ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
19 އޯގަސްޓު 2026 | ބުދަ 07:37އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް މުވައްޒަފެއް ކަމަށްވާ ނަޓާލީ ހާޕް، ޓްރަމްޕްގެ ދަތުރުފުޅުތަކުގައި ގަވާއިދުން ބައިވެރިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ޓްރަމްޕްގެ އެގްޒެކެޓިވް އެސިސްޓެންޓްގެ މަގާމުގައި ހުރި ހާޕްއަކީ ޓްރަމްޕަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ސޯޝަލް މީޑިއާ ބެލެހެއްޓުމުގައި ބޮޑު ނުފޫޒެއް ފޯރުވާ ފަރާތެއް ކަމަށް ރިޕޯޓްތައް ބުނޭ

މެދުއިރުމަތީގައި ހިންގި އޮޕަރޭޝަންތަކެއްގައި މަރުވި އެމެރިކާ ސިފައިންގެ ހަށިތައް ގައުމަށް ގެނައުމަށް ބޭއްވި އިއްޒަތުގެ ރަސްމިއްޔާތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އެހީތެރިޔާ ނަޓާލީ ހާޕް ބައިވެރިވަނީ | ގެޓީ އިމޭޖަސް
ކަނާތު ފިޔައިގެ "ވަން އެމެރިކާ ނިއުސް ނެޓްވޯކް" ގެ ކުރީގެ ހޯސްޓް، ނަޓާލީ ހާޕް އަކީ އާންމުކޮށް ޑޮނަލްޑް ޓްރަމްޕާއެކު ފެންނަ ފަރާތެކެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ނިއު ޖާޒީގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކްލަބަށް ކުރެއްވި ދަތުރުފުޅުގައި ވެސް އޭނާ ބައިވެރިވެފައިވެ އެވެ. ޖުމްލަކޮށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުތަކުގަ އާއި ބައްދަލުވުން ތަކުގައި އޭނާ ބައިވެރިވާތީ އެކަމާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު އެމެރިކާގެ ސިޔާސީ ލީޑަރުންނާއި މީޑިއާގެ ސަމާލުކަމަށް ވެސް މިކަން ވަނީ އައިސްފަ އެވެ. އެންމެ ފަހުން ހާޕް ވެފައިވަނީ މި ދުވަސްކޮޅު އެމެރިކާގެ ސިޔާސީ މަސްރަހުގައި އެންމެ ހޫނު އެއް މައުޟޫއަށް ވެފަ އެވެ.
ޓްރަމްޕްގެ އަރިސް މީހުންގެ ތެރޭގައި ހާޕް ހިމެނޭތާ މިހާރު އަހަރުތަކެއް ވެފައިވާއިރު، 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި އޭނާއަށް "ހިއުމަން ޕްރިންޓަރު" ގެ ނަމުން ނިސްބަތްކުރެވުނެވެ. އެއީ ޓްރަމްޕް ޝައުގުވެރިވެދާނެ ފަދަ ޚަބަރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ޕްރިންޓްކޮށްގެން އެރުވުމަށްޓަކައި، އޭނާ އަބަދުވެސް އަތްދަބަހުގައި ޕްރިންޓަރެއް ގެންގުޅޭތީ ދެވުނު ނަމެކެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި، ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން ވަނީ ހާޕް އާއި ޓްރަމްޕާ ގުޅުވައިގެން ތަފާތު ވާހަކަތަކެއް ދައްކާފަ އެވެ. މި ވާހަކަތައް ބިނާވެފައިވަނީ އުމުރުގެ ގޮތުން މާ ހަގު ހާޕް، ރައީސް ޓްރަމްޕާއެކު ގަވާއިދުން ފެންނާތީ އެކަމުގެ މައްޗަށެވެ.
ޖޯޖިއާގެ ޑިމޮކްރެޓިކް ސެނެޓަރު ޖޯން އޮސޮފް ހޮނިހިރު ދުވަހު ޓްރަމްޕަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ޓްރަމްޕް ބޭނުންވަނީ މަސައްކަތް ކުރަން ނޫން ކަމަށާއި، އޭނާ ބޭނުންވަނީ ބޯލްރޫމްތައް ބިނާކޮށް، ގަތަރުގެ އަމީރު ހަދިޔާކުރެއްވި "އުދުހޭ ގަނޑުވަރުގައި" ނަޓާލީއާއެކު ދަތުރުކުރަން ކަމަށެވެ. މީގެ އިތުރުން މިޗިގަންގެ ސްޓޭޓް ސެނެޓްގެ މެޖޯރިޓީ ވިޕް މެލޮރީ މެކްމޮރޯ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި "މި ނަޓާލީއަކީ ކާކުތޯ" ސުވާލު އުފައްދާފައިވެ އެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮސޮފް އެ އިޝާރާތް ކުރެއްވީ މިދިޔަ މަހު ތުރުކީން ފުރާވަޑައިގަންނަވަނިކޮށް ޓްރަމްޕް ސިއްރުން ބޯޓު ބަދަލުކުރެއްވި ހާދިސާއަށެވެ. އެގޮތުން ގަތަރުން ހަދިޔާކުރި އެއާ ފޯސް ވަން ޖެޓް ދޫކޮށްލުމަށްފަހު، ހާޕް ހިމެނޭހެން މަދު އެހީތެރިންކޮޅަކާއެކު ޓްރަމްޕް އެހެން ބޯޓަކަށް ބަދަލުވި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
މި ހާދިސާ ރިޕޯޓްކުރި ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަރު އަދި ޓްރަމްޕްގެ ހަޔާތުނާމާ ލިޔުއްވި މެގީ ހެބަމަން، ހާޕް ޓްރަމްޕާއެކު ދަތުރުކުރާ ސަބަބާ މެދު ސުވާލު އުފައްދަމުން ބުނެފައިވަނީ، ހާޕް އަކީ ޓްރަމްޕްގެ "ހިއުމަން ބިންކީ" (ހިތްހަމަޖައްސައިދޭ މީހާ) ކަމަށެވެ.

އޮގަސްޓް މަހުގެ 16 ވީ އާދީއްތަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އެހީތެރިޔާ ނަޓާލީ ހާޕް، ވައިޓް ހައުސް ކައިރީގައި އޮންނަ އެލިޕްސް ސަރަހައްދަށް "މެރިން ވަން" ހެލިކޮޕްޓަރުގައި ވަޑައިގަތުމަށްފަހު ވައިޓް ހައުސްއަށް އެނބުރި ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
ހާޕްއާ ގުޅޭގޮތުން އޮސޮފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، އޮސޮފް އަކީ "ޕީ ވީ ހާމަން" (ކުޑަކުދިންގެ ކެރެކްޓާއެއް) ފަދަ މީހެއް ކަމަށެވެ. އަދި ވައިޓް ހައުސްގެ ތަރުޖަމާނު ސްޓީވަން ޗަންގް ވެސް ވަނީ އެކްސްގައި އޮސޮފްއަށް ހަމަލާދީފަ އެވެ. ޗަންގް ވިދާޅުވީ ގައުމަށް ޚިދުމަތްކުރާ ހީވާގި މުވައްޒަފުންގެ އަގު ވައްޓާލުމުގެ ބަދަލުގައި، އޮސޮފް އަކީ ގައުމު ދެކެ ލޯބިނުވާ، ހަރުކަށި ފިކުރުގެ ޑިމޮކްރެޓެއް ކަމަށެވެ. މީގެ އިތުރުން ސީއެންއެންގެ އެނަލިސްޓް ސްކޮޓް ޖެނިންގްސް ވެސް ވަނީ އޮސޮފްގެ ވާހަކަތަކަށް ފާޑުކިޔާ، މިއީ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ޒުވާން އަންހެނުންނަށް ޑިމޮކްރެޓިކް ޕާޓީން ދޭ ވަރަށް ހުތުރު މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ.
އުމުރުން 35 އަހަރުގެ ހާޕް، ޓްރަމްޕްގެ އަރިސް ފަރާތަކަށް ވީ 2019 ވަނަ އަހަރު އެވެ. އެއީ އޭނާއަށް ޖެހިފައިވާ ކަށީގެ ކެންސަރަށް ސްޕެޝަލިސްޓުންގެ ފަރުވާ ހޯދުމުގެ ފުރުސަތު ލިބުނީ ޓްރަމްޕް ތަސްދީގުކުރެއްވި ގާނޫނެއްގެ ސަބަބުން ކަމަށް ބުނެ އެކަމަށް ތައުރީފުކުރުމާ އެކުގަ އެވެ.
އޭނާ ވަނީ 2020 ވަނަ އަހަރުގެ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަންގައި ވާހަކަދައްކައި، 2024 ގެ ކެމްޕޭންގައި ވެސް މަސައްކަތްކޮށްފަ އެވެ. ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު އޭނާ އައްޔަންކުރެވުނީ ރައީސްގެ އެގްޒެކެޓިވް އެސިސްޓެންޓްގެ މަގާމަށެވެ. ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕަށް ލިބޭ މައުލޫމާތުތައް ކޮންޓްރޯލް ކުރުމުގައި ހާޕްގެ ނުފޫޒު އޮންނަ މިންވަރާ މެދު ޓްރަމްޕްގެ އަރިސް ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެގޮތުން އޭނާ ޓްރަމްޕަށް މައުލޫމާތު ފޯރުކޮށްދެނީ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ ވަސީލަތްތަކުން ކަމަށާއި، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔެ، ޝާއިއުކުރުމުގައި ވެސް އެންމެ ފަހު ބަސް ބުނަނީ އޭނާ ކަމަށް އެ ނޫހުން ބުނެ އެވެ. މީގެ އިތުރުން، މިދިޔަ ޖުލައި މަހު ނެރުނު "ރެޖީމް ޗޭންޖް" ފޮތުގައި ބުނެފައިވާ ގޮތުގައި، ހާޕް ޓްރަމްޕަށް ފޮނުވާފައިވާ ބައެއް ސިޓީތަކުގެ ސަބަބުން ސީކްރެޓް ސާރވިސްގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ. ޖޮނަތަން ސްވޯން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހާޕް އަކީ ޓްރަމްޕަށް މުޅިން ހުސްވެގެން ހުންނަ މީހެއް ކަމަށާއި، އޯވަލް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް އޭނާ އަބަދުވެސް އިންނަނީ ލެޕްޓޮޕް ހުޅުވައިގެން ޓްރަމްޕްގެ އަރިހުގައި ކަމަށެވެ.









