އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ
24 އޯގަސްޓު 2026 | ހޯމަ 03:00މިހާރު ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން އަންނަކަން ފާހަގަ ކުރައްވާ ދީދީ ވިދާޅުވީ، އައްޑޫ އިން ވެސް ވަރަށް ގިނަ މުވައްޒަފުން ވަކި ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް. ޚާއްސަކޮށް ފެނަކަ އިން މިދިޔަ އެއް ހަފުތާގެ ތެރޭގައި ވެސް 200 އާ ގާތް ކުރާ އަދަދަކަށް މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށް ދީދީ ވަނީ ވިދާޅުވެފައި


ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ | ޕީޕަލްސް މަޖްލިސް
މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށާއި، އެއް ހަފުތާގެ ތެރޭގައި އައްޑޫ ފެނަކައިގައި މަސައްކަތް ކުރާ 200 އެއްހާ މުވައްްޒަފުން ވަކިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ސަރުކާރުން މީގެ ކުރިން ވަޒީފާތައް ބަހަމުން ދިޔައިރު، ސިޔާސީ ބޭނުންތަކަށް ވަޒީފާ ދިނުމާއި އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ނުދިނުމަށް އެމްޑީޕީ އިން ބުނަމުން ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް، އޭރު ސަރުކާރުން ބުނެފައި ވަނީ މުވައްޒަފުން ނަގަނީ ކޮންމެހެން ބޭނުންވާ މަޤާމުތަކަށް ކަމަށާއި، ބޭނުންވާ މަޝްރޫއުތައް ހިންގުމަށް މުވައްޒަފުން ނަގާ ވާހަކަ ކަމަށް ދީދީ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިހާރު ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން އަންނަކަން ފާހަގަ ކުރައްވައި ދީދީ ވިދާޅުވީ، އައްޑޫ އިން ވެސް ވަރަށް ގިނަ މުވައްޒަފުން ވަކިކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. ޚާއްސަކޮށް ފެނަކަ އިން މިދިޔަ އެއް ހަފުތާގެ ތެރޭގައި ވެސް 200 އާ ގާތް ކުރާ އަދަދަކަށް މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ދީދީ ވަނީ ވިދާޅުވެފައި އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރަމުން ގެންދެވި ބޭފުޅަކު ވެސް ހިމެނޭ ކަމަށް މެންބަރު ދީދީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މިހާރު ކަނޑާލަމުންދާ މުވައްޒަފުންނަށް ބަލާއިރު، އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެނީ އައްޑޫގައި ވެސް ވަރަށް ގިނަ ރައްޔިތުން ވަޒީފާތަކުން ވަކި ކުރާ ވާހަކަ. ޚާއްސަކޮށް ފެނަކަ އިން އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް ދުއިސައްތައާ ކައިރި އަށް މިހާތަނަށް ވަކިކޮށްލައިފި މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިއަހުމަދު ދީދީ
މީގެ އިތުރުން މެންބަރު ދީދީ ވިދާޅުވެފައި ވަނީ، ސަރުކާރުން ބޭނުން ވެގެން، ސަރުކާރު ނިސްބަތްވާ ޕާާޓީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް ފަހު، މިހާރު ވަކި ކުރަމުން އަންނަނީ އެ ތަންތަނުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަމަށެވެ. ރަނގަޅު ޓެކްނިކަލް މުވައްޒަފުން ވަކި ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ދީދީ ވިދާޅުވީ، އެކަމުގެ ސަބަބުން ގިނަ އާއިލާތަކަކަށް ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
މެންބަރު ދީދީ މިހެން ވިދާޅުވެފައިވާއިރު، ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން ދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. ޕީސީބީ އިން ކުންފުނިތަކަށް އަންގާފައި ވަނީ، ތިން މަސް ދުވަހުގެ ތެރޭގައި 33 އިންސައްތަ މުވައްޒަފުން މަދު ކުރުމަށެވެ. އެކަމުގެ ސަބަބުން، 13،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އިދިކޮޅު އެމްޑީޕީ އިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.











