ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
14 އޯގަސްޓު 2026 | ހުކުރު 09:55ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހިއްސާ ވިއްކާލުމަށް ރައީސް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނާ ގުޅިގެން، އޭނާގެ ލީޑަޝިޕަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ނިއުޒީލެންޑުން ތާއީދު އަނބުރާ ގެންގޮސްފި. މި މައްސަލައިގައި މިނިވަން މުރާޖައާއަކަށް ގިނަ ގައުމުތަކުން ގޮވާލަމުންދާއިރު، މިއީ ފީފާގެ ނިންމުންތައް ނިންމާ ގޮތް އިސްލާހުކުރަން ލިބޭ ފުރުސަތެއް ކަމަށް ނިއުޒީލެންޑުން ބުނޭ

2026 ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި މެޗަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މެޗުގެ ކަންކަން ބައްލަވާލައްވަނީ | ގެޓީ އިމޭޖަސް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ އިދާރާގެ ވިޔަފާރި މުއާމަލާތްތަކުގެ ހިއްސާ ވިއްކާލުމަށް ގެންގުޅުއްވި ޕްލޭނާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި، އޯޝޭނިއާ ސަރަހައްދުގެ ގައުމުތަކުގެ ނިންމުމާ ދެކޮޅަށް ނިއުޒީލެންޑުން ތެދުވެއްޖެ އެވެ. އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑަރޭޝަނުން ފީފާގެ ލީޑަޝިޕަށް ތާއީދުކުރި ނަމަވެސް، އިންފަންޓީނޯ އަލުން އިންތިޚާބު ކުރުމަށް ދެމުންދިޔަ ތާއީދު އަނބުރާ ގެންދިޔަ ގައުމުތަކުގެ ލިސްޓަށް މިހާރު މިވަނީ ނިއުޒީލެންޑް އިތުރުވެފަ އެވެ.
ފީފާގެ މުބާރާތްތަކަށް އަމިއްލަ އިންވެސްޓަރުން ވެއްދުމަށް އިންފަންޓީނޯ ރޭވި ރޭވުމާ ގުޅިގެން، ޔޫރަޕްގެ ޔޫއެފާ، އޭޝިއާގެ އޭއެފްސީ އަދި އުތުރާއި މެދުތެރޭ އެމެރިކާގެ ކޮންކާކަފް އިން ވަނީ އޭނާގެ ލީޑަޝިޕް މުރާޖައާ ކުރުމަށް ގޮވާލައި، އޭނާގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިއާއެކު އިންފަންޓީނޯއާ ދެކޮޅަށް ބޮޑު ރޫހެއް ވަނީ އުފެދިފަ އެވެ.
އަންނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯ ކުރިމަތިލައްވާއިރު، އެފްރިކާ އަދި ދެކުނު އެމެރިކާގެ ކޮންފެޑަރޭޝަންތަކުން ވަނީ އޭނާއަށް ތާއީދުކުރާނެކަން ހާމަކޮށްފަ އެވެ.
މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އޯޝޭނިއާ ސަރަހައްދުގެ ހަމައެކަނި ގައުމު ކަމަށްވާ ނިއުޒީލެންޑުން ހުކުރު ދުވަހު ބުނީ، އިންފަންޓީނޯއަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި ފީފާގެ ލީޑަޝިޕަށް އޮތް އިތުބާރު ގެއްލިފައިވާތީ، ހިއްސާ ވިއްކުމާ ގުޅޭ ހުށަހެޅުން މުރާޖައާ ކުރަންވާނީ ފީފާގެ ނުފޫޒެއް ނެތް މިނިވަން ފަރާތަކުން ކަމަށްވެސް އެ ގައުމުން ބުންޏެވެ.
ނިއުޒީލެންޑް ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އެންޑްރޫ ޕްރެގްނެލް ރޮއިޓާސް ނިއުޒް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިނިވަން މުރާޖައާއަކަށް ގޮވާލީ މިކަމަކީ ފީފާގެ އެތެރެއިން ކޮއްލާ "ލޮލުގަ އަނދުން އެޅުވުމެއް" ފަދަ ކަމަކަށް ވާން ބޭނުންނުވާތީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެހެން ކޮންފެޑަރޭޝަންތަކުން ވެސް މިނިވަން މުރާޖައާއަކަށް ގޮވާލަމުންދާ ކަމަށާއި، އެއީ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޯއެފްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ހިއްސާ ވިއްކުމުގެ ހުށަހެޅުން އަނބުރާ ގެންދަން ފީފާއިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިހާރުގެ ލީޑަޝިޕްގެ ދަށުން އޯޝޭނިއާ ސަރަހައްދުގެ ފުޓްބޯޅަ ކުރިއަރާފައިވާ ކަމަށްވެސް ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ފީފާގެ ލީޑަޝިޕްގެ ދަށުން އޯޝޭނިއާގެ ފުޓްބޯޅަ ތަރައްގީކުރުމަށް ހޯދާފައިވާ ކުރިއެރުންތައް ބަލައިގަންނަ ކަމަށާއި، މި މުރާޖައާއަކީ ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ލިބޭ ފުރުސަތަކަށް ހެދުމަށް ފީފާއަށް ބާރުއަޅާ ކަމަށެވެ.
