އެމެރިކާއާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެމެރިކާގެ 700 އަށްވުރެ ގިނަ ބާވަތަކުން ޓެރިފް ނެގުމަށް ކެނެޑާއިން ނިންމައިފި
25 އޯގަސްޓު 2026 | އަންގާރަ 18:26އެމެރިކާއިން ކެނެޑާގެ މުދަލުން ޓެކްސް ބޮޑުކުރުމާ ގުޅިގެން، ރައްދުގައި އެމެރިކާގެ 700 އަށްވުރެ ގިނަ ބާވަތުން ޓެރިފް ނަގައި ގެއްލުންވާ ކުންފުނިތަކަށް މާލީ އެހީ ދޭން ކެނެޑާއިން ވަނީ ނިންމާފަ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެފައިވާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު އުފުލި އެމެރިކާގެ އިގްތިސާދަށާއި ކަސްޓަމަރުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ | ރޮއިޓާސް
އެމެރިކާއާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެމެރިކާގެ 700 އަށްވުރެ ގިނަ ބާވަތަކުން ޓެރިފް ނެގުމަށް ކެނެޑާއިން ނިންމައިފި އެވެ.
ވޮޝިންގޓަނާއި އޮޓާވާއާ ދެމެދު އުފެދިފައިވާ މި ނުތަނަވަސްކަމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ މުދަލުން ނަންގަވަން ނިންމެވި ޓެކްސްއާ އެއްވަރުގެ އަދަދަކުން، އެމެރިކާގެ މުދަލުން ޓެކްސް ނަގާނެކަން ކެނެޑާ ސަރުކާރުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. މިގޮތުން 27.6 ބިލިއަން ކެނެޑާ ޑޮލަރު (19.9 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދަލުން ޓެރިފް ނެގުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، މި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ގެއްލުންވާ ކެނެޑާގެ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އާ މަޝްރޫއެއްވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.
ކެނެޑާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ފިޔަވަޅުގެ ދަށުން 700 އަށްވުރެ ގިނަ ބާވަތަކުން ޓެރިފް ނަގާނެ އެވެ. މީގެ ތެރޭގައި ދަގަނޑާއި އެލުމިނިއަމް، ކިރުގެ ބާވަތްތައް، ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު، ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތްތައް، ކަރުދާސް އުފައްދާ ސާމާނު، ޕްލާސްޓިކް އަދި އިލެކްޓްރޯނިކްސްގެ ދާއިރާ ހިމެނެ އެވެ.
މި ޓެރިފްތައް ހުންނާނީ 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ. އަދި މި ފިޔަވަޅަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން، އާ ޓެރިފްތަކުގެ ސަބަބުން ކުރިމަތިވެދާނެ މާލީ ނުރައްކާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކުރުމަށްޓަކައި، 7.5 ބިލިއަން ކެނެޑާ ޑޮލަރު (5.42 ބިލިއަން އެމެރިކާ ޑޮލަރު) ގެ އެހީގެ ޕެކޭޖެއްވެސް ކެނެޑާ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
މަޝްވަރާތައް ބުރޫއެރުން
ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނުކަން އިއުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ހޮނިހިރު ދުވަހު ކެނެޑާގެ 20 ބިލިއަން ޑޮލަރުގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަންގަވަން ނިންމަވާފައެވެ. ކެނެޑާއިން ރައްދުގައި ޓެރިފް މި ނެގީ އެ ފިޔަވަޅާ ގުޅިގެންނެވެ.
މީގެ އިތުރުން، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އުޅަނދުފަހަރުން ނަގާ ޓެކްސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50 އިންސައްތައަށް ބޮޑުކުރާނެކަން ޓްރަމްޕް ވަނީ ހޯމަ ދުވަހު އިއުލާންކުރައްވާފަ އެވެ. މިއީ މިހާރު ނަގަމުންދާ ޓެކްސް ދެގުނަ ބޮޑުކުރުމެކެވެ.
ފާއިތުވި ދުވަސްތަކުގައި ޓްރަމްޕް ވަނީ ކެނެޑާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއްވެސް ފޮނުއްވާފަ އެވެ. އެގޮތުން، ކެނެޑާގެ އޮންޓޭރިއޯ ޕްރޮވިންސާ އިންވެގެން އޮންނަ "ލޭކް އޮންޓޭރިއޯ" ގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރުމަށް ވިސްނަވަމުންދާކަމަށް އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވި އެވެ. އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަށް "ގަވަރުނަރު ކާނީ" ގެ ނަމުން މުޚާތަބުކުރައްވައި، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓްގެ ގޮތުގައި ހެއްދެވުމާ ބެހޭގޮތުން ކުރިންވެސް ދައްކަވާފައިވާ ވާހަކަތައް ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފަ އެވެ.
