ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ގޮވާލި އެމެރިކާގެ އެއާ ފޯސް އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި
25 އޯގަސްޓު 2026 | އަންގާރަ 19:07އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިހާނެތި ބަސްތައް ރައްދުކޮށް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި އެއާ ފޯސް އޮފިސަރެއްގެ މައްޗަށް އަސްކަރީ އަދުލުގެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ އުފުލައިފި. މޭޖަރ ޖޭސަން ވޮޓްސަންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމާއި އޮފިސަރެއްގެ ކިބައިގައި ހުރެގެން ނުވާނެ ފަދަ އަމަލުތައް ހިންގުމުގެ ދައުވާތައް އުފުލާފައިވާއިރު، އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ފާޅުގައި ފާޑުކިޔާ ވާހަކަދެއްކި އެއާ ފޯސްގެ މޭޖަރަކަށް ރަސްމީކޮށް ޖިނާއީ ދައުވާ ވަނީ އުފުލާފައި | ސޯޝަލް މީޑިއާ
ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ގޮވާލައި، އެމެރިކާގެ ކެޕިޓޮލްގެ ސިޑިމަތީގައި ހުރެ މުޒާހަރާކުރުމުގެ ތެރެއިން ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެމެރިކާގެ އެއާ ފޯސް އޮފިސަރަކަށް، އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ރަސްމީކޮށް ޖިނާއީ ދައުވާ އުފުލައިފި އެވެ. އޭނާގެ ވަކީލު ސީއެންއެންއާ ހިއްސާކުރި ދައުވާގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި ދައުވާތައް އުފުލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މޭޖަރ ޖޭސަން ވޮޓްސަންގެ މައްޗަށް އަސްކަރީ އަދުލުގެ ގާނޫނު (ޔުނީފޯމް ކޯޑް އޮފް މިލިޓަރީ ޖަސްޓިސް) ގެ ދަށުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ރައީސް ޓްރަމްޕަށް "އިހާނެތި" ބަސްތައް ރައްދުކުރި ކަމަށް ބުނެ އާޓިކަލް 88 ގެ ދަށުން ތިން ދައުވާއަކާއި، އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އާޓިކަލް 92 ގެ ދަށުން ފަސް ދައުވާއެއްގެ އިތުރުން، އޮފިސަރެއްގެ ކިބައިގައި ހުރެގެން ނުވާނެ ފަދަ އަމަލުތަކެއް ހިންގި ކަމަށް ބުނެ އާޓިކަލް 133 ގެ ދަށުން ދެ ދައުވާއެއް ހިމެނެ އެވެ.
އެއާ ފޯސްގެ ތަރުޖަމާނަކު ވަނީ އަންގާރަ ދުވަހު މި ދައުވާތައް އުފުލާފައިވާކަން ސީއެންއެންއަށް ކަށަވަރުކޮށްދީފަ އެވެ.
"މޭޖަރ ވޮޓްސަން އަދިވެސް ހުންނާނީ ޝަރީއަތުގެ ކުރިން ބަންދުކުރެވޭ މަރުކަޒެއްގައި،" ތަރުޖަމާނު ވިދާޅުވި އެވެ. "އަސްކަރީ އަދުލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެއާ ފޯސްގެ ކޮންމެ މެންބަރަކަށްމެ އިންސާފުވެރި ޝަރީއަތެއްގެ ހައްގު ލިބިގެންވޭ. އަދި ކުށް ސާބިތުވުމާ ހަމައަށް އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް ބެލެވޭނެ."
މަދުން ނޫނީ ބޭނުންނުކުރާ އާޓިކަލް 88 ގެ ދަށުން އުފުލާފައިވާ ދައުވާތައް ގުޅެނީ، ޖޫން މަހު "ޑިފެންޑާސް އޮފް އަވަރ ރިޕަބްލިކް" ސަބްސްޓެކް ނިއުސްލެޓަރަށް އޭނާ ދިން އިންޓަވިއުއަކާއި، ޖުލައި 1 ވަނަ ދުވަހު ޔުނީފޯމުގައި ހުރެ އެމެރިކާގެ ކެޕިޓަލްގައި ކުރި މުޒާހަރާއާއި، އޮގަސްޓް 17 ވަނަ ދުވަހު ސީއެންއެންއަށް ދިން އިންޓަވިއުއާ އެވެ.
އަސްކަރީ އަދުލުގެ ގާނޫނުގެ ދަށުން، ޔުނީފޯމުގައި ހުރެ ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވުމާއި، ރައީސާއި ސަރުކާރުގެ އިސްވެރިންނަށް "އިހާނެތި ބަސްތައް" ރައްދުކުރުމަކީ ކުށެކެވެ. އާންމުގޮތެއްގައި މިފަދަ ކުދި މައްސަލަތައް ނުރަސްމީކޮށް ހައްލުކުރި ނަމަވެސް، ވޮޓްސަންގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އާދަޔާ ހިލާފު ބޮޑު މިންވަރަކަށެވެ.
