ހިސާބުގެ އިލްމުގެ ދުނިޔޭގެ އެންމެ މަތީ އިނާމު ޗައިނާ ދެމީހުންނަށް ލިބިއްޖެ
25 ޖުލައި 2026 | ހޮނިހިރު 09:15ހިސާބު އިލްމުގެ ނޯބެލް ޕްރައިޒްގެ ގޮތުގައި ބެލެވޭ "ފީލްޑްސް މެޑަލް" ޗައިނާގެ ދެ އިލްމުވެރިން ކަމަށްވާ ހޮންގް ވަންގް އާއި ޔޫ ޑެންގް ކާމިޔާބުކޮށްފި. ގަރުނަކަށްވުރެ ގިނަ ދުވަސްވީ ހިސާބު މައްސަލަތަކެއް ހައްލުކޮށްގެން މި ޝަރަފު ހޯދި ދެ އިލްމުވެރިންނަކީ ވެސް ޕީކިންގް ޔުނިވަރސިޓީން ކިޔަވައި، އެމެރިކާގެ އެކި ޔުނިވަރސިޓީތަކުގައި މިހާރު ކިޔަވައިދެމުންދާ ދެ ފަރާތް. މި ތާރީޚީ ކާމިޔާބީއާއެކު ޗައިނާގެ ސޯޝަލް މީޑިއާގައި ބޮޑު ފޯރިއެއް ވަނީ އުފެދިފައި.

ހިސާބު އިލްމުގެ ދާއިރާއިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ފީލްޑްސް މެޑަލް" ޗައިނާގެ ދެ ހިސާބު އިލްމުވެރިން ކަމަށްވާ ޔޫ ޑެންގް (ވ) އަދި ހޮންގް ވަންގް (ކ) ކާމިޔާބުކޮށްފި. މިއީ މި ޝަރަފުވެރި އެވޯޑު ޗައިނާގެ ރައްޔިތުންނަށް ލިބުނު ފުރަތަމަ ފަހަރު. ޔޫ ޑެންގް އާއި ހޮންގް ވަންގް މި އެވޯޑު ހާސިލުކޮށްފައިވަނީ ހިސާބު އިލްމުގެ ދާއިރާއިން އެ ބޭފުޅުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، ހޯދާފައިވާ އައު ހޯދުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. "ހިސާބު އިލްމުގެ ނޯބެލް ޕްރައިޒް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ފީލްޑްސް މެޑަލް އަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އުމުރުން 40 އަހަރުން ދަށުގެ ހިސާބު އިލްމުވެރިންނަށް ދެވޭ އެވޯޑެކެވެ. | ގެޓީ އިމޭޖަސް
ދުނިޔޭގެ ހިސާބު އިލްމުގެ އެންމެ ޝަރަފުވެރި އެވޯޑު ފުރަތަމަ ފަހަރަށް ޗައިނާ ދެމީހުން ކާމިޔާބުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ހިސާބު އިލްމުވެރިން ކަމަށްވާ ޗައިނާގެ ހޮންގް ވަންގް އަދި ޔޫ ޑެންގް މި އެވޯޑު ކާމިޔާބުކުރީ އެމެރިކާގެ ޖޯން ޕާޑަން އަދި ކެނެޑާގެ ޖޭކަން ސިމަރމަންއާ އެކުގަ އެވެ. މި ހަތަރު ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް އިނާމެއްގެ ގޮތުގައި 15,000 ކެނެޑާ ޑޮލަރު (10,500 އެމެރިކާ ޑޮލަރު ނުވަތަ 8,000 ޕައުންޑް) ލިބޭނެ އެވެ.
މި ދެ ފަރާތައް މި އެވޯޑު ލިބުނީ، ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެން ހިސާބު އިލްމުވެރިންނަށް ހައްލުނުކުރެވި އޮތް ދެ މައްސަލައެއްގެ ޖަވާބު ހޯދުމާ ގުޅިގެންނެވެ. އެމެރިކާ އާއި ފްރާންސްގައި ކިޔަވައިދެމުން ގެންދާ އުމުރުން 35 އަހަރުގެ ވަންގް އަކީ މި ޝަރަފުވެރި އެވޯޑު ހާސިލުކުރި ތިންވަނަ އަންހެން ފަރާތެވެ.
