އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026 | ބުރާސްފަތި 13:32އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އީރާނުން ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދީފައި. ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ގައުމުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، މި ނުތަނަވަސްކަމުގެ ސަބަބުން ކަނޑުދަތުރުފަތުރަށާއި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

އީރާނުގެ ބަންދަރު އައްބާސްގެ އައްސޭރިފަށުން ބޭރުގައި އޮންނަ ހުރްމުޒް ކަނޑުއޮޅީގައި، އޮގަސްޓް 10 ވަނަ ދުވަހު ގިނަ އަދަދެއްގެ ބޯޓުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލާނެ ފަދަ "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، ބުރާސްފަތި ދުވަހު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 94 ޑޮލަރަށް ވަނީ އުފުލިފަ އެވެ. މިއީ މިދިޔަ ޖުލައި މަހުގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މެދުއިރުމަތިން ތެޔޮ ބޭރުކުރުމަށް އިތުރު މަގުތައް ހޯދަމުންދިޔަ ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ހަކަތައިގެ އަގުތައް މަތީގައި ހުރެ، ދުނިޔޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.
ޓްރަމްޕްގެ އިންޒާރަކީ ސަމާލުކަން އަނބުރާލުމަށް ދެއްވި އިންޒާރެއް ކަމަށް ބުނެ ތެހެރާނުން އެކަން ބޭރުކޮށްލާފައިވާއިރު، އެފަދަ ފިޔަވަޅެއްގެ ސަބަބުން "ލިބޭނީ އިތުރު ނާކާމިޔާބީއެއް" ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ގިނަ އަހަރުތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވީ ނަމަވެސް، އެ ގައުމަކީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ތެޔޮ އެކްސްޕޯޓް ކުރުމުގެ އާ ގޮތްތައް ހޯދުމަށް ތަޖުރިބާކާރު ގައުމެކެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލުން ހަނގުރާމައެއް ފަށައިފިނަމަ މިއަށްވުރެ "ބިރުވެރި" ހަތިޔާރުތައް ބޭނުންކޮށްފާނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ ދީފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ އިގްތިސާދަށް ކުރިމަތިކުރައްވާ ފިއްތުންތައް އިތުރުކުރައްވަމުން ގެންދަވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ ކޮން ބައެއްގެ އަތުގައިތޯ ބުނެ ތެހެރާނާއި ވޮޝިންޓަނުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.
ނަމަވެސް، އެ ކަނޑުއޮޅީގެ މައްޗަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން، ދެ ފަރާތުން ގަބޫލުކުރަން ބޭނުންވާ މިންވަރަށް ވުރެ މާ ބޮޑަށް ވެސް އޮޅުންބޮޅުން ބޮޑެވެ. އީރާނުން ދީފާނެ ހަމަލާއަކަށް ބިރުން ގިނަ އުޅަނދުފަހަރުތަކުގެ ވެރިން އެ ސަރަހައްދަށް ދާން ބޭނުންނުވުމަކީ، ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ހުރަހަކަށް ވާއިރު، މިއީ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް ތެހެރާނުގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އުޅަނދުފަހަރު ދެނެގަތުމަށް ހުރަސްއަޅާ "ޑާކް ޓްރާންސިޓް" ތައް ހިމެނޭހެން ބެލި ނަމަވެސް، ޖުލައި 7 ވަނަ ދުވަހުން ފެށިގެން އެ ކަނޑުއޮޅިން ދުވާލަކު ދަތުރުކުރަނީ އެވްރެޖްކޮށް ދެތިން "ވެރީ ލާޖް ކްރޫޑް ކެރިއާ" (ވީ.އެލް.ސީ.ސީ) ކަމަށް އުޅަނދުފަހަރު ދަތުރުކުރާ ގޮތް ބަލާ ކެޕްލާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު ގާތްގަނޑަކަށް އަށް ވީ.އެލް.ސީ.ސީ އެ ސަރަހައްދުން ދަތުރުކުރެ އެވެ.
އެހެންނަމަވެސް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަދުވި ނަމަވެސް، ގިނަ އަދަދެއްގެ ތެޔޮ މިހާރު ދަނީ އެ ކަނޑުއޮޅި ނޫން އެހެން މަގުތަކުން ބޭރުކުރަމުންނެވެ. ނުވަތަ އެމެރިކާގެ ހިމާޔަތުގައި އަދި ސިއްރިއްޔާތުގައި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކޮށްގެން ޕާޝިއަން ގަލްފުން ބޭރުކުރަމުންނެވެ.
މި ސަރަހައްދުގެ ކޮންޓްރޯލް އޮތީ ކޮން ފަރާތެއްގެ އަތުގައިތޯ ބެލުމުގައި ތަޖުރިބާކާރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ގްރީސްގެ މެރިޓައިމް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ މަރިސްކްސްގެ ސީ.އީ.އޯ ޑިމިޓްރިސް މަނިއާޓިސް ވިދާޅުވާ ގޮތުގައި، ހަމަލާދީފާނެ ކަމުގެ ބިރު ދައްކައިގެން އީރާނުން ދަނީ އެ ސަރަހައްދުގެ "މުޅި ކޮންޓްރޯލް ކަހަލަ ގޮތަކަށް" ހޯދަމުންނެވެ. އޭނާ ސީ.އެން.އެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނު، ރަޝިޔާ، ޗައިނާ ނުވަތަ ތުރުކީގެ މަސްލަހަތު އޮންނަ އުޅަނދުތައް ދަތުރުކުރާއިރު އީރާނުން އެކަމަށް ފުރުސަތު ދޭ ކަމަށެވެ.
އަނެއްކޮޅުން، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމުގެ ގާބިލުކަން އެމެރިކާއިން އިތުރުކުރަމުންދާ ކަމަށެވެ. އަދި ތެޔޮ ބޭރުކުރާ މިންވަރު، އުޅަނދުފަހަރު ދެނެގަންނަ ސިސްޓަމްތަކުން ދައްކާ މިންވަރަށް ވުރެ މާ އިތުރު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.










