Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ

ޓްރަމްޕްގެ ބާރު ދެއްކުމުގެ ފަލްސަފާ- ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި

25 އޯގަސްޓު 2026 | އަންގާރަ 07:34

އެމެރިކާގެ އިގްތިސާދީ ބާރުވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވައިގެން އީރާނާއި ކެނެޑާ ނޭވާ ހާސްކޮށްލުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ދެކޭ. މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ބާޒާރުތަކަށް ލޮޅުން އަރައި އާންމު މުދަލުގެ އަގު އުފުލުމުގެ ބިރު އޮތްއިރު، މިއީ އާޚިރުގައި ޓްރަމްޕްގެ ސިޔާސީ ނުފޫޒު ކުޑަވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ

ރާއްޖެ އެމްވީ | 25 އޯގަސްޓު 2026 | އަންގާރަ 07:34
ކިއުބެކްގެ މޮންޓްރިއަލްގައި އޮންނަ މޮންޓްރިއަލް ބަނދަރުގައި މުދާ އުފުލާ ކޮންޓޭނަރުތަކެއް ބަހައްޓާފައިވާ މަންޒަރު - 23 އޯގަސްޓް 2026

ކިއުބެކްގެ މޮންޓްރިއަލްގައި އޮންނަ މޮންޓްރިއަލް ބަނދަރުގައި މުދާ އުފުލާ ކޮންޓޭނަރުތަކެއް ބަހައްޓާފައިވާ މަންޒަރު - 23 އޯގަސްޓް 2026 | އެލަމީ

ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތު ބިނާވެފައިވަނީ، އެމަނިކުފާނާއި އެމެރިކާއަކީ އެހާ ބާރުގަދަ ބައެއް ކަމަށާއި، އެކުވެރި ގައުމުތަކާއި ދުޝްމަނުންވެސް އެމަނިކުފާނުގެ ނިންމެވުންތަކަށް ބޯލަނބަންޖެހޭނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމުގެ މައްޗަށެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތުތައް އެތައް އަހަރެއް ވަންދެން ހިފަހައްޓަމުން އައި އުސޫލުތަކާ ޓްރަމްޕް ޚިލާފުވެވަޑައިގަންނަވާކަން، އެމަނިކުފާނު ދެއްވާ ތަގުރީރުތަކާއި ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މިކަން އެންމެ ރަނގަޅަށް ސިފަކޮށްދެއްވީ މިދިޔަ ޖެނުއަރީ މަހު ސީއެންއެންގެ ޖޭކް ޓެޕަރއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕްގެ އިސް އެހީތެރިޔާ ސްޓީވަން މިލާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔެ ހިނގަނީ "ގަދަބާރާއި، ނުފޫޒާއި، ބާރުވެރިކަމުގެ" މައްޗަށް ބިނާވެފައިވާ "ވަރުގަދަ ގާނޫނުތަކެއްގެ" މައްޗަށެވެ.

ނަމަވެސް، އީރާނާއި ކެނެޑާއާއެކު އުފެދިފައިވާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން މި ފަލްސަފާއަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

އީރާނުގެ މައްޗަށް ގަދަ ބާރު ދެއްކެވުމަށް ޓްރަމްޕް ފެއްޓެވި ނިންމާނުލެވި އޮތް ހަ މަސްދުވަސްވީ ހަނގުރާމައިގައި، އީރާނުން ދަނީ އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށް ގޮންޖަހަމުންނެވެ.

ހަމައެއާއެކު، ވޮޝިންޓަނާއެކު ކުރަމުންދިޔަ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލެއްވި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ، ހުޅަނގުގެ އެހެން އެއްވެސް ލީޑަރަކަށްވުރެ ބޮޑަށް، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ "ބަދަލުވެފައިވާ" ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ދަނީ "އިގްތިސާދީ ގުޅުންތައް ހަތިޔާރެއްގެ ގޮތުގައި" ބޭނުންކުރައްވަމުން ކަމަށް މިދިޔަ ހޮނިހިރު ދުވަހު ކާނީ އޭނާގެ ގައުމުގެ ރައްޔިތުންނަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ ދައުރުގައި ކަންކަން ބަދަލުވެފައިވާ މިންވަރު ހާމަވާ އެންމެ ބޮޑު އެއް ކަމަކީ، އެމެރިކާގެ އެންމެ ވަފާތެރި އެކުވެރިޔާ ކެނެޑާ، އެމެރިކާގެ އެންމެ ބޮޑު ދުޝްމަނު އީރާނާ އެއްފަދައިން އެމެރިކާއާއެކު އިގްތިސާދީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވުމެވެ.

