މި ސަރުކާރަކީ ޖޯކެއް، އައްޑޫ ރައްޔިތުން ބުނަނީ ލިންކު ރޯޑް ނުހެދޭނަމަ އަވަހަށް އިހުތިސާސް އިން ވަކިކޮށް މަސައްކަތް ނިންމަން: ދީދީ
24 އޯގަސްޓު 2026 | ހޯމަ 04:37އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ނުފެށި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތްއިރު، އެ މަޝްރޫއު އާރްޑީސީގެ އަތުން އަތުލައި އެހެން ބަޔަކާ ހަވާލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައި. އެހެންކަމުން މި މަސައްކަތް އަވަހަށް ނިންމައިދިނުމަށް އައްޑޫ ރައްޔިތުން ދަނީ ގޮވާލަމުން


އައްޑޫ ސިޓީ ލިންކު ރޯޑު | ރާއްޖެއެމްވީ
މިއަދު ރައްޔިތުންނަށް މި ސަރުކާރުވެފައި ވަނީ ބޮޑު ޖޯކަކަށް ކަމަށާއި ޚާއްސަކޮށް އައްޑޫ ސިޓީގެ ބިންތައް ސަރުކާރުން ނަގަމުންދާއިރު، ލިންކު ރޯޑްގެ މަސައްކަތް ނުކުރެވޭނަމަ އެތަން ވެސް ކައުންސިލްގެ އިހުތިސާސް އިން ބޭރުކޮށް، އެ މަސައްކަތް ނިންމައިދިނުމަށް ރައްޔިތުން ބުނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ މި ސަރުކާރުން ދަނީ އެއްވެސް އުސޫލެއް، ހަމައެއް ނެތި، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ބިންތައް ކައުންސިލްތަކުގެ އިހުތިސާސް އިން ވަކިކޮށް، ސަރުކާރުން ބޭނުންވާ އިރަކު، ބޭނުން ބަޔަކަށް ދެމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ޚާއްސަކޮށް، އައްޑޫ ސިޓީގެ އިހުތިސާސް އިން ބިންތައް މި ސަރުކާރުން ނަގަމުންދަނީ ތަރައްގީގެ މަޝްރޫއުތަކަށް ބުނެ ކަމަށް ވީ ނަމަވެސް، އެއީ ސީދާ ރައްޔިތުންނަށް އެ ބިންތަކުން ލިބޭ މަންފާ ހޯދައި ނުދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިކަން މިއަދު ރައްޔިތުންނަށް ޖޯކަކަށް ވެފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ޖޯކަކަށް ނަމަވެސް އެބަ ބުނަމުންދޭ، އައްޑޫ ސިޓީ ލިންކު ރޯޑް ވެސް އައްޑޫގެ އިހުތިސާސް އިން ބޭރު ކޮށްލާފައި މިތަން ހަދާދޭން ވެއްޖެއެއް ނޫން ހެއްޔޭ. އައްޑޫ ސިޓީގެ އިހުތިސާސްގައި އޮވެގެން ނެހެދޭ ކަމަށް ވާނަމަ. ތިން އަހަރު ވެގެން މި ދަނީ. އައްޑު ރައްޔިތުންގެ އަގުބޮޑު މުދާތަކާއި، ފުރާނަ އަށް ވެސް ގެއްލުންވާ ހިސާބުގައި އެތަން އޮތީއަހުމަދު ދީދީ
އައްޑޫ ލިންކު ރޯޑުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވާ، 2 އަހަރު ފާއިތުވެގެން ދިޔައިރު ވެސް މަގުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު މުއްތަލިބު ވަނީ އައްޑޫ ލިންކު ރޯޑަކީ ވަރަށް ހާލުގައި އޮތް މަގެއް ކަމަށާއި އެ މަގު ހެދުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ޚަރަދު ކުޑަކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް އާރްޑީސީ އާ ހަވާލުކުރީ ނިމިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ގަ އެވެ.
އަދި އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ 7 މަސް ފަހުން 2025 ގެ ނޮވެމްބަރުގައި މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ. އަދި އިތުރު 6 މަސް ފަހުން މަޝްރޫއުގެ ބޭނުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީ އިން ބުނީ 2026 ވަނަ އަހަރުގެ މެއި މަހުގަ އެވެ.
ނަމަވެސް އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު މުއްތަލިބު އޮގަސްޓު މަހު ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މުއްތަލިބާ އެ ސުވާލު ކުރެވުނު ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކި ފަހަރުމަތިން ތަކުރާރުކޮށް އެ ސުވާލު މެންބަރުން ކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.











