Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަނޑުފޭރުން

އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ

29 އޯގަސްޓު 2026 | ހޮނިހިރު 11:46

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާރުތަކުގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިފައިވާ ދަނޑިވަޅެއްގައި، ސޯމާލިއާ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ކަނޑުފޭރޭ މީހުން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މި ނުރައްކަލާ ދެކޮޅަށް ތުރުކީ ފަދަ ގައުމުތަކުން ޑްރޯން ހަމަލާތައް ދޭން ފަށާފައިވާއިރު، މީގެ ސަބަބުން ސަރަހައްދީ ސިޔާސީ މަސްލަހަތު ގޯސްވެ، ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކުގެ ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 11:46
އުމުރުން 39 އަހަރުގެ އަބްދުލް ހަސަން އޭނާގެ ބައެއް ބައިވެރިންނާއެކު ކުޑަ ބޯޓެއްގައި އާރް.ޕީ.ޖީ (ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް) ހިފައިގެން ހަރަކާތްތެރިވަނީ. "ނުނިދާ މީހާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން އަކީ "ސެންޓްރަލް ރީޖަނަލް ކޯސްޓް ގާޑް" ގެ ނަމުން ނަންދީފައިވާ ކަނޑުފޭރޭ ގްރޫޕެއްގެ އިސްވެރިއެއް

އުމުރުން 39 އަހަރުގެ އަބްދުލް ހަސަން އޭނާގެ ބައެއް ބައިވެރިންނާއެކު ކުޑަ ބޯޓެއްގައި އާރް.ޕީ.ޖީ (ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް) ހިފައިގެން ހަރަކާތްތެރިވަނީ. "ނުނިދާ މީހާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން އަކީ "ސެންޓްރަލް ރީޖަނަލް ކޯސްޓް ގާޑް" ގެ ނަމުން ނަންދީފައިވާ ކަނޑުފޭރޭ ގްރޫޕެއްގެ އިސްވެރިއެއް | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުފޫޒު ސަރަހައްދަށް ފެތުރެމުންދާއިރު، ސޯމާލިއާ ކައިރީގައި ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވެއްޖެ އެވެ.

އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ކަނޑުގެ މަގުތައް ބަންދުވެ، ހަމަނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސޯމާލިއާ ކައިރީގައި ކަނޑުފޭރުން އިތުރުވުމަކީ މުދާ އުފުލާ އުޅަނދުފަހަރަށް އޮތް ނުރައްކާ ބޮޑުވެގެންދިޔަ ކަމެކެވެ.

ވޭތުވެދިޔަ ހަފުތާގެ ހަތަރު ދުވަހުގެ ތެރޭގައި އަދަން ކަނޑުއޮޅިން މުދާ އުފުލާ ދެ އުޅަނދެއް ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، މިއީ މި އަހަރުގެ މިހާތަނަށް ހަމަލާދިން 13 ވަނަ އުޅަނދެވެ. މިއާއެކު، ކަނޑުފޭރޭ މީހުންނާ ދެކޮޅަށް މީގެ ކުރިން ނުފެންނަ ފަދަ ވަރުގަދަ ޑްރޯން ހަމަލާތަކެއް ދޭން ވަނީ ފަށާފަ އެވެ.

މިއީ ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އުޅަނދުފަހަރު ހައިޖެކް ކުރުން މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މި ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕް (އައި.ސީ.ޖީ) ގެ ސޯމާލިއާ އެނަލިސްޓް އުމަރު މަހްމޫދު ވިދާޅުވި ގޮތުގައި، ކަނޑުފޭރުމަކީ އަބަދުވެސް ފުރުސަތަކަށް ބަލައިގެން ހިންގާ ޖަރީމާއެކެވެ. އަދި މިވަގުތަކީ ކަނޑުފޭރޭ މީހުންނަށް އެފަދަ ފުރުސަތެއް އޮތް ވަގުތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ފުރުސަތު ލިބިފައިވަނީ އުތުރުގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.

އީރާނާއި އެމެރިކާއިން ދަނީ އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ހަނގުރާމަ ކުރަމުންނެވެ.

މީގެ އިތުރުން، ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިން ވަނީ ރަތްކަނޑަށް ވަދެވެން އޮންނަ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިއީ ސައުދީ އަރަބިއްޔާއާ ދެމެދު އޮތް މައްސަލައެއްގެ ތެރެއިން ކުރާ ކަމެއް ނަމަވެސް، މީގެ ސަބަބުން ބައިނަލްއަގުވާމީ އުޅަނދުފަހަރަށް އޮތް ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

ސޯމާލިއާގެ އައްސޭރިފަށުގެ ސަލާމަތް ބަލަހައްޓާ ޔޫރަޕިއަން ޔޫނިއަންގެ ނޭވަލް ފޯސްގެ އޮޕަރޭޝަން ކޮމާންޑަރު ވައިސް އެޑްމިރަލް އިގްނާސިއޯ ވިލަނުއޭވާ ސެރާނޯ ވިދާޅުވީ، ހުރްމުޒް އާއި ބާބުލް މަންދަބުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ބާރުތަކުގެ ސަމާލުކަން ހުންނާނީ އެ ދިމާލަށް ކަމަށާއި، ކަނޑުފޭރޭ މީހުން ހޯދަން އިސްކަން ނުދޭނެ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ.

