 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު ކެލިފޯނިއާގެ މެދުތެރޭގައި އޮންނަ ނޭވަލް އެއާ ސްޓޭޝަން ލެމޯ ކައިރިއަށް އެމެރިކާގެ ނޭވީގެ އެފް-35ސީ މަރުކާގެ ބޯޓެއް ވެއްޓުނުތާ ބަރާބަރު އަހަރެއް ފުރުނު ދުވަހު އެވެ. އެ ހާދިސާގައިވެސް ބޯޓު ބިމުގައި ޖެހި އަލިފާން ރޯވުމުގެ ކުރިން ޕައިލެޓް ވަނީ ސަލާމަތުން ބޯޓުން ބޭރުވެފަ އެވެ.










