މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށް ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާ އާއެކު ވިޔަފާރިކުރާ ގިނަ ގައުމުތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން އެމެރިކާގެ ރައީސް ނިންމަވައިފި
24 ޖުލައި 2026 | ހުކުރު 11:11މަޖުބޫރުން މަސައްކަތް ކުރުވައިގެން މުދާ އުފައްދާ ކަމަށް ބުނެ، އެމެރިކާއަށް މުދާ އެތެރެކުރާ 60 ގައުމަކުން 10 އާއި 12.5 އިންސައްތައާ ދެމެދުގެ ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ވަނީ ނިންމާފައި. މި ނިންމުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއާ ފަދަ ބޮޑެތި ބާރުތަކުން ދަނީ މިކަން ގަބޫލު ނުކުރާނެކަމަށް ބުނެ ނުރުހުން ފާޅުކުރަމުން

އެމެރިކާގެ ސީބްރޫކްގެ ހިއުސްޓަން ޕޯޓް އޮތޯރިޓީގެ ބޭޕޯޓް ކޮންޓޭނަރ ޓާމިނަލްގައި، އެމް.އެސް.ސީ ޖެސްޕާ VIII ކޮންޓޭނަރ އުފުލާ ބޯޓުން މުދާ ކޮންޓޭނަރުތައް ބާލަނީ | ގެޓީ އިމޭޖަސް
ލަންކާ އިންޑިއާ ހިމެނޭހެން އެމެރިކާއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގިނަ އަދަދެއްގެ ގައުމުތަކަކުން އެތެރެކުރާ މުދަލުން އާ ޓެރިފްތަކެއް ނުވަތަ ޑިއުޓީތަކެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
މިކަން އިއުލާންކޮށްފައިވަނީ، އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕާ ދެކޮޅަށް ކުރި ހުކުމަކާ ގުޅިގެން، ވަގުތީ ގޮތުން ނަގަމުންދިޔަ ޓެކްސްތަކުގެ މުއްދަތު ހުކުރު ދުވަހު ހަމަވުމާ ދިމާކޮށެވެ.
އިއުލާންކުރީ ކޮން ކަންތައްތަކެއް؟
އެމެރިކާއަށް އެތެރެކުރާ މުދަލުގެ 99 އިންސައްތަ ހިއްސާކުރާ 60 ގައުމަކުން އެތެރެކުރާ ތަކެތިން 10 އިންސައްތަ އާއި 12.5 އިންސައްތައާ ދެމެދުގެ ޓެކްސްއެއް ނަގަން އެމެރިކާ ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ފިޔަވަޅު އެޅީ މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ގާނޫނުތައް އެ ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"މަޖުބޫރުކޮށްގެން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ގާނޫނެއް އެމެރިކާގައި އޮންނާތާ ގަރުނަކާ ގާތްވެފައިވާއިރު، އެމެރިކާއިން އެ ގާނޫނު ވަރަށް ހަރުކަށިކޮށް ތަންފީޒުކުރޭ. އަދި އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިންވެސް އެގޮތަށް އަމަލުކުރަންޖެހޭ ވަގުތު މިވަނީ ފަހަނައަޅަ ގޮސްފައި،" އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
"މިއަދު މި އެޅި ފިޔަވަޅަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ވިޔަފާރީގެ އުސޫލުތަކާ ހިލާފަށް ކުރާ ކަންކަން އިސްލާހުކޮށް، ހުރިހާ ތަނެއްގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް."
މި އާ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކުން؟
މި އާ ޓެރިފްތަކަށް އަމަލުކުރަން ފަށާފައިވަނީ، މުޅި ދުނިޔެއަށް އަމާޒުކޮށްގެން ވަގުތީ ގޮތުން ނަގަމުންދިޔަ 10 އިންސައްތައިގެ ޓެރިފްގެ މުއްދަތު ހަމަވި ވަގުތު ކަމަށްވާ، ވޮޝިންގްޓަން ޑީސީގެ ގަޑިން ހުކުރު ދުވަހުގެ ދަމުންމެދު 12:01 (ޖީއެމްޓީން 04:01) ގައެވެ. ރައީސް ޓްރަމްޕް މި ވަގުތީ ޓެކްސްތައް ނަގަން ފެއްޓެވީ، އެމަނިކުފާނު މީގެ ކުރިން ކަނޑައެޅުއްވި އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޓެރިފްތައް ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.
