ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ
29 އޯގަސްޓު 2026 | ހޮނިހިރު 07:41އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަކީ ހަގީގަތާ ދުރު "ފެންޓަސީ" ވާހަކަތަކެއްގެ ގޮތުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ސިފަކުރައްވައިފި. މެންބަރު ދީދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް މުއިއްޒު ވެވަޑައިގެންފައި ހުރި ވައުދުފުޅުތައް ފުއްދަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް


ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމް ގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަވަން ވައުދުވެވަޑައިގެންނެވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، އައްޑޫ ސިޓީއަށް އެކަނި ވެސް ރައީސް މުއިއްޒު 100 ދުވަހުގެ ތެރޭގައި ނިންމަވަން ވައުދުވެވަޑައިގެންނެވި އެތަށް ކަމެއް އެބަހުރި ކަމަށެވެ. މެންބަރު ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުނާމާ ރައްޔިތުން ސިފަކުރަނީ "ފެންޓަސީ ސްޓޯރީއެއް" ގޮތުގައި ކަމަށެވެ.
ސިއްހީ ނިޒާމަށް ބެލި ކަމުގައިވީ ނަމަވެސް، ފެނިގެން ދަނީ ރައްޔިތުން ގަނަތެޅެމުންދާ މަންޒަރު ކަމަށާއި، ބޭސް ނުލިބިގެން އައްޑޫ ސިޓީގައި ވެސް ރައްޔިތުން އުޅެން ޖެހެނީ އެއް ރަށުން އަނެއް ރަށަށް ގޮސް ބޭސް ހޯދުމުގައި ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިވީ ވައުދު ހަދާން ހުރިހެނެއް އަަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މިދިޔަ 100 ދުވަހު ކޮށްދެއްވާނެ ކަމަށް ވަރަށް ފާޅުގައި ވިދާޅުވި ވަރަށް ގިނަ ކަންކަން އެބަހުރި އެހެންނަމަވެސް 1000 ދުވަސް ވެގެންދާއިރު ވެސް އޭގެ އަމަލީ ސިފައެއް އޭގެ މަންފާއެއް ރައްޔިތުންނަކަށް ނުއެއް ފެނޭ، އެހެންވީމަ ރައީސް މުއިއްޒުގެ ވައުދުނާމާއަކީ ހުވަފެނީ ފެންޓަސީ ސްޓޯރީއެއް ގޮތުގައި ރައްޔިތުން ސިފަ އެބަ ކުރޭއަހުމަދު ދީދީ
މެންބަރު ދީދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް މުއިއްޒު ވެވަޑައިގެންފައި ހުރި ވައުދުތައް ފުއްދަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމްޓިސީސީ އަދި ފެނަކައިގެ އިތުރުން އިތުރު އެސްއޯއީތަކުގެ ވެރިންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ، ސަރުކާރުން އެސްއޯއީތަކަށް ދެނީ މަޝްރޫއުތައް ނިންމާނެ ތާރިހެއް ކަމަށާއި ފަށާނެ ތާރީހެއް ނުދޭ ކަމަށެވެ.
އަޅުގަނޑު ގާތު މިއަދު ވެސް އެމްޓީސީސީގެ ވެރިޔަކު ވިދާޅުވި ތިމަންނަމެންނަ މިއޮތީ މިދިޔަ އަހަރު ރައީސް މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގައި ހަވާލުކުރި ޕްރޮޖެކްޓްތައް ނިންމަން ޑޭޓެއް ކަނޑައަޅާފައޭ އަދިވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަނޑައަޅާފައި ހުރި ބައެއް ތަންތަން މިސާލަކަށް މަރަދޫގެ ސިއްހީ މަރުކަޒު ނޫނީ ހޮސްޕިޓަލެއް ގޮތުގައި ތަރައްގީ ކުރަން އެ ސޮއި ކުރީ ހަމަ އެގޮތަށް މަރަދޫގެ ސްކޫލް ހޯލް ޑިޒައިން އެންޑް ބިލްޑް އުސޫލުން އެސްއޯއީ ހެޑް ވިދާޅުވީ ތިމަންނަމެން އެ ކުރަހާފައި ޑިޒައިން ކޮށްފައި މިނިސްޓްރީއަށް ފޮނުވާފައިވީ އަދި ހަބަރެއް ނުވެޔޭއަހުމަދު ދީދީ
މީގެ އިތުރުން، މެންބަރު ދީދީ ވަނީ މިއަންނަ އަހަރަކީ ތަންތަން ހުޅުވާ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވާ، އިންސާނުން ލޮލަށް ފެންނާނެ ތަނެއް ހުޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ. އަދި ރައީސް މުއިއްޒު ދައްކަވަމުންދާ 'ފެންޓަސީ ސްޓޯރީ' ތަކާއި 'ގްރައުންޑް ރިއަލިޓީ' ދިމާ ނުވާ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.











