އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026 | އަންގާރަ 08:06އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކާއި އުޅަނދުފަހަރުގެ މަޢުލޫމާތު އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ ކަށަވަރުކުރަމުން. މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަކީ އަސްކަރީ އެހީތެރިންގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ ދެކޮޅަށް އިގްތިސާދީ އަދި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި

ޔަމަނުގެ ހޫޘީންގެ މީޑިއާ ސެންޓަރުން ޖުލައި 9 ވަނަ ދުވަހު އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2025 ޖުލައި 8 ވަނަ ދުވަހު ރަތްކަނޑުގައި އެ ޖަމާއަތުން "އިޓާނިޓީ ސީ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް އަމާޒުކޮށް މިސައިލް ހަމަލާދިނުމުގެ ސަބަބުން އެ އުޅަނދު އަޑިއަށްދާ މަންޒަރު | ގެޓީ އިމޭޖަސް
އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއި ކަނޑުދަތުރުފަތުރުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ހަރަކާތްތައް އީރާނުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިކަމުގައި ގަސްތުގައި ބައިވެރިވާ ކުންފުނިތަކާއި ޚިދުމަތްދޭ ފަރާތްތަކުން އެކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ އަސްކަރީ އޮފިޝަލަކާ ހަވާލާދީ، އީރާނުގެ ނޫރުނިއުސް އެޖެންސީން ހޯމަ ދުވަހު މި ޚަބަރު ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވާ ވިޔަފާރި ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ އުޅަނދުފަހަރާއި، ކަނޑުދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން ދަނީ އެއްކޮށް ކަށަވަރުކުރަމުންނެވެ.
އެމެރިކާގެ މިލިޓަރީ ސީލިފްޓް ކޮމާންޑުން ތެލާއި، ވަޒަނާއި، ހަތިޔާރާއި، ކާބޯތަކެއްޗާއި އެހެނިހެން ސާމާނު އުފުލުމަށް އާންމު ވިޔަފާރި އުޅަނދުފަހަރު ބޭނުންކުރާކަން އެމެރިކާގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އެ މަސްދަރުން ފާހަގަކުރި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، މިފަދަ ހަރަކާތްތަކަކީ ހަމައެކަނި ވިޔަފާރީގެ މުމަލާތްތަކެއްގެ ގޮތުގައި ބެލެވެން ނެތީ، މި ލޮޖިސްޓިކްސް ނިޒާމަކީ އެމެރިކާގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ނިޒާމަކަށް ވާތީ އެވެ.
އީރާނުން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ބަލާނީ، އެ އުޅަނދެއް ނިސްބަތްވާ ގައުމަކަށް ނުވަތަ އުޅަނދުގައި ޖަހާފައިވާ ދިދައަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބަލާނީ އެ ފަރާތަކުން އަދާކުރާ އަމަލީ ދައުރަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ މުހިންމު ސާމާނު އުފުލުމުގައި ގަސްތުގައި ބައިވެރިވާ "ކޮންމެ ކުންފުންޏެއް، އުޅަނދެއްގެ ވެރިފަރާތެއް، އޮޕަރޭޓަރެއް، ޝިޕް މެނޭޖަރެއް، ކަނޑުދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ނުވަތަ ވިޔަފާރީގެ މެދުވެރިއެއް" ވިޔަސް، އެއީ އަސްކަރީ އެހީތެރިންގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް "އެކަށީގެންވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިގްތިސާދީ، ގާނޫނީ އަދި ބަދަލުހިފުމުގެ ފިޔަވަޅުތައް" އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ތިންވަނަ ގައުމެއްގައި ރަޖިސްޓްރީކޮށްފައި އޮތުމަކުން ނުވަތަ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ނަމުގައި ހަރަކާތްތެރިވުމަކުން، އީރާނުގެ ތަހުގީގުން ސަލާމަތް ނުވެވޭނެ ކަމަށް އޮފިޝަލް އިންޒާރު ދެއްވި އެވެ. ހަނގުރާމައިގެ ވަގުތެއްގައި އަސްކަރީ ލޮޖިސްޓިކްސްގައި ގަސްތުގައި ބައިވެރިވަމުން، އެއީ ހަމައެކަނި ވިޔަފާރި ހަރަކާތެއް ކަމަށް ކުންފުނިތަކަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
އީރާނުން މިހާތަނަށް ވަނީ މާސްކް (Maersk)، ޝައިލާ ލައިން ނެވިގޭޝަން، ކްރޯލީ ގަވަރންމަންޓް ސަރވިސަސް، އޯވަރސީސް ޝިޕްހޯލްޑިންގ ގްރޫޕް، ސީބަލްކް ޓޭންކާސް އަދި ޕެޓްރިއަޓް ކޮންޓްރެކްޓް ސަރވިސަސް ހިމެނޭހެން ބައެއް ކުންފުނިތަކުގެ ކޮންޓްރެކްޓްތަކާއި މިޝަންތައް ދިރާސާކޮށްފައެވެ. މީގެ އިތުރުން އެސް.އެލް.އެން.ސީ ކޯސިކާ، އެސް.އެލް.އެން.ސީ ގުޑްވިލް، އެސް.އެލް ހަވާއީ، އެސް.އެލް.އެން.ސީ ސެވަރން، ލިބަޓީ ޕަވަރ، ޓޯމް ޓިމޮތީ، އޯވަރސީސް މައިކޮނޯސް، ސްޓެނާ ޕޮލާރިސް، އެސް.އެލް.އެން.ސީ ޕެކްސް، ސްޓެނާ އިމްޕެކަބަލް، ސްޓެނާ އިމްޕަރަޓިވް، ޓޯމް ތޯރ، ޓޯމް ތަންޑަރ އަދި މާސްކް ޕިއަރީ ފަދަ އުޅަނދުފަހަރުގެ މަޢުލޫމާތު ވެސް ވަނީ އެއްކޮށްފަ އެވެ.
އެހެންނަމަވެސް، މި ލިސްޓުގައި ނަން ހިމެނުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާ އެއްވަރުވާނެ ކަމެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކޮންމެ ފަރާތެއްގެ ބައިވެރިވުން އޮތް މިންވަރާއި އޭގެ ބާވަތް ކަނޑައަޅާނީ، އީރާނުން ކުރިއަށްގެންދާ ތަހުގީގުތަކާއި މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ނިމުމުންނެވެ.
މަސްދަރުން ބުނި ގޮތުގައި، މި ތަހުގީގަކީ މެދުނުކެނޑި ކުރިއަށްދާ މަސައްކަތެކެވެ. އަދި މިހާތަނަށް ފާހަގަކުރެވުނު ކުންފުނިތަކާއި އުޅަނދުފަހަރުގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާކަން ފާހަގަކުރެވޭ އިތުރު ކޮންމެ ފަރާތެއް ވެސް މި މައްސަލައިގެ ތެރެއަށް އިތުރުކުރެވޭނެ އެވެ.
"ހަނގުރާމައެއްގެ އަގު އަދާކުރަންޖެހެނީ ހަމައެކަނި ހަނގުރާމައިގެ މައިދާނަކު ނޫން" ކަމަށް ވިދާޅުވަމުން އޮފިޝަލް ވަނީ، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކަށް ވިޔަފާރީގެ ނަމުގައި ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ބައިވެރިވުން ސިއްރުވެފައި އޮންނާނެ ކަމަށް އުންމީދު ނުކުރުމަށް އިންޒާރު ދެއްވާފަ އެވެ.










