އެމެރިކާގެ ނައިބު ރައީސް ވޭންސްގެ ދަތުރުފަތުރުގެ ސިއްރު ލީކުކުރި ސީކްރެޓް ސާވިސް އެޖެންޓެއް ސަސްޕެންޑްކޮށްފި
23 ޖުލައި 2026 | ބުރާސްފަތި 10:34އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ ސަލާމަތީ ކަންކަމަށް ބުރޫއަރާ ފަދަ ސިއްރު މައުލޫމާތުތަކެއް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ސީކްރެޓް ސާވިސްގެ އެޖެންޓަކު ވަނީ ދެނެގަނެފައި. މި މައުލޫމާތުތައް ހާމަވުމާ ގުޅިގެން ސަލާމަތީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ އެޖެންޓް މިހާރު ވަނީ ވަޒީފާއިން ދުރުކޮށް ތަހުގީގު ފަށާފައި.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގެ އެޖެންޓަކު، ވޭންސްގެ ދަތުރުފަތުރުގެ ސިއްރު މައުލޫމާތުތަކެއް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. މިކަން ކަށަވަރުކޮށްދިން މަސްދަރަކުން ބުނި ގޮތުގައި، އެ އެޖެންޓް މިހާރު ހުރީ މުސާރަ ލިބޭ ގޮތަށް ވަޒީފާއިން ދުރުކޮށްފަ އެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ ދެވަނަ މަސްދަރަކުން ވެސް ވަނީ، ޖޭޑީ ވޭންސްގެ މައުލޫމާތުތައް ލީކުކުރި ކަމަށް ބެލެވޭ މީހާ ސީކްރެޓް ސާވިސްގެ އޮފިޝަލުން މިހާރު ދެނެގަނެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އެ އިދާރާގެ އިންޓާނަލް އެފެއާޒް ޑިޕާޓްމަންޓުން ކަމަށް ފުރަތަމަ މަސްދަރުން މައުލޫމާތު ދޭ ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެ އެވެ.
މި އެޖެންޓަށް ތުހުމަތު ކުރެވެނީ "އެމްއެސް ނައު" (MS NOW) އިން ދާދި ފަހުން ޝާއިއުކުރި ރިޕޯޓަކަށް މައުލޫމާތު ދިން ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ވޭންސްގެ އަމިއްލަ ދަތުރުފަތުރުތައް ހުންނަ ގޮތުން އޭނާގެ ސަލާމަތީ ޓީމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މީގެ އިތުރުން، ވޭންސްގެ ދަރިފުޅާއެކު ގޮލްފް ކުޅެން ދިއުމަށް މެރިން ކޯގެ ހެލިކޮޕްޓަރެއް ބޭނުންކުރަން ރާވާފައިވާ ކަމުގެ ތަފުސީލުތައް ވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. ނަމަވެސް ފަހުން އެ ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.
މި މައުލޫމާތުތައް މީޑިއާގައި ޝާއިއުކުރުމާ ގުޅިގެން ސީކްރެޓް ސާވިސް، އެފްބީއައި އަދި ވައިޓް ހައުސްގެ އިސް އޮފިޝަލުންގެ ސަމާލުކަން އެކަމަށް ހުއްޓި، ސަލާމަތީ ކަންކަމާ ގުޅޭ އޮޕަރޭޝަނަލް ތަފުސީލުތައް ހާމަވުމުން އެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ފުރަތަމަ މަސްދަރުން ބުނެފައިވެ އެވެ.