އެހެންނަމަވެސް، އޮޓާވާއާއެކު ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައާއި އަދި ތެހެރާނާ ދެކޮޅަށް ކުރަމުން ގެންދާ އަސްކަރީ ހަނގުރާމައިން، ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ ކޮން ކަމެއްކަން މިދިޔަ ހޯމަ ދުވަހު ވަނީ ވަރަށް ބޮޑަށް ސާފުކޮށްދީފަ އެވެ.

ވޮޝިންޓަން ޑީސީގައި ހުންނަ ޓްރެޜަރީ ޑިޕާޓްމަންޓުގައި 2026 އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ވޮޝިންޓަން ޑީސީގައި ހުންނަ ޓްރެޜަރީ ޑިޕާޓްމަންޓުގައި 2026 އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ | ރޮއިޓާސް

ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނުގެ ބައިނަލްއަގުވާމީ މާލީ ގުޅުންތަކާ ދެކޮޅަށް "އިގްތިސާދީ ވަރުގަދަ ހަމަލާއެއް" ދޭނެކަން އިއުލާނުކުރައްވާފަ އެވެ. އޭނާ މިކަން މި އައު ހަމަލާގެ މިސާލު ދެއްކެވީ ދެވަނަ ބޮޑު ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލި "ޑީ-ޑޭ" އުދުވާނުންނެވެ.

މީގެ އިތުރުން، ޓްރަމްޕް ސޯޝަލް މީޑިއާގައި އިންޒާރު ދެއްވި ގޮތުގައި "ކެނެޑާއަށްވުރެ އެމެރިކާ އަބަދުވެސް މާ ބޮޑުވާނެ، މުއްސަނދިވާނެ، އަދި ބާރުގަދަވާނެ" އެވެ. އަދި "މި ހެއްވާ މީހުން (ކެނެޑާގެ ވެރިން) ހަމަ މަގަށް އަޅުވަން" މީހަކު މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްއަށް މިގޮތުގައި ދެމިހުންނެވޭނެ ހެއްޔެވެ؟

ހޯމަ ދުވަހު އެމެރިކާ ސަރުކާރުން ބޭނުންކުރި ބަސްމަގަށް ބަލާއިރު، ޓްރަމްޕް މިހާރު އެމެރިކާގެ އިގްތިސާދު ހަނގުރާމައަކަށް ނެރުއްވަނީ ކަމަށް ބެލެވެ އެވެ.

ޓްރަމްޕް އުންމީދު ކުރައްވަނީ ކެނެޑާއާއެކު އެމެރިކާއަށް ބޮޑު ފައިދާއެއް ލިބޭނެ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށާއި، އީރާނުގެ ސަރުކާރު އެއްކޮށް ވައްޓާލުމަށެވެ.

ނަމަވެސް، މި ދެ ކަމުގައިވެސް ކުރިއަށް އޮތް މަގު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ސަބަބަކީ، ބާރު ދައްކަން ކުރާ މަސައްކަތުގެ ސަބަބުން އިގްތިސާދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާކަން ސާފުވުމުން، ރައީސް ޓްރަމްޕް ގިނަ ފަހަރަށް ފަހަތަށް ޖެހިވަޑައިގަންނަވާތީ އެވެ.

ކެނެޑާއާއި އީރާނުގެ މައްޗަށް ކުރިހޯދުމަށް އެމެރިކާއިން ކުރާ މަސައްކަތް ދިގުލައިގެން ގޮސްފިނަމަ، އަދި އީރާނުގެ މާލީ ވިއުގަ ބަންދުކުރުމަށް އެހެން ގައުމުތަކަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގެ ކޮންސިއުމަރުންނަށް ތެލާއި ކާބޯތަކެތީގެ އަގު އުފުލި، އޭގެ ބަދަލުހިފުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އަދި ބައެއް އިންވެސްޓަރުން ބޮންޑް މާކެޓްގެ ކްރައިސިސްއަކަށް ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައި، މީގެ ސަބަބުން އެމެރިކާގެ މާކެޓްތަކަށް ލޮޅުން އަރައިފާނެ އެވެ.