މި ޓެރިފްތަކުގެ އަސަރު ކުރާނީ ކޮން ގައުމުތަކަކަށް؟
މި ޓެރިފްތައް އިއުލާންކޮށް ފެޑަރަލް ރެޖިސްޓާގައި ޝާއިއުކުރި ނޯޓިސްގައި، މި ފިޔަވަޅުގެ އަސަރުކުރާނެ ގައުމުތަކުގެ ތަފްސީލު ވަނީ ހިމަނާފަ އެވެ.
އެ ގައުމުތަކާއި އިގްތިސާދުތަކަކީ: އަލްޖީރިއާ، އެންގޯލާ، އާޖެންޓީނާ، އޮސްޓްރޭލިއާ، ބަހާމަސް، ބަހްރައިން، ބަންގްލަދޭޝް، ބްރެޒިލް، ކެމްބޯޑިއާ، ޗިލީ، ޗައިނާ، ކޮލަމްބިއާ، ކޮސްޓަރީކާ، ޑޮމިނިކަން ރިޕަބްލިކް، މިސްރު، އެލްސަލްވަޑޯ، ގުއަޓެމާލާ، ގުޔާނާ، ހޮންޑިއުރަސް، ހޮންކޮންގް، އިންޑިއާ، އިރާގު، އިސްރާއީލު، ޖަޕާން، އުރުދުން، ކަޒަކިސްތާން، ކުވެއިތު، ލީބިޔާ، މެލޭޝިއާ، މޮރޮކޯ، ނިއުޒީލެންޑް، ނިކަރާގުއާ، ނައިޖީރިއާ، ނޯވޭ، އޮމާން، ޕެރޫ، ފިލިޕީންސް، ގަތަރު، ރަޝިއާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ދެކުނު އެފްރިކާ، ދެކުނު ކޮރެއާ، ސްރީލަންކާ، ސްވިޒަލޭންޑް، ތައިވާން، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިނގިރޭސިވިލާތް، އުރުގުއޭ، ވެނެޒުއޭލާ، ވިއެޓްނާމް، ކެނެޑާ، އިކުއެޑޯ، ޔޫރަޕިއަން ޔޫނިއަން، އިންޑޮނޭޝިއާ، މެކްސިކޯ އަދި ޕާކިސްތާނެވެ.
ބައެއް ގައުމުތަކުން 10 އިންސައްތަ އަދި އަނެއްބައި ގައުމުތަކުން 12.5 އިންސައްތަ ނަގަނީ ކީއްވެ؟
މަޖުބޫރުކޮށްގެން މަސައްކަތް ކުރުވައިގެން އުފައްދާ ތަކެތި އެތެރެކުރުން މަނާކުރާ ގާނޫނުތައް ހުރި ގައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާން އަދި އާޖެންޓީނާ ފަދަ ގައުމުތަކުން އެތެރެކުރާ ތަކެތިން ނަގާނީ 10 އިންސައްތައިގެ ޓެރިފެކެވެ.
ނަމަވެސް، އެފަދަ ގާނޫނުތައް ނެތް ގައުމުތައް ކަމަށްވާ ޗައިނާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 12.5 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވަނީ ނިންމާފަ އެވެ.
