Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުކޮވިޑް-19

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026 | ބުދަ 15:42

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން އެމެރިކާގެ ސެނެޓުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެންތަނީ ފައުޗީ އިންކާރު ކުރެއްވީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަށް ރިޕަބްލިކަން މެންބަރުން މަސައްކަތް ކުރައްވާފާނެތީ. މި މައްސަލައިގައި ފައުޗީ ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ ހަނުހުރުމުގެ އިޚުތިޔާރު ބޭނުންކުރެއްވިއިރު، ސެނެޓަރ ރޭންޑް ޕޯލް ވަނީ ފައުޗީގެ ޑައިރީގެ ލިޔުންތަކުގައި ވައިރަހުގެ އަސްލާ މެދު ފުށުއެރުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފައި

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 15:42

ޔޫއެސް ސެނެޓުން ކުރި ހުރިހާ ސުވާލުތަކަކަށް ޖަވާބު ދެއްވުމަށް ޑރ. ފައުޗީ ކަނޑައެޅިގެން އިންކާރު ކުރައްވައި، އެމެރިކާގެ ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ ހަނުހުރުމުގެ އިމްތިޔާޒުގެ ބޭނުން ހިއްޕަވައިފި | ސްކްރީން އިމޭޖް

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން އެމެރިކާގެ ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް އެންތަނީ ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި އެވެ. ފައުޗީ ވިދާޅުވީ، އޭނާ ދައްކާ ވާހަކައިގެ ބޭނުން ހިފައިގެން، ދޮގު ހެކި ދިނުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށް ރިޕަބްލިކަން ޕާޓީގެ މެންބަރުން މަސައްކަތް ކުރައްވާފާނެތީ ބިރުގަންނަ ކަމަށެވެ.

މި މައްސަލައިގައި ފައުޗީ ވަނީ އެމެރިކާގެ ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ އިޚުތިޔާރުގެ ބޭނުން ކުރައްވާފަ އެވެ. އެ އިސްލާހުގައި ބަޔާންކުރާ ގޮތުގައި، އެއްވެސް މީހަކަށް އަމިއްލަ ނަފްސާ ދެކޮޅަށް ޖިނާއީ މައްސަލައެއްގައި ހެކިބަސް ދިނުމަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

މި އަޑުއެހުން ބޭއްވުމުގެ ދުވަސްތަކެއް ކުރިން، ރިޕަބްލިކަން ސެނެޓަރ ރޭންޑް ޕޯލް ވަނީ ކޮވިޑްގެ ދުވަސްވަރު ފައުޗީ ލިޔުއްވާފައިވާ 1،000 އަށްވުރެ ގިނަ ސަފުހާގެ ލިޔުންތަކެއް އާންމުކުރައްވާފަ އެވެ. އެ ލިޔުންތަކުގައި ކޮވިޑްގެ އަސްލާ ގުޅޭގޮތުން ފައުޗީގެ ޚިޔާލުތައް ހިމެނެ އެވެ.

ފައުޗީ ވިދާޅުވީ ސެނެޓަރ ޕޯލް އޭނާއާ މެދު ޒާތީ ހަސަދައެއް ގެންގުޅުއްވާ ކަމަށެވެ. އަދި މީގެ ކުރިން ކޮންގްރެސްގެ އެކި އަޑުއެހުންތަކުގައި ހުވާގެ މަތީގައި ހުރެ ކޮވިޑާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ގާނޫނު ހަދާ މަޖިލީހަށް އަޅުގަނޑު ކުރާ އިހުތިރާމު ބޮޑު ނަމަވެސް މިގޮތަށް އަމަލުކުރަން ޖެހުމަކީ ހިތާމަކުރާ ކަމެއް. ނަމަވެސް އަޅުގަނޑުގެ ވަކީލުންގެ ލަފާގެ މަތިން، ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ ހައްގުގެ ބޭނުން ހިފައި، ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދިނުމުން އަޅުގަނޑު މިއަދު މާފާއެކު އިންކާރު ކުރަން،" ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް (އެން.އައި.އޭ.އައި.ޑީ) ގެ ކުރީގެ ވެރިޔާ ފައުޗީ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ބޭނުން ހިފުމަކީ ކުށަށް އިއުތިރާފުވުމެއް ނޫނެވެ. އެއީ މަޖުބޫރުކުރުވުމާއި، އޮޅުވާލުމާއި، އަދި ނުހައްގުން މީހެއްގެ ބޮލުގައި ކުށް އެޅުވުމުން ރައްކާތެރިކޮށްދިނުމަށް އޮންނަ އުސޫލެކެވެ.