ހޯމަ ދުވަހުގެ އިންޒާރުތަކަކީ ޓްރަމްޕް އަބަދުވެސް ކަންކަމުން ފަހަތަށް ޖެހިވަޑައިގަންނަވާ އުސޫލުގެ ފެށުމެއް ކަމަށްވާނަމަ، އޭގެ ސަބަބުން އެމަނިކުފާނުގެ އަމިއްލަ ބާރާއި ގައުމުގެ ބާރުވެރިކަން ކުޑަވެގެންދާނެ އެވެ. އަދި ނޮވެމްބަރު މަހު އޮންނަ ގޮންޖެހުން ބޮޑު މިޑްޓާމް އިންތިޚާބު ގާތްވަމުން އަންނައިރު، އެމަނިކުފާނަކީ ބާރު ކެނޑިފައިވާ (ލޭމް-ޑަކް) ރައީސަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

އީރާނުގެ އިގްތިސާދު ހާލުގައި ޖައްސައިގެން ޓްރަމްޕަށް ހާސިލުކުރެވޭނީ ކޮން ކަމެއް؟

ބެސެންޓްގެ އިއުލާނަކީ އީރާނާއެކު ކުރަމުންދާ ހަނގުރާމައިން އަރައިގަތުމަށް އެމެރިކާއިން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތެވެ.

ނަމަވެސް، ޔޫރަޕް މިނިވަންކުރުމަށް އެމެރިކާގެ ސިފައިން ވި ގުރުބާނީއަށް ބަލާއިރު، "ޑީ-ޑޭ" އާ މިކަން އެއްފަދަ ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ބެސެންޓާ ޚިލާފަށް، 1944 ވަނަ އަހަރު އެލައިޑް ފޯސްގެ ކޮމާންޑަރު ޖެނެރަލް ޑްވައިޓް އައިޒަންހާވަރަކީ، ބޮޑު ހަމަލާއެއް ދިނުމުގެ ކުރިން އެތައް ދުވަހެއް ވަންދެން އެކަމުގެ މައުލޫމާތު ހާމަކުރައްވައި، އޭގެ ފަހުން އެއްވެސް މުއްދަތެއް ނެތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިންޒާރު ދެއްވި ބޭފުޅެއް ނޫނެވެ.

އީރާނުގެ މާލީ އަދި ވިޔަފާރީގެ މަގުތައް ބަންދުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަގީގީ މަސައްކަތެއް ކޮށްފިނަމަ، މިހާރުވެސް އިނދަޖެހިފައިވާ އެ ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ދެވިދާނެ އެވެ.

ޓްރެޜަރީގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ މެކްސް މެއިޒްލިޝް ހޯމަ ދުވަހު ސީއެންއެންއަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ބައިވެރިންގެ އެއްބާރުލުން ލިބިއްޖެނަމަ މިކަން ކާމިޔާބު ކުރެވިދާނެ އެވެ. އޭނާ ވަކިން ޚާއްސަކޮށް ފާހަގަކުރެއްވީ ފްރާންސާއި ޖަރުމަނު ފަދަ ގައުމުތަކުގައި ހިންގާ، އީރާނު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ބޭންކް މެއްލީގެ ވާހަކަ އެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އީރާނުން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.

އައިއެމްއެފްގެ ކުރީގެ ޗީފް އިކޮނޮމިސްޓް ކެނެތު ރޮގޯފް ސީއެންއެންއަށް ވިދާޅުވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތައް ކާމިޔާބުވާނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެއްބާރުލުން ލިބިގެންނެވެ. އެހެން ނޫންނަމަ އެއީ ވަރަށް އުނދަގޫ ކަމެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބުއްދިވެރި ނޫން އަދި ޣައިރު ގާނޫނީ ހަނގުރާމައެއްގެ ސަބަބުން އެމެރިކާގެ ބައިވެރިން ބާކީކޮށްލުމުގެ ކުރިން މިފަދަ ފިޔަވަޅެއް އެޅިނަމަ، ޓްރަމްޕަށް މާ ބޮޑު ކާމިޔާބީއެއް ލިބުނީހެވެ.

އަދި ތެހެރާނުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަން ވައިޓް ހައުސްއަށް އޮތް މިންވަރު ވަޒަންކުރުމުގައި ނުބައި ހީތަކެއް ހުރެދާނެ އެވެ. އިގްތިސާދާ މެދު އީރާނުގެ މެދުތެރޭގެ ވިސްނުމުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރުމަކީ އެމެރިކާއަށް ލިބޭނެ ހިތްވަރެކެވެ. ނަމަވެސް، ވޮޝިންޓަނުން ފާއިތުވި އެތައް އަހަރެއްގައި މިފަދަ ކުދިކުދި ނިޝާންތަކަށް ބަލައި، އީރާނުގެ ސަރުކާރު ވެއްޓެން ކައިރިވެފައިވާ ކަމަށް ނިންމި ނިންމުންތައް ވަނީ ނުބައިވެފަ އެވެ.

