އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!
29 އޯގަސްޓު 2026 | ހޮނިހިރު 10:03އައްޑޫ ލިންކު ރޯޑު ތަރައްގީކުރުމުގެ މަޝްރޫއު އެހެން ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވި ނަމަވެސް، އެ މަސައްކަތް ލަސްވާތީ މަރަދޫ ދާއިރާގެ މެންބަރު ކަންބޮޑުވުން ފާޅުކުރައްވައިފި. ސަރުކާރުން މި މަޝްރޫއަށް އިސްކަންދޭ ކަމަށް ބުނި ކަމުގައި ވިޔަސް، އަމަލީ ސިފައެއް ނާންނާތީ ރައީސްގެ ވައުދުފުޅުތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި


އައްޑޫ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެފައި | މިހާރު
އައްޑޫ ލިންކު ރޯޑުގެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމުގައި މެންބަރު ދީދީ ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދޭނެ ކަމާ މެދު އެއްވެސް ޔަގީން ކަމެއް ނެތް ކަމަށާއި، އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބަލާލި ކަމުގައިވީ ނަމަވެސް، މާ ބޮޑު އަމަލީ މަސައްކަތެއް ކުރިއަށް ދާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެންމެ ފަހުން އައްޑޫ ލިންކު ރޯޑު މަޝްރޫއުގެ އަދާހަމައެއް ހޯދުމަށް ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު އަރިހު އެއްސެވުމުން، އެ މަޝްރޫއު މިހާރު އޮތީ އެހެން ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި ކަމުގައި ވިދާޅުވި ކަމަށް މެންބަރު ދީދީ ވިދާޅުވި އެެވެ.
އެގޮތުން އައްޑޫ ލިންކު ރޯޑުގެ މަޝްރޫއަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، މެންބަރު ދީދީ ވިދާޅުވީ މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް، ތިން އަހަރު ފާއިތުވާއިރު ވެސް، މަޝްރޫއުގެ އަމަލީ ސިފައެއް ނުފެންނަ ކަމަށެވެ.
2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޕްރައޮރިޓީ ނަމްބަރު 1 މަސައްކަތް ގޮތުގައި ތިމަންނަމެން ސަރުކާރުން ކުރާ ކަމެކޭ މިނިސްޓަރު ކޮންމެ ފަހަރަކު އަޅުގަނޑުމެން މަޖިލީހުގައި ސުވާލު ކޮށްލީމަ އެބަ ވިދާޅުވޭ، މިއީ ޕަބްލިކް ޑޮމެއިންގައި ހުރި ރިކޯޑްތައް. 2024 ވަނަ އަހަރު ވެސް އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި ޕްރައޮރިޓީ ނަމްބަރު 1 ޕްރޮޖެކްޓްއެއް ގޮތުގައި އިސްކަމެއް ދީގެން ކުރާ ކަމެއް ގޮތުގައި ވިދާޅުވީ 2025 ވަނަ އަހަރު ވެސް ހަމަ އެހެން، 2026 ވަނަ އަހަރު ނިމިގެން ދާއިރު ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މީގެ އަމަލީ މަސައްކަތެއް ކުރިއަށް ދާ ތަނެއްއަހުމަދު ދީދީ
އައްޑޫ ލިންކް ރޯޑަކީ 2003 ވަނަ އަހަރު ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ މަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަގުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ.
މި މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް 2025 ވަނަ އަހަރު އޭޕްރީލް 8 ވަނަ ދުވަހު ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 1،440 ދުވަސް ތެރޭގައި ނިންމުމަށް މަސައްކަތް ހަވާލުކޮށްފައިވެ އެވެ. އެޔަށްފަހު ރައީސް މުއިއްޒު 2025 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި އައްޑޫއަށް ވަޑައިގެން އެ މަޝްރޫއު ފައްޓަވައިދެއްވާފައިވެ އެެވެ.
އަދި އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ 7 މަސް ފަހުން 2025 ގެ ނޮވެމްބަރުގައި މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ. އަދި އިތުރު 6 މަސް ފަހުން މަޝްރޫއުގެ ބޭނުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީ އިން ބުނީ 2026 ވަނަ އަހަރުގެ މެއި މަހުގަ އެވެ.
ނަމަވެސް އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު މުއްތަލިބު އޮގަސްޓު މަހު ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މުއްތަލިބާ އެ ސުވާލު ކުރެވުނު ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކި ފަހަރުމަތިން ތަކުރާރުކޮށް އެ ސުވާލު މެންބަރުން ކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.











