އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
17 އޯގަސްޓު 2026 | ހޯމަ 02:47އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތާ މެދު އެމެރިކާގެ އޮފިޝަލުން މަޝްވަރާ ކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރު މާޖަރީ ޓޭލަރ ގްރީން ތުހުމަތު ކުރައްވައިފި. މިފަދަ ފިޔަވަޅެއްގެ ސަބަބުން ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވާއިރު، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ޕެންޓަގަނުން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައި

މެދުއިރުމަތީގައި އެމެރިކާ އިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް" (ސީވީއެން 77) އަރަބި ކަނޑުގައި ދަތުރުކުރަމުންދާއިރު، އެ މަނަވަރުގެ ފްލައިޓް ޑެކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އުދުއްސާލަނީ | ސެންޓްކޮމް
ވޮޝިންގޓަނުން އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރު މާޖަރީ ޓޭލަރ ގްރީން ތުހުމަތު ކުރެއްވި ގޮތުގައި، މަސްތަކަކަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތާ މެދު ވޮޝިންގޓަނުގެ އޮފިޝަލުން ދަނީ މަޝްވަރާ ކުރަމުންނެވެ.
ކުރިން "މާގާ" (MAGA) ހަރަކާތުގެ އިސް ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ގްރީން މި ތުހުމަތުތައް ކުރެއްވީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައާ މެދު ސްޓްރެޓީޖީ ބައްދަލުވުންތަކުގައި ވާހަކަދެކެވިފައިވެ އެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައި ބައިވެރިވީ ކޮން ބައެއްކަން ނުވަތަ އެކަމުގެ ހެކި އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
"ސްޓްރެޓީޖީ ބައްދަލުވުންތަކުގައި އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ބެހޭގޮތުން އެމީހުން ދަނީ މަޝްވަރާ ކުރަމުން،" ގްރީން ލިޔުއްވާފައިވެ އެވެ. "މިއީ އަޅުގަނޑު އަމިއްލައަށް އަންދާޒާކޮށްގެން ދައްކާ ވާހަކައެއް ނޫން، އަޅުގަނޑަށް މިކަން އެނގޭ. މިއީ ހަމަ ސީދާ ނުބައިކަމެއް."
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިން ކާމިޔާބު ލިބިއްޖެ ކަމަށް ތަކުރާރުކޮށް އިއުލާނު ކުރައްވަމުން ގެންދެވި ނަމަވެސް، ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ވޮޝިންގޓަނުން ވިސްނަމުންދާ ކަމަށް ގްރީން ތުހުމަތު ކުރެއްވިއެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި މިފަދަ ފިޔަވަޅެއްގެ ސަބަބުން "ނިއުކްލިއަރ ގަތުލުއާންމެއް" ހިނގައި، މުޅި ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.
މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ވައިޓް ހައުސްއިން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ މައްސަލައިގައި ގްރީން ދަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެ ސަބަބުން، ކުރިން އޭނާ ގާތް ގުޅުމެއް ބޭއްވި ސިޔާސީ ހަރަކާތާ މިހާރު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
ގްރީން މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، މި ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ވޮޝިންގޓަނުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. ވޮޝިންގޓަން ޕޯސްޓުން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ދަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. އަދި އީރާނުގެ ފައްކާކުރި ޔުރޭނިއަމް އަތުލައިގަތުމަށްޓަކައި އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ހިންގުމާ މެދު ޕެންޓަގަނުން ދިރާސާކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އީރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ނަމަވެސް، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ހިންގާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުންނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން ވަނީ ބުނެފަ އެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަމާޒުތަކަށް ހަމަލާދީފަ އެވެ. އަދި އޭގެ ފަހުން ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުންވެސް އެ ގައުމުން ވަނީ ހަނިކޮށްފަ އެވެ.
ވޮޝިންގޓަނާއި އިސްރާއީލުން ދަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުން އެއްކޮށް ހުއްޓާލުމަށާއި، މިހާރު ހުރި ޔުރޭނިއަމްގެ ރައްކާކޮށްފައިވާ މިންވަރު ނައްތާލުމަށް ބާރުއަޅަމުންނެވެ.
ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެކެވެ. އަދި ޔުރޭނިއަމް ފައްކާކުރުމަކީ އެ ގައުމަށް ލިބިގެންވާ ސިޔާދަތީ ހައްގެކެވެ. ހަމައެއާއެކު، އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ، ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށް އިންޒާރު ދެމުން، ނިއުކްލިއާ ބޮމެއް އުފެއްދުމަށް އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.










