އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026 | ހޮނިހިރު 05:47އީރާންއާ ގުޅޭ ގޮތުން އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ވާހަކަ ދައްކަން ޖެހޭނީ ކާާކާ ކަން ނޭނގުން ކަމަށް ޓްރަމްޕް ވިދާޅުވި. އަދި އީރާންގެ ލީޑަރުން ނެތުމަކީ އޭނާ އަށް ދިމާވާ އަދި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާން އަކީ މިހާރު ވެރިކަން ކުރާނެ މީހަކު ނެތް ޤައުމެއް ކަމަށް ވިދާޅުވެ، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ސައުތު ކެރޮލައިނާގައި ސެނެޓަރި ޑާލިމް ގްރެހަމް އަށް ތާއީދު ކުރުމުގެ ގޮތުން، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އަކީ ނޭވީއެއް ނެތް، އެއާފޯސްއެއް ނެތް، ރާޑަރެއް ނެތް، ޓެކްނިކަލް ވަސީލަތެއް ނެތް އަދި އުފެއްދުންތެރިކަމެއް ވެސް ނެތް ޤައުމަކަށް މިހާރު ވެފައިވާ ކަމަށެވެ. އަދި އީރާންގައި މިހާރު ލީޑަރުންނެއް ނެތް ކަމަށާއި، ދެ ވަނަ ފަންތީގެ ލީޑަރުންނެއް އަދި ތިން ވަނަ ފަންތީގެ ލީޑަރުންނެއް ވެސް އެ ޤައުމުގައި ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާންއާ ގުޅޭ ގޮތުން އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ވާހަކަ ދައްކަން ޖެހޭނީ ކާާކާ ކަން ނޭނގުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާންގެ ލީޑަރުން ނެތުމަކީ އޭނާ އަށް ދިމާވާ އަދި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ދުނިޔޭގައި އެ ޤައުމެއްގެ ރައީސް އަކަށް ވާން އެއްވެސް މީހަކު ބޭނުން ނުވާ ހަމައެކަނި ޤައުމަކީ އީރާން ކަމަށެވެ. އީރާންގައި ރައީސްކަން ކުރަން ބޭނުންވާ މީހަކު ހޯދަން އުޅޭއިރު، އެންމެން ވެސް ބުނަނީ އީރާންގެ ރައީސް އަކަށް ވާން ބޭނުން ނުވާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅު
ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާންގެ ރައީސް ކަމުގައި ހުންނެވީ މަސްއޫދު ޕެޒެޝްކިއާން އެވެ. އަދި އީރާން އިން އަންނަނީ އެމެރިކާ އިން ބޭނުންވާހާ ގޮތަކަށް ކަންކަން ވުމަށް ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެމެރިކާ އާއެކު ކުރަމުން އަންނަ މަޝްވަރާތަކުގައި ވެސް އީރާން އިން އަންނަނީ އެ ޤައުމުގެ މަސްލަހަތުތައް ހިމާޔަތް ކުރަމުންނެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް ވެސް ވަނީ އަވަހާރަވެފައި އެވެ. މި ހަނގުރާމައިގެ ސަބަބުން އީރާންގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް، އެމެރިކާގެ ކުރިމަތީގައި އީރާން އިން ފަސްޖެހިފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










