ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖޫން މަހު 228 މައްސަލައެއް ބަލައިގަނެ، ތަހުގީގީ އިދާރާތަކަށް 683 ލަފާ ދީފައިވާއިރު، އެ އޮފީހުގެ ވަކީލުން ވަނީ 1207 އަޑުއެހުމަކަށް ހާޒިރުވެފައި. މެއި މަހާ އަޅާބަލާއިރު ޖޫން މަހު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކާއި، ދިން ގާނޫނީ ލަފާގެ އިތުރުން ޝަރީއަތްތަކަށް ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައި


ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ
ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ޖުމްލަ 265 މައްސަލައެއް ރާއްޖޭގެ އެކި ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ އެ އޮފީހުގެ ރަސްމީ "އެކްސް" އެކައުންޓް މެދުވެރިކޮށް އާދިއްތަ ދުވަހުއެވެ.
ޕީޖީ އޮފީހުން އާންމުކުރި ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހުގެ ތެރޭގައި ތަހުގީގީ އިދާރާތަކުން ފޮނުވި މައްސަލަތަކުގެ ތެރެއިން 228 މައްސަލައެއް އެ އޮފީހުން ވަނީ ބަލައިގަނެފައެވެ.
މީގެ އިތުރުން، އެކި މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން ލަފަޔަކަށް އެދުމުން، ޖޫން މަހުގެ ތެރޭގައި އެ އޮފީހުން ވަނީ 683 ލަފައެއް ދީފައެވެ.
ކޯޓުތަކުގައި ކުރިއަށްދާ ޝަރީޢަތްތަކަށް ހާޒިރުވުމުގެ މަސައްކަތްތަކަށް ބަލާއިރު، ވޭތުވެދިޔަ މަހު އެކަނިވެސް ޕީޖީ އޮފީހުގެ ވަކީލުން ވަނީ 1207 އަޑުއެހުމަކަށް ހާޒިރުވެފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކޯޓުތަކުގައި ކުރިއަށްދިޔަ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކެވެ.
މެއި މަހުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ޖޫން މަހު ޕީޖީ އޮފީހުގެ މަސައްކަތްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހާ އަޅާބަލާއިރު ޖޫން މަހު ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ ދެ މައްސަލަ އިތުރުވެފައެވެ. މީގެ އިތުރުން، ކޯޓުތަކުގެ އަޑުއެހުންތަކަށް ވަކީލުން ހާޒިރުވި މިންވަރާއި، ތަހުގީގީ އިދާރާތަކަށް ގާނޫނީ ލަފާދިން މިންވަރުވެސް މެއި މަހަށްވުރެ ޖޫން މަހު ވަނީ އިތުރުވެފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.