އަންގާރަ ދުވަހު ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި 10 އަހަރު ދުވަހު ކެނެޑާއާއެކު ކުރި ވިޔަފާރިން އެމެރިކާއަށް އަހަރަކު 60 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ.
ނަމަވެސް، "ސްޓެޓިސްޓިކްސް ކެނެޑާ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކެނެޑާއިން އެމެރިކާއާއެކު ކުރާ ވިޔަފާރީގައި 9.9 ބިލިއަން ކެނެޑާ ޑޮލަރު (7.1 ބިލިއަން އެމެރިކާ ޑޮލަރު) ގެ ފައިދާއެއް (ޓްރޭޑް ސާޕްލަސް) އެ ގައުމަށް ލިބެ އެވެ.
އެމެރިކާގެ ކަސްޓަމަރުންނަށް ކުރާނެ އަސަރު
އެމެރިކާއިން ނެގި ޓެރިފްތަކުގެ ނޭދެވޭ އަސަރު އެ ގައުމުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ބެލެވެ އެވެ. ހޮނިހިރު ދުވަހު އިއުލާންކުރި ޓެރިފްތަކުން ކާރާއި އުޅަނދުފަހަރުގެ ބައިތައް އިސްތިސްނާކޮށްފައިވީ ނަމަވެސް، މިއީ ވޮޝިންގޓަނާއި އޮޓާވާއާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދިފައިވާ ދާއިރާއެކެވެ.
އެމެރިކާގައި އުފައްދާ ކާރުތައް އެންމެ ގިނައިން ގަންނަ ގައުމަކީ ކެނެޑާ އެވެ. އެހެންކަމުން، ކެނެޑާގެ މާކެޓަށް ބަރޯސާވާ އެމެރިކާގެ ކާރު އުފައްދާ ކުންފުނިތަކަށް މިކަމުގެ ސަބަބުން ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ އެވެ.
ހަމައެއާއެކު، ޓްރަމްޕް ނަންގަވަން ނިންމެވި 50 އިންސައްތައިގެ ޓެރިފްގެ ސަބަބުން، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އާންމުކޮށް ބޭނުންކުރާ 550 ބާވަތެއްގެ މުދަލުގެ އަގު އެމެރިކާގެ ބާޒާރުގައި އުފުލިގެންދާނެ އެވެ. މީގެ ތެރޭގައި އައިސް ސްކޭޓް، ފާޚާނާ ކަރުދާސް، ބައެއް ބާވަތްތަކުގެ ބުއިންތައް އަދި ދަވާދު ހިމެނެ އެވެ.
އިގްތިސާދީ ދިރާސާތައް ކުރާ "ކީލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީ" އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޓެރިފްގެ ސަބަބުން އިތުރުވާ ޚަރަދުގެ 96 އިންސައްތަ އުފުލަން ޖެހޭނީ އެމެރިކާގެ އިމްޕޯޓަރުންނާއި ކަސްޓަމަރުންނަށެވެ. އެހެންކަމުން މިއީ އެމެރިކާގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ.
މާކެޓަށް އައި ބަދަލުތައް
އިގްތިސާދީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލެވޭ ރަނުގެ އަގު، އަންގާރަ ދުވަހުގެ ކުރީކޮޅު 1 އިންސައްތަ ދަށަށް ދިއުމަށްފަހު މިހާރު ދަނީ މައްޗަށް އަރަމުންނެވެ. މިވަގުތު ރަނުގެ އަގު ހުރީ އައުންސަކަށް 4,696 ޑޮލަރުގަ އެވެ. މިއީ 0.03 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ.
އެމެރިކާ ޑޮލަރުގެ އަގު ވަނީ ވަކިވަރެއްގައި ހިފެހެއްޓިފައެވެ. އަންގާރަ ދުވަހު ޑޮލަރުގެ އަގު 0.04 އިންސައްތަ ދަށަށް ގޮސް 98.96 ގައި ހުރިއިރު، ކެނެޑާ ޑޮލަރުގެ އިންޑެކްސް ވަނީ 0.04 އިންސައްތަ މައްޗަށް ގޮސް 72.27 އަށް އަރާފަ އެވެ.
ޓޮރޮންޓޯގެ މާކެޓަށް ބަލާއިރު، އެސް އެންޑް ޕީ/ޓީއެސްއެކްސް (S&P/TSX) އިންޑެކްސް ވަނީ 0.6 އިންސައްތަ މައްޗަށް ގޮސްފަ އެވެ.