އެންމެ ބޮޑު ގެއްލުމަކީ، ޓްރަމްޕްގެ ސަރުކާރުން އަމިއްލަ ސިޔާސަތުތަކަށް ސީރިއަސް ނޫންކަމުގެ ނިޝާންތައް ފެންނަމުންދިއުމެވެ.

އީރާނުގެ ތެޔޮ އަގުހެޔޮކޮށް ގަތުމަށް އެހީތެރިވާ ޗައިނާގެ ބޭންކުތަކާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ޗައިނާއިން ބުނެފައިވަނީ އެ ގައުމުގެ މަސްލަހަތު ދިފާއުކުރާނެ ކަމަށެވެ. މިއީ އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅު އަޅައި، ތަކެތީގެ އަގު އުފުލި، އެމެރިކާގެ ވޯޓުލާ މީހުން ރުޅިއަރުވާލާނެ ކަމުގެ އިޝާރާތެކެވެ. އެމެރިކާގެ ދިފާއީ އަދި ޓެކްނޮލޮޖީ ސިނާއަތަށް މުހިންމު "ރެއަރ އާތު" މިނަރަލްސް އެކްސްޕޯޓް ކުރުން މަދުކުރާނެ ކަމުގެ އިންޒާރު މިދިޔަ އަހަރު ދިނުމުން، ޓްރަމްޕްގެ ބާރާ ދެކޮޅަށް މަސައްކަތް ކުރެވޭނެކަން ޗައިނާއިން ވަނީ ދައްކާފަ އެވެ.

މީގެ އިތުރުން، އަންނަ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ޓްރަމްޕަށް ވަރަށް މުހިންމު ދަތުރުފުޅެކެވެ. އެހެންކަމުން، އެ ދަތުރުފުޅުގެ ކުރިން މަސްލަހަތު ގޯސްކޮށްލަން ޓްރަމްޕް ބޭނުންފުޅުވާނެ ކަމަކަށް ނުބެލެވެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކުގައި ދެމިއޮތުމުގެ ގާބިލުކަމާ މެދު އުފެދިފައިވާ ޝައްކުތައް ބެސެންޓްގެ ވާހަކައިން އިތުރަށް ވަރުގަދަވި އެވެ. އީރާނާއެކު މުއާމަލާތްކުރާ ފަރާތްތަކަށް ވަގުތުން ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "ނުބައި އަމަލުތައް އިސްލާހުކުރުމުގެ ފުރުސަތު އެންމެންނަށްވެސް ދެނީ" ކަމަށާއި، "ދުނިޔޭގެ މާލީ ނިޒާމު އެއްކޮށް ގޮއްވާލަން ބޭނުންވާންވީ ކީއްވެތޯ" އޭނާ ސުވާލު އުފެއްދެވި އެވެ.

ވިޔަފާރީގެ މައްސަލައަކަށްވުރެ ބޮޑު ކުރިމަތިލުމެއް ކެނެޑާއަށް ފެނޭ

އެމެރިކާއާއެކު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، 2026 އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އޮންޓޭރިއޯގެ އޮޓާވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވާހަކަދައްކަވަނީ

އެމެރިކާއާއެކު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، 2026 އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އޮންޓޭރިއޯގެ އޮޓާވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް

ޗައިނާގެ ބޭންކުތަކަށް ފިޔަވަޅު އެޅުމަށްވުރެ، ކެނެޑާގެ ހޮކީ ސްޓިކް އުފައްދާ ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ސަރުކާރުން ފަސް ނުޖެހޭކަމީ ފެންނަން އޮތް ހަގީގަތެކެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތައް ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.

ނައިބު ރައީސް ޖޭޑީ ވޭންސް ހޯމަ ދުވަހު ވިދާޅުވީ، "އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ކެނެޑާއަކީ (އެމެރިކާގެ) ސްޓޭޓެއްކަން. މައާފުކުރައްވާ، އެއީ އޮޅުމަކުން ބުނެވުނު އެއްޗެއް" ކަމަށެވެ.

މިފަދަ ހަރުކަށި ބަސްތަކުގެ ސަބަބުން ބައެއް ފަހަރު ސިޔާސީ މަސްރަހު ގޯސްވަމުންދާއިރު، ކެނެޑާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ވިޔަފާރީގެ މައްސަލައެއް ނޫނެވެ.