ފައުޗީ ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ސެނެޓަރ ޕޯލް ކުރައްވާ "މޮޔަ މަސައްކަތުގެ" ސަބަބުން، މިފަހަރު ސުވާލުތަކަށް ޖަވާބު ނުދެއްވަން ނިންމެވީ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ މި ކޮމިޓީއަށް އަޅުގަނޑު ހާޒިރުކުރި ހަމައެކަނި ބޭނުމަކީ، އޭނާ އާންމުކޮށް ވިދާޅުވާ ފަދައިން އަޅުގަނޑު 'ޖަލަށްލާން' ޖެހޭކަން ސާބިތުކޮށްދިނުމަށްޓަކައި، އަޅުގަނޑުގެ އަނގައިން ކޮންމެވެސް އެއްޗެއް ބުނުވުން ކަމަށް،" ފައުޗީ ވިދާޅުވި އެވެ.

ފައުޗީ ޖަވާބު ދެއްވަން އިންކާރު ކުރެއްވި ނަމަވެސް، ޕޯލް ގެންދެވީ ސުވާލުތައް ކުރިމަތިކުރައްވަމުންނެވެ. މި އަޑުއެހުމުގެ ތެރޭގައި ބައެއް ފަހަރު މަސްލަހަތު ގޯސްވެގެން ދިޔައެވެ. އެގޮތުން ފައުޗީގެ އަރިހުގައި އިންނެވި އޭނާގެ ވަކީލަކު، ޕޯލް ސުވާލު ކުރައްވަމުން ގެންދަވަނިކޮށް ތަކުރާރުކޮށް ވާހަކަދައްކަން މަސައްކަތް ކުރުމުން، ސެކިއުރިޓީ ގާޑަކު މެދުވެރިކޮށް އެ ވަކީލު ކޮޓަރިން ނެރުމަށް ޕޯލް އެންގެވި އެވެ.

އަޑުއެހުން ފައްޓަވަމުން ޕޯލް ތުހުމަތު ކުރެއްވި ގޮތުގައި، ވައިރަހުގެ އަސްލާ ގުޅޭގޮތުން ފައުޗީ އެމެރިކާގެ ރައްޔިތުންނަށް ދެއްވި މައުލޫމާތާއި އޭނާގެ ޑައިރީގައި ލިޔުއްވާފައިވާ ވާހަކަތަކާ ދެމެދު ފުށުއެރުންތަކެއް އެބަހުއްޓެވެ.