ހިސާބު އިލްމުގެ ނޯބެލް ޕްރައިޒްގެ ގޮތުގައި ބެލެވޭ "ފީލްޑްސް މެޑަލް" ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގަ އެވެ. މި އެވޯޑު ދީފައި މިވަނީ އިންސާނުންގެ ހިސާބު އިލުމުގެ ގާބިލުކަމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ކާމިޔާބީއާއެކު ޗައިނާގެ ސޯޝަލް މީޑިއާގައި ބޮޑު ފޯރިއެއް ވަނީ އުފެދިފަ އެވެ.
ވޭބޯ އާއި ރެޑްނޯޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ފީލްޑްސް މެޑަލް" އަދި "ފީލްޑްސް މެޑަލް ކާމިޔާބުކުރި ޗައިނާގެ ފުރަތަމަ ހިސާބު އިލްމުވެރިން" ފަދަ ހޭޝްޓެގްތަކަށް މިލިއަނުން ވިއުސް ވަނީ ލިބިފަ އެވެ.
ވޭބޯ ބޭނުންކުރާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ މިއީ "މުޅި ޗައިނާގެ ރައްޔިތުންގެ ފަޚުރެއް" ކަމަށެވެ.
އެހެން މީހަކު ބުނެފައިވަނީ "އަހަރެމެން މި ދެކެނީ ތާރީޚީ ވަގުތުކޮޅެއް" ކަމަށެވެ.
ޗައިނާގެ މީޑިއާތަކުން ވެސް މި ދެ އިލްމުވެރިންގެ ޚަބަރުތައް ވަރަށް ފުޅާދާއިރާއެއްގައި ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި އެ ފަރާތުގެ ތައުލީމީ ފަސްމަންޒަރާއި، އަމިއްލަ ޝައުގުވެރިކަން ހުންނަ ކަންކަމުގެ އިތުރުން، މި ކާމިޔާބީގެ ސަބަބުން ގައުމަށް ލިބޭނެ ކުރިއެރުންތަކުގެ ތަފްސީލުތައް ހިމެނެ އެވެ.
"ޗައިނާގެ ހިސާބު އިލްމުގެ މުޖުތަމައަށް މިއީ އެތައް ޒަމާނަކަށް ކުރަމުން އައި އުންމީދެއް ފުރިހަމަވުން،" ފީލްޑްސް މެޑަލް ފުރަތަމަ ހާސިލުކުރި ޗައިނާ ދަރިކޮޅަށް ނިސްބަތްވާ ޝިންގް-ޓަންގް ޔާއޫ ބުންޏެވެ.
ވަންގް އާއި އޭނާގެ އެކުވެރިޔާ ޖޯޝް ޒާލް ވަނީ 1917 ވަނަ އަހަރު ޖަޕާނުގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ ސޯއިޗީ ކަކޭޔާ ހުށަހެޅި ހިސާބު އިލްމުގެ ސުވާލަކަށް ޖަވާބު ދީފަ އެވެ. އެ ސުވާލަކީ: ފަންސޫރެއް އެއްކޮށް ބުރު ޖަހާ ގޮތަށް އަނބުރާލައިފި ނަމަ، އެ ފަންސޫރު ހިފާނެ އެންމެ ކުޑަ ޖާގަ އަކީ ކޮބައިހެއްޔެވެ؟
ވަންގް އަދި ޒާލް މި މައްސަލަ ދިރާސާކޮށް އެ ސުވާލުގެ ޖަވާބު ޝާއިއުކުރީ މިދިޔަ އަހަރު އެވެ.
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ހިސާބު އިލްމުގެ ޕްރޮފެސަރެއް ކަމަށްވާ އުމުރުން 37 އަހަރުގެ ޑެންގްއަށް މި ޝަރަފު ލިބުނީ ގަރުނެއްވީ އެހެން މައްސަލައެއް ހައްލުކޮށްގެންނެވެ.
ޖަރުމަނުގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ ޑޭވިޑް ހިލްބަރޓް 1900 ވަނަ އަހަރު ވަނީ "ހިލްބަރޓްސް ސިކްސްތު ޕްރޮބްލަމް" ގެ ނަމުން މަޝްހޫރުވި ސުވާލެއް ކުރިމަތިކުރުވާފަ އެވެ. އެއީ ވަކިވަކި ކުދި މާއްދާތަކުގެ ހަރަކާތްތަކަށް ބަލައިގެން، މުޅި އެއްޗެއްގެ އަމަލުތައް ހުންނާނެ ގޮތް ހިސާބުން ބަލާނީ ކިހިނެއްތޯ ކުރި ސުވާލެކެވެ.
