އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ
14 އޯގަސްޓު 2026 | ހުކުރު 04:19ބުރާސްފަތި ދުވަހު މޮޓްސެޕޭ ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެހެން މީހެއްގެ މައްޗަށް ޝަކުވާއެއް އޮތް ނަމަ، ފީފާގެ އުސޫލުތަކަށް ބަލައި ކަންތައް ކުރިއަށް ގެންދަންވާނެ ކަމަށް. އިންފަންޓީނޯ މަޤާމުން ދުރުކުރަން ބޭނުންވާ ނަމަ، އިންތިޚާބަކަށް ދާންވާނެ ކަމަށާއި، އޭނާއާ މެދު ގޮތެއް ނިންމަންވާނީ ފީފާގެ 211 މެންބަރުން ކަމަަށް ވެސް މޮޓްސެޕޭ ވަނީ ވިދާޅުވެފައި


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޕެޓްރިސް މޮޓްސެޕޭ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަން ވާނީ އިންތިޚާބަކުން ކަމަށާއި، އެހެން ގޮތަކަށް އެކަން ކުރެވިގެން ނުވާނެ ކަމަށް އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވެއްޖެ އެވެ.
ފީފާ ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައިގައި އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އިންފަންޓީނޯއާ ދެކޮޅަށް އެތައް ބަޔަކު އަންނަނީ ތެދުވަމުންނެވެ. އަންނަ އަހަރު އޮންނަ ފީފާގެ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ވެސް އިންފަންޓީނޯ ވަނީ އިއުލާން ކުރައްވައިފަ އެވެ.
ޔުއެފާ އާއި އޭއެފްސީ އަދި ކޮންކާކަފް އިން އިންފަންޓީނޯއާ ދެކޮޅަށް ތެދުވެފައިވާއިރު، އެ ފަރާތްތަކުން ބޭނުން ވަނީ އަންނަ އަހަރުގެ މާޗު މަހު އޮންނަ އިންތިޚާބުގެ ކުރިން އިންފަންޓީނޯ މަޤާމުން އިސްތިއުފާ ދެއްވުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، އެފްރިކާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ފީފާގެ ނައިބު ރައީސްގެ މަޤާމުގައި ވެސް ހުންނެވި މޮޓްސެޕޭ ވިދާޅުވީ އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާނީ ވޯޓުން ކަމަށެވެ.
ބުރާސްފަތި ދުވަހު މޮޓްސެޕޭ ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެހެން މީހެއްގެ މައްޗަށް ޝަކުވާއެއް އޮތް ނަމަ، ފީފާގެ އުސޫލުތަކަށް ބަލައި ކަންތައް ކުރިއަށް ގެންދަންވާނެ ކަމަށެވެ. އިންފަންޓީނޯ މަޤާމުން ދުރުކުރަން ބޭނުންވާ ނަމަ، އިންތިޚާބަކަށް ދާންވާނެ ކަމަށާއި، އޭނާއާ މެދު ގޮތެއް ނިންމަންވާނީ ފީފާގެ 211 މެންބަރުން ކަމަަށް ވެސް މޮޓްސެޕޭ ވަނީ ވިދާޅުވެފައި އެވެ.
އޭގެ ކުރިން ބުދަ ދުވަހު މޮޓްސެޕޭ ވަނީ ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިންއާ ބައްފަލު ކުރައްވައިފަ އެވެ. މި ދަނޑިވަޅަކީ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ޔުއެފާ އިން ނިންމާފައިވާ ވަގުތެކެވެ. މޮޓްސެޕާ ވިދާޅުވެފައި ވަނީ، ކޮންމެ މީހަކަށް ވެސް އަޑު އުފުލުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެކަމަށް އެކަށީގެންވާ މަޖިލީހެއް ބޭނުން ވާނެ ކަމަށެވެ.
އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަން އިން ވަނީ އިންފަންޓީނޯ އަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. މޮޓްސެޕޭ ވިދާޅުވެފައި ވަނީ ވޯލްޑް ކަޕްގެ ވިޔަފާާރީގެ ވާހަކަތަކުގައި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނެތް ކަމަށާއި، އެކަމުގައި ފައިނަލް ނިންމުމެއް ނިންމަން ޖެހޭނީ ފީފާގެ މެންބަރުން ކަމަށެވެ.
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމުގެ ޕްލޭން އަނބުރާ ގެންދަން އިންފަންޓީނޯ ނިންމެވި ނަމަވެސް، އޭނާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތައް މަދެއް ނުވެ އެވެ.