އެންމެ ފަހުން ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންދިޔަ އުޅަނދުފަހަރުގެ ތެރޭގައި ކެމަރޫންގެ ދިދަ ޖަހާފައިވާ "އެމް.ވީ ލުތުފް" ހިމެނެ އެވެ. މި އުޅަނދަށް ހަމަލާދިނީ އޮގަސްޓް 17 ވަނަ ދުވަހު ސޯމާލިއާގެ ޕަންޓްލޭންޑް ސަރަހައްދުގެ އައްސޭރިފަށުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޔަމަނާ ކައިރި ސަރަހައްދަކުން އެރިތުރިއާގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ އުޅަނދެއް ކަމަށްވާ "އެމް.ޓީ ސިބޫ 1" އަށް ވެސް ކަނޑުފޭރޭ މީހުން ވަނީ އަރާފަ އެވެ.

މިދިޔަ އަހަރު ތުރުކީވިލާތުގެ ގުއްލުކް ބަނދަރު ކައިރިން "އެމްވީ ލުތުފު" ނަމަކަށް ކިޔާ އުޅަނދު ހައިޖެކްކޮށްފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު

މިދިޔަ އަހަރު ތުރުކީވިލާތުގެ ގުއްލުކް ބަނދަރު ކައިރިން "އެމްވީ ލުތުފު" ނަމަކަށް ކިޔާ އުޅަނދު ހައިޖެކްކޮށްފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު | ވެސެލްފައިންޑާ

"ލުތުފް" އުޅަނދު ހައިޖެކް ކުރުމާ ގުޅިގެން ހީނުކުރާ ފަދަ ނަތީޖާތަކެއް ވަނީ ނުކުމެފައެވެ.

އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން ދިން ދެ ޑްރޯން ހަމަލާއެއްގައި، ކަނޑުފޭރޭ މީހުންނަށް ތަކެތި ފޯރުކޮށްދޭ ނެޓްވޯކަކަށް ނިސްބަތްވާ ކަމަށް ބެލެވޭ 13 މީހަކު ވަނީ މަރާލާފަ އެވެ. މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، އެ ސަރަހައްދުގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މިއީ ތުރުކީން ދިން ހަމަލާތަކެކެވެ. އެއީ އެ އުޅަނދުގައި ތުރުކީގެ ހަތިޔާރު ހުރި ކަމަށް ބުނެ އެވެ.

ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ލުތުފް" އާއެކު ޖުމްލަ ހަ އުޅަނދެއް މިހާރު ވަނީ ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށުގަ އެވެ. އެމީހުން ދަނީ މި އުޅަނދުތައް ދޫކޮށްލުމަށް މިލިއަނުން ފައިސާ ދިނުމަށް ޑިމާންޑް ކުރަމުންނެވެ. މީގެ ތެރެއިން ހަތަރު އުޅަނދެއް ބާއްވާފައިވަނީ ކަނޑުފޭރުމުގެ ހާއްޔެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބަންދަރް ބޭލާ ކިޔާ މަސްވެރި އަވަށެއްގެ ކައިރީގަ އެވެ.

މިއީ މީގެ 15 އަހަރު ކުރިން، ދުނިޔޭގެ އިގްތިސާދަށް ބިލިއަނުން ގެއްލުންވި ދުވަސްވަރާ އަޅާބަލާއިރު އަދި މަދު އަދަދެކެވެ. 2011 ވަނަ އަހަރު ސޯމާލިއާގެ ކަނޑުފޭރޭ މީހުން 200 އަށްވުރެ ގިނަ ހަމަލާދީ، އެތައް ސަތޭކަ ފަޅުވެރިންނެއް ރަހީނުކުރި އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސިފައިން ގުޅިގެން ދިން ރައްދާއި، ވިޔަފާރި އުޅަނދުފަހަރުގައި އަމިއްލަ ސެކިއުރިޓީ ބޭނުންކުރުމުގެ ސަބަބުން، 2023 އާއި 2024 ވަނަ އަހަރު މި ނުރައްކާ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނެވެ.

