އެމެރިކާގެ ސިއާޓްލްގައި އޮތް ކާބޯތަކެތީގެ ފެސްޓިވަލެއްގައި ބަޑިޖހައި 2 މަރު
27 ޖުލައި 2026 | ހޯމަ 05:25އެމެރިކާގެ ސިއާޓްލްގައި ބޭއްވި ކާބޯތަކެތީގެ ފެސްޓިވަލެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ، ކުޑަކުއްޖަކާއެކު ހަތަރު މީހަކު ޒަޚަމްވެއްޖެ. މި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިއީ މިއަހަރު އެމެރިކާގައި ހިނގި 271 ވަނަ މާސް ޝޫޓިންގ ކަމަށް ރިކޯޑުތަކުން ދައްކާ. ފުލުހުންނާއި އެފްބީއައި ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވޭ
ސިއާޓްލް ސެންޓަރުގައި ކުރިއަށްދިޔަ "ބައިޓް އޮފް ސިއާޓްލް" ފެސްޓިވަލްގައި ބަޑިޖަހައި ދެ މީހަކު މަރާލައި، ފަސް މީހަކު ޒަޚަމްކޮށްލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ | ސޯޝަލް މީޑިއާ
އެމެރިކާގެ ސިއާޓްލްގެ މަޝްހޫރު "ސްޕޭސް ނީޑްލް" ކައިރީގައި އޮންނަ ސަރަހައްދެއްގައި ބޭއްވި ކާބޯތަކެތީގެ ފެސްޓިވަލެއްގެ ތެރޭގައި އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ދެ މީހަކު މަރުވެ، ކުޑަކުއްޖަކާއެކު ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނެފި އެވެ.
ސިއާޓްލް ފަޔަރ ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކޮންމެ އަހަރަކު ބާއްވާ "ބައިޓް އޮފް ސިއާޓްލް" ފެސްޓިވަލް ކުރިއަށްދިޔަ ސިއާޓްލް ސެންޓަރުގަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލަށް އެތައް ހާސް ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވިފައިވާއިރު، ބަޑިޖެހިކަމުގެ ރިޕޯޓް ލިބިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުންނެވެ.
ފަޔަރ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަޑިޖެހި ސަރަހައްދުން ދެ މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ޒަޚަމްވި ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި 2 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ.
މި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ އެކަކު ސިއާޓްލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޭޔަރު ކޭޓީ ވިލްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. މޭޔަރު ކުރިން ވިދާޅުވެފައިވަނީ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ގަން ވައިލެންސް އާކައިވް" އިން ހާމަކުރާ ގޮތުގައި، މިއީ މިއަހަރުގެ ތެރޭގައި އެމެރިކާގައި ހިނގި 271 ވަނަ "މާސް ޝޫޓިންގ" އެވެ. އެ ޖަމިއްޔާއިން "މާސް ޝޫޓިންގ" އެއްގެ ގޮތުގައި ބަލަނީ ހަތަރު މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ބަޑީގެ ހަމަލާ އަމާޒުވާ ހާދިސާތަކަށެވެ.
ހާބަރވިއު މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނައި ހުރިހާ މީހުންނަކީވެސް ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނެވެ. އޭގެ ތެރެއިން އެއް އަންހެނެއްގެ ހާލު ސީރިއަސް ކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ. ހޮސްޕިޓަލަށް ގެނައި ހަތަރު މީހުންގެ އަތަށާއި، ފަޔަށާއި، ބަނޑަށް އަދި ފަޔަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ސިއާޓްލް ސެންޓަރަކީ 74 އޭކަރުގެ ބޮޑު ސަރަހައްދެއްގައި ފެތުރިފައިވާ، އަހަރަކު 12 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ ތަނެކެވެ. މި ސަރަހައްދުގައި "ސްޕޭސް ނީޑްލް" އާއި ސިޓީގެ އެންމެ ބޮޑު އެރީނާ ހިމެނެ އެވެ. "ބައިޓް އޮފް ސިއާޓްލް" ފެސްޓިވަލްގެ ވެބްސައިޓުގައިވާ ގޮތުން، މި ފެސްޓިވަލަކީ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި މިއުޒިކް ކުޅޭ ފަރާތްތައް ބައިވެރިވާ، ތިން ދުވަހުގެ ތެރޭގައި 350,000 މީހުން ޒިޔާރަތްކުރާ ހަރަކާތެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޑިޖެހި އަޑު އިވުމާއެކު ފެސްޓިވަލްގެ ސްޓޯލްތަކުގެ ދެމެދުގައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ދުވަން ފަށާފަ އެވެ.
މި ބަޑިޖެހުމުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ފެސްޓިވަލަށް ގޮސް ތިބި ދެ މީހަކު ކޯމޯ (KOMO) ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، ހަތް ވަރަކަށް ނުވަތަ އަށް ވަރަކަށް ބަޑީގެ އަޑު އިވުނު ކަމަށާއި، އެއާއެކު މީހުން ކޮޅުކޮޅުމައްޗަށް ދުވަން ފެށި ކަމަށެވެ. އެހެން މީހަކު ބުނި ގޮތުގައި އޭނާ ހުރީ ބޭންޑެއް ކުޅެމުންދިޔަ ސްޓޭޖެއް ކައިރީގައެވެ. އެވަގުތު މަދުވެގެން 24 ވަރަކަށް ބަޑީގެ އަޑު އިވުނު ކަމަށް އޭނާ ކޯމޯއަށް ކިޔައިދިނެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ސިއާޓްލް ސެންޓަރުގައި ހުންނަ ސްޕޭސް ނީޑްލްގެ ގިފްޓް ޝޮޕް ތެރެއަށް ވަދެފަ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އެފްބީއައި ފަދަ އެކި އިދާރާތަކުގެ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ވޮޝިންޓަން ސްޓޭޓްގެ ގަވަރުނަރު ބޮބް ފާގަސަން ވިދާޅުވި ގޮތުގައި، ސިއާޓްލް ފުލުހުންގެ އެދުމުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވޮޝިންޓަން ސްޓޭޓްގެ ސްވޮޓް (SWAT) ޓީމެއްވެސް މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުންނެވެ.