ޑެންގް މި މައްސަލަ ހައްލުކުރީ ގޭސްތަކުގެ މޮލެކިއުލް ގެ ބިހޭވިއާ ހުންނަ ގޮތަށް ބަލައިގެންނެވެ. އޭނާ ބުނެފައިވަނީ އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ބަލަމުން އައި މޮޅު ހިސާބު އިލްމުވެރިންގެ ލިސްޓުގައި އޭނާގެ ނަން ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ވަންގް މަސައްކަތް ކުރަނީ ވޭވްތަކުގެ ހަރަކާތްތައް ދިރާސާކުރާ "ހާމޮނިކް އެނަލިސިސް" ދާއިރާއިންނެވެ.
ފީލްޑްސް މެޑަލް އަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އުމުރުން 40 އަހަރުން ދަށުގެ ފާހަގަކޮށްލެވޭ ހިސާބު އިލްމުވެރިންނަށް ދޭ އެވޯޑެކެވެ.
ޗައިނާއަށް އުފަން، ގައުމުން ބޭރުން ތައުލީމު ހާސިލުކުރި ދެ ފަރާތް
ޗައިނާގެ ދެކުނު ސަރަހައްދެއް ކަމަށްވާ ގުއަންގްޒީގެ ފަތުރުވެރި ސިޓީއެއް ކަމަށްވާ ގުއިލިންއަށް 1991 ވަނަ އަހަރު އުފަންވި ވަންގް ވަނީ ޕްރައިމަރީ ސްކޫލުގެ ދެ ގްރޭޑެއް ދޫކޮށްލުމަށް ފަހު، 2007 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައި ޗައިނާގެ މަޝްހޫރު ޕީކިންގް ޔުނިވަރސިޓީން ޖާގަ ހޯދާފަ އެވެ.
ފުރަތަމަ އޭނާ ކިޔަވަން ފެށީ އާތު ސައިންސްގެ ދާއިރާއިން ކަމަށްވީ ނަމަވެސް، އަހަރެއް ފަހުން ވަނީ ހިސާބު އިލްމުގެ ދާއިރާއަށް ބަދަލުވެފަ އެވެ.
ގްރެޖުއޭޓްވުމަށްފަހު އޭނާ މަތީ ތައުލީމު ހާސިލުކުރީ ގައުމުން ބޭރުގަ އެވެ. އެގޮތުން ފްރާންސްގެ ޕެރިސް-ސޫޑް ޔުނިވަރސިޓީ އާއި އެކޯލް ޕޮލިޓެކްނިކްގައި ކިޔެވުމަށްފަހު، އެމެރިކާގެ މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ޕީއެޗްޑީ ހާސިލުކުރި އެވެ.
އޭނާ އަކީ މިހާރު ނިއުޔޯކް ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ އިތުރުން ފްރާންސްގެ އިންސްޓިޓިއުޓް ފޯ އެޑްވާންސްޑް ސައިންޓިފިކް ސްޓަޑީޒް (އައިއެޗްއީއެސް) ގެ ދާއިމީ ޕްރޮފެސަރެކެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ވަންގްއަށް ފޯނުން ގުޅުއްވައި، މެޑަލް ލިބުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަންގް އަކީ ފްރާންސްގެ ދިރާސާތަކާއި ތަމްރީނުތަކުގެ ފެންވަރު ދައްކުވައިދޭ ނަމޫނާއެއް ކަމަށެވެ. އަދި ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ފްރާންސް އިޚްތިޔާރު ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ޕްރައިމަރީ ސްކޫލުގައި އުޅުނު އިރުއްސުރެ ހިސާބު މުބާރާތްތަކުގައި ބައިވެރިވަމުން އައި ޑެންގް ވެސް ޕީކިންގް ޔުނިވަރސިޓީއަށް ވަނީ ވަންގްއާ އެއް އަހަރެއްގައި، އެއީ 2007 ވަނަ އަހަރު އެވެ. ނަމަވެސް 2009 ވަނަ އަހަރު އޭނާ ވަނީ އެމްއައިޓީއަށް ބަދަލުވެފަ އެވެ.
އޭނާ ޕީއެޗްޑީ ހާސިލުކުރީ ޕްރިންސްޓަން ޔުނިވަރސިޓީންނެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ ޔުނިވަރސިޓީ އޮފް ޗިކާގޯގައި ކިޔަވައިދެމުންނެވެ.