ޑިޓްރޮއިޓާ އިންވެގެން އޮންނަ އޮންޓޭރިއޯގެ ވިންޑްސަރގެ މޭޔަރު ޑްރޫ ޑިލްކެންސް ވިދާޅުވި ގޮތުގައި، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމަށް ޓްރަމްޕް ވިދާޅުވުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ. އޭނާ ސީއެންއެންއަށް ވިދާޅުވީ، ފުރަތަމަ ފަހަރު އެއީ މަޖަލެއް ކަމެއް ބެލިދާނެ ނަމަވެސް، ތަކުރާރުކޮށް އެ ވާހަކަ ދެއްކުމުން އެކަން ސީރިއަސްވާ ކަމަށެވެ.

އޮޓާވާއިން ބުނާ ގޮތުގައި، ކާނީ މަޝްވަރާތައް ހުއްޓާލެއްވީ، ކެނެޑާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދެ ބަހުން ވާހަކަދެއްކުމުގެ ހައްގު ހަނިކުރުމަށް އެމެރިކާއިން މަސައްކަތް ކުރުމުންނެވެ. ކެނެޑާގައި ވިއްކާ ތަކެތީގެ ބޭރުގައި އިނގިރޭސި ބަހުގެ އިތުރުން ފްރެންޗް ބަހުން ލިޔުމަކީ އެމެރިކާގެ ކުންފުނިތަކަށް އުނދަގުލަކަށް ވެދާނެ އެވެ. ނަމަވެސް، އެއީ ކެނެޑާގެ ސަގާފީ އަދި ބަހުގެ މުއްސަނދިކަން ދަމަހައްޓައިދޭ ކަމެކެވެ. މީގެ އިތުރުން، އެހެން ގައުމުތަކާއެކު ކެނެޑާއިން ކުރާ ވިޔަފާރީގެ އެއްބަސްވުންތަކަށް ހުރަސްއެޅުމަށް ވޮޝިންޓަނުން މަސައްކަތް ކުރި ކަމަށްވެސް ކާނީ އިޝާރާތް ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މުސްތަގުބަލު ގޮތް ނިންމުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނަން،" ކާނީ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

ކުޑަ އިގްތިސާދަކަށްވާތީ، އެމެރިކާއާއެކު ކުރާ ވިޔަފާރީގެ ހަނގުރާމައެއްގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކެނެޑާއަށެވެ. ނަމަވެސް، އެމެރިކާގެ ބާރުވެރިކަމަށް ގޮންޖެހުމުގެ ގާބިލުކަން ކެނެޑާއަށް އެބައޮތެވެ. ޓެރިފްގެ ކުރިމަތިލުން ދިގުލައިގެން ގޮސްފިނަމަ، ދެ ގައުމުގެ އޮޓޯ ސިނާއަތް އެއްކޮށް ސުންނާފަތިވެދާނެ އެވެ. އަދި ކެނެޑާގެ ރައްޔިތުން އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފަށައިފިނަމަ، އަންނަ އަހަރުގެ ސެނެޓް އިންތިޚާބުގައި މިޗިގަން އަދި މެއިން ފަދަ ބޯޑަރު ސްޓޭޓްތަކުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ އެވެ.

ޓްރަމްޕްގެ ބާރުވެރިކަން ދައްކަން ކުރާ މަސައްކަތުގެ ތެރެއިން ގަބޫލުކުރަންޖެހޭ އެހެން ހަގީގަތެއް އެބައޮތެވެ.

އެއީ، ބާރުގަދަ ގައުމެއްގެ ފަރާތުން އަމިއްލަ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާކަން އިހުސާސްވުމުން، އެކަން ދިފާއުކުރުމަށް ކޮންމެ ފަދަ އަގަކަށްވެސް ރައްޔިތުން ތައްޔާރުވާނެ ކަމެވެ.

އެމެރިކާ-އީރާންއެމެރިކާ-ކެނެޑާމާކް ކާނީސްކޮޓް ބެސެންޓް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
22 އޯގަސްޓު 2026

ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް

22 އޯގަސްޓު 2026
ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް
22 އޯގަސްޓު 2026

މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި

22 އޯގަސްޓު 2026
މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި
21 އޯގަސްޓު 2026

އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި

21 އޯގަސްޓު 2026
އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި
21 އޯގަސްޓު 2026

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

21 އޯގަސްޓު 2026
އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް
21 އޯގަސްޓު 2026

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026
ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު
21 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް

21 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް
20 އޯގަސްޓު 2026

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟

20 އޯގަސްޓު 2026
އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟
16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް