ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
18 އޯގަސްޓު 2026 | އަންގާރަ 05:39މި ހަމަލާގައި އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނޭ. އަދި އުޅަނދުގައި ތިބި ބާކީ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޮމާންގެ ކޯސްޓްގާޑް އިން މިހާރު ކުރަމުންދާ ކަމަށް ޔޫކޭއެމްޓީއޯ އިން ވަނީ ބުނެފައި


ހުރްމުޒް ކަނޑު އޮޅި ހިމެނޭ ސަރަހައްދުގައި އޮތް އުޅަނދަކަށް ދިން ހަމަލާއެއްގެ ފޮޓޯއެއް. ފައިލް | ރޮއިޓާސް
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ގޮތް ނޭނގޭ އެއްޗަކުން ހަމަލާދީ، އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި އެވެ.
ޔޫކޭއެމްޓީއޯ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ އުޅަނދު ހުރްމުޒް ކަނޑު އޮޅިން ބޭރަށް ދަތުރު ކުރަމުން ދަނިކޮށެވެ. އުޅަނދުގެ ސެކިއުރިޓީ އޮފިސަރާ ހަވާލާދީ އެ އިދާރާ އިން ބުނީ، ކޮން އެއްޗެއްކަން ނޭނގޭ އެއްޗަކުން ދިން މި ހަމަލާ އަމާޒުވުމުގެ ސަބަބުން އުޅަނދުގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހަމަލާގައި އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި އުޅަނދުގައި ތިބި ބާކީ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޮމާންގެ ކޯސްޓްގާޑް އިން މިހާރު ކުރަމުންދާ ކަމަށް ޔޫކޭއެމްޓީއޯ އިން ވަނީ ބުނެފައި އެވެ.
މި ހާދިސާއާ ގުޅިގެން ތިމާވެއްޓަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. މި ހަމަލާ ދީފައިވަނީ ކޮން ބައެއްކަން ދެނެގަތުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދު ފަހަރަކުން ވެސް ސަމާލުވުމަށް ޔޫކޭއެމްޓީއޯ އިން ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ދަތުރުގެ ތެރޭގައި އެއްވެސް ކަހަލަ ޝައްކު ކުރެވޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށް ވެސް އެ އިދާރާ އިން ވަނީ އުޅަނދު ފަހަރަށް އަންގާފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