ޕޯލް އިޝާރާތް ކުރެއްވި ގޮތުގައި، ކޮވިޑަކީ ގުދުރަތީ ގޮތުން އުފެދުނު އެއްޗެއް ކަމަށް ފައުޗީ އާންމުކޮށް ވިދާޅުވި ނަމަވެސް، އެއީ މެޑިކަލް ލެބަކުން އުފެދުނު އެއްޗެއް ކަމަށް އޭނާ އަމިއްލައަށް ގަބޫލުކުރައްވަ އެވެ. ސެނެޓަރ ޕޯލް އަކީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ލެބަކުން ވައިރަސް ލީކުވި ކަމަށް ބުނާ ތިއަރީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން 2025 ވަނަ އަހަރު ބުނެފައިވަނީ، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް ވައިރަސް ފެތުރުނު ކަމަށް ބުނާ "ގުދުރަތީ އަސްލުގެ" ތިއަރީއަކީ މިހާތަނަށް ލިބިފައިވާ ހެކިތަކުން އެންމެ ބޮޑަށް ބުރަވެވޭ ގޮތް ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތު ލިބެންދެން، ވައިރަސް އުފެދުނު ގޮތާ މެދު ވަކި ގޮތެއް ނިންމެން ނެތް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ފައުޗީގެ ޑައިރީގެ ލިޔުންތަކުން އެނގޭ ގޮތުގައި، ޕެންޑެމިކްގެ ކުރީކޮޅު އޭނާ ހުންނެވީ ކޮވިޑް އުފެދުނު ގޮތާ މެދު ދެ ތިއަރީއަކަށްވެސް (ގުދުރަތީ އަސްލު އަދި ލެބް ލީކް) ފުރުސަތު ދެއްވައިގެންނެވެ. ނަމަވެސް ފަހުން އޭނާ ބޮޑަށް ބުރަވެވަޑައިގަތީ އެއީ ގުދުރަތީ ގޮތުން އުފެދުނު އެއްޗެއް ކަމަށެވެ.

މިސާލަކަށް، ފެބްރުއަރީ 2020 ގައި ސައިންސްވެރިންނާއެކު ބޭއްވި ފޯނު ކޯލަކާ ގުޅޭގޮތުން ލިޔުއްވާފައިވާ ނޯޓެއްގައި ފައުޗީ ވިދާޅުވެފައިވަނީ، ވައިރަސް އައި ގޮތާ މެދު ޑޮކްޓަރުންގެ މެދުގައި "މުޅިން އެއްބަސްވުމަކަށް" އާދެވިފައި ނުވާ ކަމަށެވެ.

އޭގެ ފަހުން އެން.އައި.އޭ.އައި.ޑީގެ ވެރިޔާ ލިޔުއްވާފައިވަނީ، ލެބަކުން ލީކުވުމުގެ ފުރުސަތު އޮތް ކަމަށް ބަލައިގެން ހުރި ނަމަވެސް، ވައިރަސް އުފެދުނީ ގުދުރަތީ ގޮތުން އެއް ދިރުމުން އަނެއް ދިރުމަށް ވާސިލުވެގެން ކަމަށް އޭނާއަށް "ގާތްގަނޑަކަށް ޔަގީން" ކަމަށެވެ.

"ދެ ގޮތަކަށް ކަން ހިނގުމުގެ ފުރުސަތު އޮތުމަކީ، އެ ދެ ގޮތް ވުމުގެ ފުރުސަތު އެއްވަރުވުމެއް ނޫން،" ފައުޗީ ލިޔުއްވާފައިވެ އެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ނުދެއްވަން ފައުޗީ ނިންމެވުމުން ރިޕަބްލިކަން މެންބަރުން ވަރަށް ބޮޑަށް ކޯފާވި އެވެ. އޭގެ ތެރޭގައި ހިމެނޭ ސެނެޓަރ ޖޯޝް ހޯލީ ވަނީ، ކޮންގްރެސްގެ މި މަޖިލީހަށް ފައުޗީ "އިހުތިރާމް ކުޑަކުރައްވާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އަނެއްކޮޅުން، ޑިމޮކްރެޓިކް ޕާޓީގެ ބައެއް ސެނެޓަރުން ވަނީ ފައުޗީގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސެނެޓަރ މެގީ ހަސަން ވިދާޅުވީ، މި އަޑުއެހުމަކީ ފައުޗީ "މަޅިއެއްގައި ބެއްދުމަށް" ރޭވިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރުގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާގެ ލީޑަޝިޕްގެ ދަށުން، ހިމަބިއްސާއި ސައިކްލޯސްޕޯރިއޭސިސް (ބޭރަށް ހިންގުން ޖައްސާ ޕެރަސައިޓް އިންފެކްޝަނެއް) ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ފައުޗީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކެނެޑީ، ހަފުތާ ބަންދުގައި ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުގެ ކޮމްޕިއުޓަރުތަކުގެ 11 ސާވަރަކުން ފައުޗީގެ ޑައިރީގެ ލިޔުންތައް ހޯދުމަށް އޮފިޝަލުން އަށް މަސް ދުވަސް ހޭދަކުރި ކަމަށެވެ.

