މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި
22 އޯގަސްޓު 2026 | ހޮނިހިރު 05:06މި ނިންމުމާ ގުޅިގެން ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވިދާޅުވީ، އެމެރިކާ އިން ނަގާ ކޮންމެ ޑޮލަރަކަށް ކެނެޑާ އިން ވެސް ހަމަ އެ މިންވަރަށް ޓެރިފް ނަގައި ރައްދު ދޭނެ ކަމަށް. ކާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި އެމެރިކާ އާއެކު ރަނގަޅު އެއްބަސްވުމަކަށް އައުމަށް މުހިންމު ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކެނެޑާގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަނޑައެޅި ލަނޑުދަނޑިތަކާ ހަމައަށް ވާސިލު ވެވިފައި ނުވާ ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ | ގެޓީ އިމޭޖަސް
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ކެނެޑާގެ 20 ބިލިއަން ޑޮލަރުގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނެގުމަށް އެމެރިކާ އިން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ސުންގަޑި ހަމަވިއިރު ވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަން އެމެރިކާ އާއި ކެނެޑާގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ. މި އައު ޓެރިފްތަކަށް އަމަލުކުރަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު އެވެ.
މި ނިންމުމާ ގުޅިގެން ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވިދާޅުވީ، އެމެރިކާ އިން ނަގާ ކޮންމެ ޑޮލަރަކަށް ކެނެޑާ އިން ވެސް ހަމަ އެ މިންވަރަށް ޓެރިފް ނަގައި ރައްދު ދޭނެ ކަމަށެވެ. ކާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި އެމެރިކާ އާއެކު ރަނގަޅު އެއްބަސްވުމަކަށް އައުމަށް މުހިންމު ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކެނެޑާގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަނޑައެޅި ލަނޑުދަނޑިތަކާ ހަމައަށް ވާސިލު ވެވިފައި ނުވާ ކަމަށެވެ. އަދި މި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކެނެޑާގެ މަސައްކަތްތެރިންނާއި، ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްވަރާތައް ނާކާމިޔާބުވުމުގެ ޒިންމާ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖެމީސަން ގްރީއާ އެޅުއްވީ ކެނެޑާގެ ބޮލުގައި އެވެ. ގްރީއާ ވިދާޅުވީ، މިއީ އެމެރިކާ އާއެކު ބައިވެރިވުމަށް ކެނެޑާ އަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލުން ކަމަށެވެ. އަދި މި ހަފުތާގެ ކުރީކޮޅު އެއްބަސްވި ޝަރުތުތަކުގެ ދަށުން މުއާމަލާތް ނިންމުމަށް ކެނެޑާ އިން އިންކާރު ކޮށްފައިވާ ކަމަށާއި، ކެނެޑާ އިން އަލަށް ހުށަހެޅި ޑިމާންޑުތަކުގެ ސަބަބުން ކުރިން ގާއިމު ކުރެވުނު ބެލެންސް ގެއްލިފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އަލަށް ތައާރަފުކުރި މި ޓެރިފްތަކުގެ ސަބަބުން ކެނެޑާ އިން އެމެރިކާ އަށް އެކްސްޕޯޓުކުރާ މުދަލުގެ ގާތްގަނޑަކަށް ފަސް އިންސައްތަ އަށް އަސަރު ކުރާނެ އެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި ސިނާއީ މެޝިނަރީ އަދި ކިރުގެ އުފެއްދުންތައް ހިމެނެ އެވެ. މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ ކެނެޑާގެ ދަގަނޑާއި ލަކުޑި އަދި އުޅަނދު ފަހަރުން ޓެރިފް ނަގަން ފަށާފައި އެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގެ ކުރީކޮޅު، މިދިޔަ އަހަރު ކެނެޑާގެ މުދަލުން ޓެރިފް ނަގަން ފެށުމާ އެކު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ނުތަނަވަސްކަން ވަނީ ބޮޑުވެފައި އެވެ. އެމެރިކާގެ އުފެއްދުންތަކަށް ކެނެޑާ އިން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާފައިވާއިރު، މިދިޔަ ޖުލައި މަހު ވެސް އެމެރިކާ އިން ވަނީ އައު ޓެރިފްތަކެއް އިއުލާނު ކޮށްފައި އެވެ.
ނަމަވެސް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކެނެޑާ އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ އެކަމުގައި ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް މި ވަނީ ނާކާމިޔާބުވެފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










