އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
28 އޯގަސްޓު 2026 | ހުކުރު 05:45ލުބުނާނާއި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލަނީސް އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވިދާޅުވީ، އިސްރާއީލުން ހިންގާ އުދުވާންތަކުގެ ސަބަބުން އެ ގައުމުގެ ނިމުން ގާތްވެފައިވާ ކަމަށާއި، އީރާނުގެ ރަތް ރޮނގުތަކަށް އަރައިގަނެފިނަމަ މީގެ ކުރިން ނުދޭ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

އީރާންގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެމްބަަރު އަދި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކުރީގެ ކޮމާާންޑަރު މުހްސިން ރިޒާއީ | ރޮއިޓާސް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލައި، އޭނާ ހަދަމުންދާ "ބޮޑެތި ގޯސްތަކުގެ" ސަބަބުން ޒަޔަނިސްޓް ރެޖީމް ނެތިދިއުމާ ގާތަށް ގޮސްފައިވާކަން ސާބިތުކޮށްދޭނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ ވިދާޅުވެއްޖެ އެވެ.
ލުބުނާނުގެ އަލް-މަނާރު ޓީވީއަށް ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިންޓަވިއުއެއްގައި ރިޒާއީ ވިދާޅުވީ، ބެއިރޫތާއި އެ ސިޓީގެ ދެކުނުގެ ސަރަހައްދުތަކުގައި ހިނގަމުންދާ ކަންތައްތައް ތެހެރާނުން ބަލަމުންދަނީ ނުހަނު ސަމާލުކަމާއެކު ކަމަށެވެ. އެ ސަރަހައްދުތަކަކީ އީރާނުން ކަނޑައަޅާފައިވާ ރަތް ރޮނގުތަކެއް ކަމަށާއި، އެއްވެސް ފަރާތަކަށް އެ ސަރަހައްދުތަކަށް އަރައިގަތުމުގެ ހައްގު ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރްސް ނިއުސް އެޖެންސީއާއި ތަބްނާކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިޒާއީ ވިދާޅުވީ ނަތަންޔާހޫ ނަރަކައަށް ފޮނުވާލައި، އޭނާގެ ސަބަބުން އިސްރާއީލުގެ ނިމުން ގާތްވެފައިވާކަން އީރާނުން ސާބިތުކޮށްދޭނެ ކަމަށެވެ. އަދި މުޅި އިސްލާމީ ދުނިޔޭގައި "ބޮޑު ރުޅިވެރިކަމެއް" އުފެދެމުންދާ ކަމަށާއި، ކޮންމެވެސް ދުވަހަކުން އެ ރުޅިވެރިކަން ބަހުގެ އިތުރުން އަމަލީ ސިފައެއްގައި ފެނިގެންދާނެ ކަމަށްވެސް އޭނާ އިތުރުކުރެއްވި އެވެ.
ލުބުނާނުގެ ސަލާމަތާއި ރައްކާތެރިކަމަކީ މުޅި ހުޅަނގު އޭޝިއާ ސަރަހައްދުގެ ސަލާމަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ތެހެރާނުން ދެކޭ ކަމަށް ރިޒާއީ ވިދާޅުވި އެވެ. ލުބުނާނާއި، ޣައްޒާ އަދި ސޫރިޔާގައި ކުރަމުންދާ ހަނގުރާމަތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓާލަންޖެހޭ ކަމަށާއި، އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ބިންތަކުން އެ ގައުމުގެ ސިފައިން ފޭބުމަށް އޭނާ ގޮވާލެއްވި އެވެ.
ހަނގުރާމަ އަލުން ފެށިއްޖެނަމަ، އީރާނުން އާ މަރުހަލާއަކަށް ތައްޔާރުވާނެ ކަމަށް ރިޒާއީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކޮންމެ ހަނގުރާމައެއްވެސް ކުރީގެ ހަނގުރާމަތަކާ ތަފާތުވާނެއެވެ. އަދި އެފަދަ ހަނގުރާމައެއްގައި އީރާނުން ދޭ ހަމަލާތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ ހަމަލާތަކަކަށް ވާނެ އެވެ. މީގެ އިތުރުން، އެމެރިކާގެ މަތިންދާބޯޓުތައް އުދުއްސާލާ ނުވަތަ އީރާނާ ދެކޮޅަށް އެމެރިކާގެ މިސައިލް ފޮނުވާލާ ކޮންމެ ގައުމަކީ އީރާނުގެ ދުޝްމަނެއްގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
ވޮޝިންޓަނާއެކު އެއްވެސް އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާއިން ހުޅަނގު އޭޝިއާގައި، ހާއްސަކޮށް ލުބުނާނާއި ޣައްޒާގައި ކުރަމުންދާ ހަނގުރާމަތައް ހުއްޓާލައި، ދިމިޝްގަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމުން ކަމަށް ރިޒާއީ ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ހުޅަނގު އޭޝިއާއަކީ ހިލިހިލާއެއް ފަދަ ތަނެކެވެ. އެގޮތުން އެ ސަރަހައްދުގެ ހާލަތްތައް ވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފަ އެވެ.
އީރާނުން ހަނގުރާމައަކަށް ބޭނުންނުވާ ކަމަށާއި، ނަމަވެސް އޮތީ ތައްޔާރަށް ކަމަށް ރިޒާއީ ވިދާޅުވި އެވެ. ބެއިރޫތާއި ދާހިޔާ އަކީ އަދިވެސް އީރާނުގެ ރަތް ރޮނގުތަކެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި، އަލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނީ ކުރީގެ އުސޫލުތަކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި އެންމެ ފަހުގެ ހަމަލާތައް ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހު އެމެރިކާއާއި އިސްރާއީލުން ވަނީ އިސްލާމީ ޖުމްހޫރިއްޔާއަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދީފަ އެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަރުކަޒުތަކަށް އަމާޒުކޮށް ކޮންމެ ދުވަހަކު މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
މި ހަމަލާތައް ހުއްޓާލުމުގެ މަސައްކަތުގެ ތެރެއިން، ތެހެރާނާއި ވޮޝިންޓަނުން ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު އިސްލާމްއާބާދު އެމް.އޯ.ޔޫގައި ސޮއިކޮށްފަ އެވެ. ނަމަވެސް، އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ތަކުރާރުކޮށް ދިން ހަމަލާތަކުގެ ސަބަބުން އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެމެރިކާއިން ދެމުންދާ އަސްކަރީ ހަމަލާތަކާއި ދެކޮޅުވެރި ބަސްމަގު ހުއްޓާނުލަނީސް އެ ގައުމާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ބުނެ، އީރާނުން މިހާރު ވަނީ އެމެރިކާއާއެކު އޮތް ހުރިހާ ގުޅުމެއް މެދުކަނޑާލާފަ އެވެ.