އިންފަންޓީނޯއާ އެކީ ތިބީ ކޮންބައެއް؟
ސްވިޒަލޭންޑަށް ނިސްބަތްވާ އިންފަންޓީނޯ ކުރިން ހުށަހެޅުއްވީ ވޯލްޑް ކަޕްގެ ވިޔަފާރި މުއާމަލާތްތަކުގެ 20 އިންސައްތަ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އުފެދުނު ބޮޑު ހަމަނުޖެހުމާ އެކު އޭނާ ވަނީ ފަހުން އެ ނިންމުން ބަދަލުކުރައްވާފަ އެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރާ މެންބަރު އެސޯސިއޭޝަންތަކަށް ކުރިއަށް އޮތް ފަންޑިން ސައިކަލްގައި 20 މިލިއަން ޑޮލަރުގެ ގްރާންޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެ އަދަދު ދެގުނަ ކުރުމުގެ ފުރުސަތު ވެސް އޮތެވެ.
މިދިޔަ ހަފުތާގައި މޮރޮކޯގައި ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، ފީފާއިން ވަނީ އެ ހުށަހެޅުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމުގައި ހެދިފައިވާ ގޯސްތަކަށް 211 މެންބަރު އެސޯސިއޭޝަންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ފީފާގެ ލީޑަޝިޕުން އިންފަންޓީނޯއަށް ފުރިހަމަ ތާއީދު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.
އަންނަ މާޗް މަހު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ 211 މެންބަރުންގެ ތެރެއިން 136 މެންބަރުން ތަމްސީލުކުރާ ތިން ކޮންފެޑަރޭޝަނަކުން އޭނާއާ ދެކޮޅުވި ނަމަވެސް، އިންފަންޓީނޯއަށް ތާއީދުކުރާ ގިނަ ބަޔަކު އަދިވެސް އެބަތިއްބެވެ.
ގަތަރާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ މޮރޮކޯ ހިމެނޭހެން، އަރަބި ހަ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިސްވެރިން ބުރާސްފަތި ދުވަހު ވަނީ އިންފަންޓީނޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފަ އެވެ. އެ ބޭފުޅުން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯ ކުރައްވާ "މެދުކެނޑުމެއް ނެތް މަސައްކަތްތައް" ބަލައިގަންނަ ކަމަށެވެ.
އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (ކެފް) ގެ އެގްޒެކެޓިވް ކޮމިޓީން ވެސް ވަނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް އިއްތިފާގުވެފަ އެވެ. ނަމަވެސް އެ ކޮންފެޑަރޭޝަންގެ ހުރިހާ 54 މެންބަރުން އެއްގޮތަކަށް ވޯޓުދޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ޕްރެގްނެލް ވިދާޅުވީ، ހުއްޓާލާފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިޒް" ހުށަހެޅުމާ ގުޅޭގޮތުން ހިންގާ މިނިވަން މުރާޖައާއަކުން، ފީފާގެ ނިންމުންތައް ނިންމާ ގޮތާއި އެކަންކަން ބަލަހައްޓާ ގޮތަށް އަލިކަމެއް ލިބެންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ "ތްރައިވް ކެޕިޓަލް" ކުންފުންޏަށް މި މަޝްރޫއުގައި އިސް ދައުރެއް ދިނުމަށް ރޭވި ރޭވުމުގައި ބައިވެރިވީ ކޮން ބައެއްކަން ވެސް އެ މުރާޖައާއިން ދެނެގަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މި މުރާޖައާގެ ދާއިރާ ކަނޑައަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކު. އެކަމަކު އެންމެ މުހިންމު ކަމަކީ ހުރިހާ ކޮންފެޑަރޭޝަންތަކަކުން އެއްބަސްވާ ދާއިރާއެއްގެ ތެރެއިން، އަވަސް މުއްދަތެއްގައި މި މަސައްކަތް ފެށުން،" ޕްރެގްނެލް ރޮއިޓާސްއަށް ވިދާޅުވި އެވެ.
އޭޝިއާގެ ބްލޮކާ ގުޅިގެން އޮސްޓްރޭލިއާއިން ވެސް ވަނީ މިނިވަން މުރާޖައާއަކަށް ގޮވާލާފަ އެވެ. ނަމަވެސް އިންފަންޓީނޯގެ ލީޑަޝިޕާ މެދު އެ ގައުމުން ރަސްމީކޮށް ވަކި ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
"މިހާތަނަށް ފެނުނު ކަންކަމަށް ބަލާއިރު، އޭއެފްސީގެ ބަޔާނަށް އޮސްޓްރޭލިއާއިން ދީފައިވާ އެއްބާރުލުމާއެކު، އަޅުގަނޑުމެންގެ ވިސްނުން ހުރީ އެއް މިސްރާބަކަށް،" ޕްރެގްނެލް ވިދާޅުވި އެވެ.