ވޮޓްސަން އެންމެ ފުރަތަމަ ހައްޔަރުކުރީ ޖުލައި މަހު ޔުނީފޯމުގައި ހުރެ ކެޕިޓަލްގައި މުޒާހަރާކުރަނިކޮށެވެ. އޭގެ ފަހުން މިދިޔަ ހަފުތާގައި އޭނާ އަލުން ހައްޔަރުކުރީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ރައީސް ޓްރަމްޕަށް އަނެއްކާވެސް ފާޑުކިޔުމާ ގުޅިގެންނެވެ. އޭނާގެ ވަކީލުންގެ ތެރޭގައި ހިމެނޭ ކްރިސް މުޓިމާ ސީއެންއެންއަށް ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން އޭނާގެ މުވައްކިލު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. މިއީ މަދަނީ ކޯޓުތަކުގައި ކަފާލާތުގެ ދަށުން ދޫނުކޮށް ބަންދުގައި ބެހެއްޓުމާ އެއްފަދަ ފިޔަވަޅެކެވެ.
"ޓްރަމްޕަކީ ހަމައެކަނި ނާކާމިޔާބު ރައީސެއް ނޫން. އޭނާ ދަނީ ފާޅުގައި ގާނޫނުއަސާސީއާ ހިލާފުވެ، ގާނޫނު މުގުރައި، ކޮރަޕްޝަން ފަތުރައި، އެމެރިކާގެ ރައްޔިތުން މަރަމުން،" ސީއެންއެންގެ އެރިން ބާނެޓަށް ދިން އިންޓަވިއުއެއްގައި ވޮޓްސަން ބުނެފައިވެއެވެ. "އަދި އެއީ އަހަންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން."
ޖުލައި މަހު އެއާ ފޯސްގެ ސެކްރެޓަރީ ޓްރޯއީ މީންކް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ސިފައިންވެސް އަމަލުތައް ބެހެއްޓުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ޔުނީފޯމް އެޅުމާ ގުޅޭ ގާނޫނުތަކާއި އުސޫލުތަކަށް ބޯލަނބާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އެމެރިކާގެ ރައްޔިތުން އަހަރެމެންނަށް އިތުބާރުކުރޭ،" މީންކް ވިދާޅުވިއެވެ. "ގައުމުން އަހަރެމެންނަށް ކުރާ އެ އިތުބާރު ކުޑަވާނެ އެއްވެސް ކަމެއް އަހަރެމެން ނުކުރާނަން، އަދި އެކަމަށް ފުރުސަތެއްވެސް ނުދޭނަން."
ވޮޓްސަންގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާތަކުގައި ބުނެފައިވަނީ، ސިފައިން ސިޔާސީ ކަންކަމުގައި ބަސްބުނުން މަނާކުރާ ޑިފެންސް ޑިޕާޓްމަންޓުގެ ގަވާއިދުތަކާ އޭނާ ހިލާފުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ކެޕިޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ނުބައި ގޮތުގައި" ޔުނީފޯމް ބޭނުންކުރުމާއި، ޗުއްޓީގެ އުސޫލުތަކާ ހިލާފަށް ވޮޝިންޓަން ޑީސީއަށް ދަތުރުކުރުމާއި، ސީއެންއެންގެ އިންޓަވިއުއަށް ފަހު ޖެހިގެން އައި ދުވަހު ވަޒީފާއަށް ނުކުތްއިރު ޔުނީފޯމް އެޅުމަށް އިންކާރުކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އެއާ ފޯސްގެ ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި، ވޮޓްސަން ކެޕިޓަލްގައި ކުރި މުޒާހަރާއާއި ސީއެންއެންއަށް ދިން އިންޓަވިއުއަކީ "އޮފިސަރެއްގެ ކިބައިގައި ހުރެގެން ނުވާނެ ފަދަ އަމަލުތަކެއް" ކަމަށެވެ.
ވޮޓްސަންގެ ވަކީލު މުޓިމާ ސީއެންއެންގެ "އައުޓްފްރަންޓް" ޕްރޮގްރާމުގައި ބުނީ، ހޯމަ ދުވަހު އޭނާގެ މުވައްކިލާ ވާހަކަދެއްކި ކަމަށާއި، އޭނާގެ ސަލާމަތަށްޓަކައި މިހާރު ހުރީ އެކަހެރި ބަންދެއްގައި ކަމަށެވެ.
ޖުލައި މަހުގެ މުޒާހަރާ އިންތިޒާމުކުރި "ރިމޫވަލް ކޯލިޝަން" ގެ ބާނީ ޖެސިކާ ޑެންސަން އޭރު ސީއެންއެންއަށް ބުނީ، ވޮޓްސަން މިކަން ކުރީ އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ރަނގަޅަށް އެނގިހުރެ ކަމަށާއި، އޭނާ އެ ޖަމިއްޔާއަށް އީމެއިލް މެދުވެރިކޮށް ގުޅި ކަމަށެވެ.
އަސްކަރީ ކޯޓުތަކުގައި "ވެރިންނަށް އިހާނެތިކޮށް ހިތުމުގެ" ދައުވާ އުފުލުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ސީއެންއެންއިން ބެލި ބެލުމުން އެނގުނު ގޮތުގައި، 1951 ވަނަ އަހަރު މިހާރުގެ އަސްކަރީ އަދުލުގެ ގާނޫނު އަމަލުކުރަން ފެށި ފަހުން މިފަދަ ކުށެއް ސާބިތުވެފައިވަނީ އެންމެ ދެ މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން އެކަކީ 1965 ވަނަ އަހަރު ޓެކްސަސްގެ އެލް ޕާސޯގައި ވިއެޓްނާމް ހަނގުރާމައާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި އާމީ ލެފްޓިނެންޓް ހެންރީ ހޯވްއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ، ވަޒީފާއިން ވަކިކުރުމަށާއި (ޑިސްއޮނަރަބަލް ޑިސްޗާޖް) ކެންސަސްގެ ފޯޓް ލީވަންވޯތު އަސްކަރީ ޖަލުގައި އެއް އަހަރު ދުވަހުގެ ބަންދެއް ވަނީ އިއްވާފައެވެ. ނަމަވެސް އޭރުގެ ޑިފެންސް ސެކްރެޓަރީ ރޮބާޓް މެކްނަމާރާ ވަނީ އޭނާގެ އަދަބު ލުއިކޮށްދީ، މުއްދަތު ހަމަނުވަނީސް ދޫކޮށްލާފަ އެވެ.
އާޓިކަލް 88 ގެ ދަށުން އެންމެ ފަހުން ކުށެއް ސާބިތުވީ 2021 ވަނަ އަހަރު އެވެ. އެއީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލި ގޮތާ މެދު ބައިޑަން ސަރުކާރަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް އާންމުކުރި މެރިން ކޯޕްސްގެ ކުރީގެ ލެފްޓިނެންޓް ކާނަލް ސްޓޫއާޓް ޝެލާގެ މައްޗަށެވެ. އޭނާ ވަނީ ވެރިންނަށް އިހާނެތިކޮށް ހިތުމުގެ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާގެ އަދަބެއްގެ ގޮތުން 5،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނުއިރު، އޭނާ ވަނީ ޕެންޝަން ނުލިބޭ ގޮތަށް ވަޒީފާއިން އިސްތިއުފާ ދީފަ އެވެ.
ފަހުން ޓްރަމްޕް ސަރުކާރުން ވަނީ ޝެލާ، ޕެންޓަގަންގެ އަންޑަސެކްރެޓަރީގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ރިޓަޔާޑް އާމީ ޖަޖް އެޑްވޮކޭޓް އަދި މިސިސިޕީ ކްރިސްޓިއަން ޔުނިވާސިޓީގެ ލޯ ޕްރޮފެސަރެއް ކަމަށްވާ ފްރޭންކް ރޮސެންބްލެޓް ސީއެންއެންއަށް ބުނި ގޮތުގައި، "އިހާނެތި" ބަސްތަކުގެ މާނަ އަސްކަރީ ފަނޑިޔާރުންނަށް ކަނޑައަޅައިދީފައިވަނީ ވަރަށް ފުޅާކޮށެވެ.
ރޮސެންބްލެޓް ބުނި ގޮތުގައި، އާޓިކަލް 88 ގެ ދަށުން "އިހާނެތި" ބަސްތަކުގެ ގޮތުގައި ބެލެވެނީ މީހަކަށް އިހާނެތިކޮށް، ހަރުކަށިކޮށް ނުވަތަ ދަށްކޮށްލުމުގެ ގޮތުން ބުނާ ބަސްތަކަށެވެ.
އޭނާ ލަފާކުރާ ގޮތުގައި، ވޮޓްސަން ދެއްކި ވާހަކަތަކަކީ ތެދު ވާހަކަތަކެއްތޯ ނުވަތަ އެއީ ރައީސަށް ކުރި އިންސާފުވެރި ފާޑުކިޔުމެއްތޯ ބެލުމަށްޓަކައި، އާޓިކަލް 32 ގެ ދަށުން ކުރިއަށްގެންދާ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހިދާނެ އެވެ.