2022 ވަނަ އަހަރު ރިޓަޔަރ ކުރެއްވި ފައުޗީއަކީ އެން.އައި.އޭ.އައި.ޑީގެ ވެރިޔާގެ ހައިސިއްޔަތުން، ކޮވިޑްގެ ތެރޭގައާއި އޭގެ ފަހުންވެސް މަރުގެ އިންޒާރުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. އަދި މާސްކް އެޅުން މަޖުބޫރުކުރުމާއި ކޮވިޑާ ގުޅިގެން އެޅި އެހެނިހެން ފިޔަވަޅުތަކުގެ ސަބަބުން ރިޕަބްލިކަން މެންބަރުންގެ ހަރުކަށި ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އެމެރިކާއިން ކުރި މަސައްކަތުގައި ފައުޗީއަކީ އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ. ސައިންސްވެރިން ވައިރަހާ ބެހޭ އާ މައުލޫމާތު ހޯދަމުން ދިޔައިރު، އޭނާ ގެންދެވީ ގަވާއިދުން އާންމުންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކޮވިޑްގެ ކަންކަން ބެލެހެއްޓުމުގައި ފައުޗީއާއި ޓްރަމްޕާ ދެމެދު ތަކުރާރުކޮށް ދެބަސްވުންތައް އުފެދުނެވެ. އޭގެ ތެރޭގައި، ސައިންޓިފިކް ގޮތުން ސާބިތުނުވާ ފަރުވާތައް ބޭނުންކުރުމަށް ޓްރަމްޕް ލަފާދެއްވި މައްސަލަ ހިމެނެ އެވެ.

މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން، ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ ފައުޗީއަށް ރިޔާސީ މައާފެއް ދެއްވާފަ އެވެ. ފައުޗީއަކީ ބައިޑަންގެ ޗީފް މެޑިކަލް އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. "މި މައާފު ދިނުމަކީ އެއްވެސް މީހަކު ގޯސް ކަމެއް ކުރި ކަމަށް ގަބޫލުކުރުމެއް ނޫން، އަދި މިއީ ކުށަކަށް އިއުތިރާފުވުން ކަމަށްވެސް މާނަކޮށްގެން ނުވާނެ،" ބައިޑަން އެ ދުވަސްވަރު ވިދާޅުވި އެވެ. "ގައުމަށްޓަކައި މި ހިދުމަތްތެރިން ވެވަޑައިގެންނެވި ގުރުބާނީއަށްޓަކައި މުޅި ގައުމު އެބޭފުޅުންނަށް ޝުކުރުވެރިވާންޖެހޭ."

ކޮވިޑް-19އެންތަނީ ފައުޗީވޫހާން އިންސްޓިޓިއުޓްޖޯ ބައިޑަންސިއްހަތު

އިތުރަށް ކިޔާލަން

28 ޖުލައި 2026

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

28 ޖުލައި 2026
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
19 ޖުލައި 2026

ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން

19 ޖުލައި 2026
ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން
17 ޖުލައި 2026

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
16 ޖުލައި 2026

އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ

16 ޖުލައި 2026
އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ
16 ޖުލައި 2026

ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ

16 ޖުލައި 2026
ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ
08 ޖުލައި 2026

މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި

08 ޖުލައި 2026
މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް