އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި
29 އޯގަސްޓު 2026 | ހޮނިހިރު 14:35މި އޮޕަރޭޝަނާ ގުޅޭ ގޮތުން އައިއާރުޖީސީ އިން ބުނީ، ސަލާމަތީ ބާރުތަކުން ދިން ވަރުގަދަ ހަމަލާތަކުގައި އެ ގުރޫޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް. މި ކުރިމަތިލުންތަކުގައި އެ ގުރޫޕަށް ނިސްބަތްވާ އެކަކު ބަޑި ޖަހައި މަރާލާފައިވާއިރު، އެ ޖަމާއަތަށް ނިސްބަތްވާ އަދި އެހީތެރިކަން ފޯރުކޮށްދޭ ހަ މީހަކު ވަނީ ހައްޔަރުކޮށްފައި


އީރާންގެ އަސްކަރީ އޮފިޝަލުންތަކެއް ހަމަލާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރެއް | ރޮއިޓާސް
އީރާންގެ އިރުދެކުނު ސަރަހައްދެއް ކަމަށްވާ ސަރަވަންގައި ހަރަކާތްތެރި ވަމުންދިޔަ "ޓެރަރިސްޓް ގުރޫޕަކާ" ދެކޮޅަށް އެ ޤައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި އެވެ.
އީރާންގެ ފާސް ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއާރުޖީސީ އާއި ގުދުސް ފޯސްގެ ގްރައުންޑް ފޯސްތައް ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބިނާކޮށް ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން އައިއާރުޖީސީ އިން ބުނީ، ސަލާމަތީ ބާރުތަކުން ދިން ވަރުގަދަ ހަމަލާތަކުގައި އެ ގުރޫޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ކުރިމަތިލުންތަކުގައި އެ ގުރޫޕަށް ނިސްބަތްވާ އެކަކު ބަޑި ޖަހައި މަރާލާފައިވާއިރު، އެ ޖަމާއަތަށް ނިސްބަތްވާ އަދި އެހީތެރިކަން ފޯރުކޮށްދޭ ހަ މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ.
އީރާންގެ ސަލާމަތީ ބާރު ތަކުން ބުނި ގޮތުގައި، މި އޮޕަރޭޝަން ހިންގި ސަރަހައްދުން ގޮވާ ތަކެތީގެ 20 ޕެކޭޖާއި، ގޮއްވާލުމަށް ބޭނުންކުރާ އެކި އާލާތްތައް ވަނީ އަތުލައިގަނެފައި އެވެ. މީގެ އިތުރުން، އެ ގުރޫޕުން ގެންގުޅުނު އާދައިގެ ހަތިޔާރާއި މެދުފަންތީގެ ބަރު ހަތިޔާރުގެ އިތުރުން، މުއާސަލާތީ ކަންކަމަށް ބޭނުންކުރާ ސްޓާލިންކް ޑިވައިސްތަކެއް ވެސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އައިއާރުޖީސީ އިން ތުހުމަތުކުރާ ގޮތުގައި، މި ގުރޫޕަކީ އިސްރާއީލް އާއި އެމެރިކާއާ ގުޅުން އޮންނަ ބައެކެވެ. އަދި މި މީހުން ރާވަމުން ދިޔައީ މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅުވައިގެން، އީރާންގެ ދެކުނު ޕްރޮވިންސްތަކުގެ އެކި އަމާޒުތަކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ކަމަށް ވެސް އީރާންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައި އެވެ.
މި އޮޕަރޭޝަނަކީ އީރާންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއްގެ ގޮތުގައި އެ ޤައުމުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައި އެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