ނަމަވެސް މާހިރުން ފާހަގަކުރާ ގޮތުގައި، ކަނޑުފޭރޭ ނެޓްވޯކްތައް ފިއްތާލެވުނު ނަމަވެސް، އެމީހުން މުޅިން ނައްތައެއް ނުލެވެ އެވެ. އެއީ ސޯމާލިއާގެ އިގްތިސާދީ އަދި ސަލާމަތީ ހާލަތު ރަނގަޅު ނުކުރެވޭތީ އެވެ.

މިހާރު ކަނޑުފޭރުން އިތުރުވާން ދިމާވި އެއް ސަބަބަކީ، ސޯމާލިއާގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓުފަހަރުން ގަވާއިދާ ހިލާފަށް މަސްބޭނުމުގެ ސަބަބުން ޕަންޓްލޭންޑްގެ މަސްވެރިންގެ މެދުގައި އުފެދިފައިވާ ނުރުހުމެވެ.

މީގެ އިތުރުން، މިހާރު ކަނޑުފޭރޭ މީހުންނަށް ލިބޭ ފުރުސަތުތަކާއި ފައިދާ ވެސް ބޮޑެވެ. 

ސަރަހައްދީ ހަމަނުޖެހުންތަކާ ހުރެ، އުތުރުގެ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި ބައެއް އުޅަނދުފަހަރު ދަނީ ސޯމާލިއާގެ އައްސޭރިފަށާ މާ ކައިރިން ދަތުރުކުރަމުންނެވެ. އަދި ތެލުގެ އަގު ބޮޑުވެފައިވުމުން، ތެޔޮ ބޯޓެއް ހައިޖެކް ކުރުމަކީ ކަނޑުފޭރޭ މީހުންނަށް ލިބޭ ބޮޑު މަންފާއެކެވެ.

އެނަލިސްޓް މަހްމޫދު ބީބީސީއަށް ވިދާޅުވި ގޮތުގައި، ކަނޑުގެ ސިފައިންގެ ބެލެހެއްޓުން މަދުވެފައިވާ މި ދަނޑިވަޅުގައި ވިޔަފާރި އުޅަނދުތައް ގިނަވުމަކީ ކަނޑުފޭރޭ މީހުންނަށް ލިބުނު ދައުވަތެކެވެ.

އަދި އެއް ހަމަލާ ކާމިޔާބުވުމުން، އެހެން ގްރޫޕްތަކުން ވެސް އެކަން ނަކަލުކޮށް ހަމަލާތައް ދޭން ފަށާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

ޔަމަނުގެ އައްސޭރިފަށުން ބައެއް އުޅަނދުތައް އަތުލައިގަނެފައިވުމުން، ސޯމާލިއާގެ ކަނޑުފޭރޭ މީހުންނާއި ޔަމަނުގެ ބަޔަކާ ދެމެދު ގުޅުމެއް އޮވެދާނެ ކަމަށް މާހިރުން ޝައްކުކުރެ އެވެ.

ނަމަވެސް މަހްމޫދު ވިދާޅުވާ ގޮތުގައި، މިއީ އީރާނުގެ ހޫޘީންނަށްވުރެ ބޮޑަށް ކުށްކުރާ ގްރޫޕްތަކެއްގެ މަސައްކަތް ކަމަށް ބެލެވެ އެވެ. އެއީ މިދިޔަ ހަފުތާގައި އަތުލައިގަތް "އެމް.ޓީ ސިބޫ 1" އަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އީރާނުން ބޭނުންކުރާ "ޝެޑޯ ފްލީޓް" ގެ އުޅަނދަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ މިއީ ސީދާ އީރާނުން އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް، އެންމެ ފަހުން ހިނގި ހައިޖެކް ކުރުންތަކުގައި ތުރުކީގެ މަސްލަހަތު އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕަންޓްލޭންޑްގެ ސަލާމަތީ މަސްދަރުތަކާއި ސޯމާލިއާ ސަރުކާރުގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވި ގޮތުގައި، "ލުތުފް" އުޅަނދުގައި ހުރީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ތުރުކީގެ އަސްކަރީ ތަމްރީނު މަރުކަޒަކަށް ގެންދާ ހަތިޔާރެވެ. ތުރުކީއާއި ސޯމާލިއާއާ ދެމެދު ވަނީ ކަނޑުގެ ސަލާމަތް ވަރުގަދަކުރުމުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި، "ލުތުފް" އުޅަނދު ކައިރީގައި މިހާރު ބައިނަލްއަގުވާމީ ހަ ހަނގުރާމަމަތީ ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ތުރުކީގެ ދެ ބޯޓާއި، ސްޕެއިން، ޑެންމާކް، އެމެރިކާ އަދި އިންޑިއާގެ ބޯޓެއް ހިމެނެ އެވެ. 