ގައުމުތަކުން ބުނަނީ ކީކޭ؟
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަލަށް ކަނޑައެޅި ޓެރިފްތަކާ މެދު ސުވާލު އުފައްދާފައިވާއިރު، އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސް ވަނީ މިއީ "ނޭދެވޭ ސަޕްރައިޒެއް" ކަމަށް ސިފަކުރައްވާފަ އެވެ. އަދި މަޖުބޫރުން މަސައްކަތް ކުރުވާ ކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ. މީގެ އިތުރުން ސްވިޒަލޭންޑުން ވެސް އެ ތުހުމަތުތަކާ ދެކޮޅު ހަދާފައިވާއިރު، ނޯވޭއިން ބުނީ އެމެރިކާގެ މުދަލުން ޓެރިފް ނަގައިގެން ބަދަލުހިފުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ބްރެޒިލްގެ މުދަލުން 12.5 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ގައުމުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެކަން ކުށްވެރިކޮށް، ދެ ފަރާތުން ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކޮށްފަ އެވެ. އަދި މެކްސިކޯގެ އިގްތިސާދީ ވަޒީރު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، މެކްސިކޯއިން މިހާރު ދައްކަމުންދާ ޓެރިފްގެ ރޭޓަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޮސްޓްރޭލިއާގެ މުދަލުން 12.5 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމުމާ ގުޅިގެން، އެ ގައުމުން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޮން ފަރެލް ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޮޝިންގޓަނުން ނިންމި ނިންމުމަކީ "އެއްވެސް އިންސާފެއް ނެތް" ނިންމުމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާގެ މުދަލުން ނަގާ ހުރިހާ ޓެރިފެއް އުވާލުމަށް އެމެރިކާއަށް ބާރުއެޅުމުގެ މަސައްކަތް ކެންބަރާއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ކަނޑައެޅި ޓެރިފް ރޭޓްތައް އަމާޒުވަނީ އެމެރިކާއިން ބޭރުން އިމްޕޯޓްކުރާ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މުދާ ސަޕްލައިކުރާ ގައުމުތަކަށެވެ. ނަމަވެސް، ތެލާއި ގޭހުގެ އިތުރުން އެމެރިކާގައި އުފެއްދެން ނެތް ބައެއް ބާވަތްތައް މި ޓެރިފްތަކުން އިސްތިސްނާކޮށްފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވި އެވެ.
މަޖުބޫރުން މަސައްކަތް ކުރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅި ބައެއް ގައުމުތަކަށް، 12.5 އިންސައްތައިގެ ބަދަލުގައި 10 އިންސައްތައިގެ ކުޑަ ރޭޓެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، އެ ގައުމުތަކުން އެ އަމަލުތައް މާ އަވަހަށް ހުއްޓާލާނެ ކަމަށް ގަބޫލުނުކުރެވޭތީ، ބޮޑު ޓެރިފް ދަމަހައްޓަން ތައްޔާރަށް ތިބި ކަމަށެވެ.
ގިނަ އެމެރިކާ ރައްޔިތުންނަށް މި ބަދަލުގެ ސަބަބުން މުދަލުގެ އަގު ވަގުތުން އުފުލުމުގެ ފުރުސަތު ކުޑައެވެ. އެއީ މި ބަދަލަކީ އިމްޕޯޓް ކުރާ ފަރާތްތަކުން މިހާރުވެސް ދައްކަމުންދާ ޑިއުޓީތައް ބޮޑު ބައެއްގައި ދަމަހައްޓާ ބަދަލަކަށް ވާތީ އެވެ.
އާ ރޭޓްތައް ކަނޑައެޅުމަށް ބޭނުންކުރި 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ ސެކްޝަން 301 ގެ ދަށުން އިތުރު ތަހުގީގުތަކެއް ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރެއިން އެއް ތަހުގީގަކީ ޗައިނާ، މެކްސިކޯ އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ބޮޑެތި ވިޔަފާވެރި ބައިވެރިން، ދުނިޔޭގެ އުފެއްދުންތެރިކަން ބޭނުންވާ ވަރަށް ވުރެ އިތުރުކުރުމަށް (އޯވަކެޕޭސިޓީ) މަސައްކަތްކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅޭ ތަހުގީގެކެވެ.
އެމެރިކާ ސަރުކާރުން ދަނީ ބޯޑަރުން ނަގާ ޓެކްސް ބޮޑުކުރެވޭނެ އިތުރު ގޮތްތައް ވެސް ހޯދަމުންނެވެ. މިގޮތުން، މީގެ ކުރިން ދުވަހަކުވެސް ބޭނުންކޮށްފައި ނުވާ "ސްމޫޓް-ހޯލީ ޓްރޭޑް އެކްޓް" ގެ މާއްދާއެއްގެ ދަށުން، ކެނެޑާގެ ބައެއް މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން ފަށާނެ ކަމަށް ވައިޓް ހައުސްއިން މި ހަފުތާގެ ކުރީކޮޅު ވަނީ އިއުލާންކޮށްފަ އެވެ. މި ޓެރިފަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.