ސޯމާލިއާ ސަރުކާރުގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ބީބީސީއަށް ވިދާޅުވީ، އެ އުޅަނދުގައި ހުރީ ތުރުކީން ސޯމާލިއާގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ އަސްކަރީ ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ތުރުކީން މޮގަދިޝޫގެ އުތުރުގައި ބިނާކުރާ ސްޕޭސް ސްޓޭޝަނަކަށް ބޭނުންވާ ސެޓެލައިޓް ސާމާނު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އާދީއްތަ ދުވަހު ހަތިޔާރު އެޅި ނުވަ މީހުން މަރާލި ދެވަނަ ޑްރޯން ހަމަލާ ދިނީ ތުރުކީންނެވެ.

އޭނާ ވިދާޅުވީ މަރާލެވުނު މީހުންނަކީ ކުށްވެރިން ކަމަށާއި އެމީހުންނަށް ހަމްދަރުދީއެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކުގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގައި ހައިޖެކް ކުރި އުޅަނދާ ގުޅިގެން، ސަލާމަތީ އެއްބަސްވުމުގެ ދަށުން ސޯމާލިއާގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ޑްރޯން ހަމަލާތަކާ ގުޅޭ ތުހުމަތުތަކަށް އެ މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މޮގަދިޝޫގައި އޮންނަ ސޯމާލިއާ ސަރުކާރުން ބުނެފައިވަނީ، ކަނޑުފޭރޭ ގްރޫޕްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އެނގޭ ކަމަށާއި، އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް ޕަންޓްލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބީބީސީ ސޯމާލީ ސާވިސްއަށް މައުލޫމާތު ދެއްވަމުން ޕަންޓްލޭންޑްގެ ޑެޕިއުޓީ ސެކިއުރިޓީ މިނިސްޓަރު އަބްދުއްރަހްމާން ޔޫސުފް ވިދާޅުވީ، އެ ހަމަލާތަކުގެ ފަހަތުގައި އޮތީ ތުރުކީކަން ސާބިތުވާ ހެކި އެބަހުރި ކަމަށެވެ.

ޕަންޓްލޭންޑްގެ ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ބައިނަލްއަގުވާމީ ހަނގުރާމަމަތީ ބޯޓުފަހަރުން އާންމުންނަށް އަމާޒުކޮށް ބޮން އެޅުމާ ދެކޮޅު ހަދާފައިވެ އެވެ. އަދި މިއީ ކަނޑުފޭރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ބުނެ، އެކަން ކުރި ސަބަބު ސާފުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މާހިރުން ބުނާ ގޮތުގައި، ތުރުކީއާއި ސޯމާލިއާ ސަރުކާރާ ދެމެދު އޮތް ގާތް އަސްކަރީ ގުޅުމާ މެދު ޕަންޓްލޭންޑުން ޝައްކު ކުރެ އެވެ. މީގެ ސަބަބުން، ސޯމާލިއާ ސަރުކާރާއި ޕަންޓްލޭންޑާ ދެމެދު އޮތް ސިޔާސީ މައްސަލަތައް އިތުރަށް ގޯސްވެ، ކަނޑުފޭރުން ހުއްޓުވުމަށް ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާނެ އެވެ.

ކަނޑުފޭރުން އަދި ކުރީގެ މިންވަރަށް އިތުރެއް ނުވެ އެވެ. ނަމަވެސް އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުމަކަށް ނައިސް، ނުވަތަ ބައިނަލްއަގުވާމީ ފަރާތްތަކުން މިކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ނުކޮށްފިނަމަ، ދުނިޔޭގެ މުހިންމު ކަނޑުގެ މަގުތަކުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ދާނީ ބޮޑުވަމުންނެވެ.

ސޯމާލިއާކަނޑުފޭރުންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
28 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ ސަބަބުން ވިލާތުގައި ހުރި އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް "ނުރައްކާތެރި މިންވަރަކަށް" މަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލަކާއި ނޭޓޯގެ އޮފިޝަލަކު އިއުތިރާފުވެއްޖެ

28 އޯގަސްޓު 2026
އީރާން ހަނގުރާމައިގެ ސަބަބުން ވިލާތުގައި ހުރި އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް "ނުރައްކާތެރި މިންވަރަކަށް" މަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލަކާއި ނޭޓޯގެ އޮފިޝަލަކު އިއުތިރާފުވެއްޖެ
28 އޯގަސްޓު 2026

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
28 އޯގަސްޓު 2026

ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް

28 އޯގަސްޓު 2026
ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް
27 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ރައްދުދޭނީ ކިހިނެއް؟

27 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ރައްދުދޭނީ ކިހިނެއް؟
27 އޯގަސްޓު 2026

ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

27 އޯގަސްޓު 2026
ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
27 އޯގަސްޓު 2026

މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން

27 އޯގަސްޓު 2026
މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން
27 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި

27 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި
27 އޯގަސްޓު 2026

މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް

27 އޯގަސްޓު 2026
މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް