އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
16 އޯގަސްޓު 2026 | އާދީއްތަ 14:17އީރާނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ބަދަލު ގެނެސް، އެމެރިކާގެ އިގްތިސާދަށްޓަކައި ތެލުގެ އަގު ހިފެހެއްޓުމަށް ޓްރަމްޕްގެ ސަރުކާރުން މިހާރު އިސްކަންދޭން ވަނީ ފަށާފައި. މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ވެރިކަން ބަދަލުކުރުން ފަދަ ކުރީގެ ވަރުގަދަ އަމާޒުތަކުން ދުރަށްޖެހި، ހަނގުރާމަ ނިންމާލުމަށްޓަކައި ގެނައި ބޮޑު ބަދަލެއްކަމަށް ބެލެވޭ

ވޮޝިންގޓަން ޑީސީގެ ވައިޓް ހައުސްގެ އީސްޓް ރޫމުގައި 2026 ޖުލައި 16 ވަނަ ދުވަހު ގައުމާ މުޚާތަބު ކުރެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސްއަށް އިޝާރާތް ކުރައްވަނީ | ގެޓީ އިމޭޖަސް
އީރާނާއެކު ކުރަމުންދާ ހަނގުރާމައިން މިންޖުވުމަށްޓަކައި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ ޓީމުން ކުރިން ކަނޑައަޅާފައިވާ ވަރުގަދަ އަދި ހަރުކަށި އަމާޒުތަކެވެ.
މި އަމާޒުތަކުގެ ތެރޭގައި އީރާނުން ފުރިހަމައަށް އަމާންދިނުމާއި، އެ ގައުމުގެ ވެރިކަން ބަދަލުކުރުމާއި، އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުމުގެ އިތުރުން، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހިޒްބުالله ފަދަ އީރާނުގެ މަދަދުލިބޭ ޖަމާއަތްތަކަށް ތެހެރާނުން ދޭ އެހީތެރިކަން ހުއްޓުވުން ހިމެނެ އެވެ.
ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، ކުރިން ކަނޑައެޅި އަމާޒުތަކުގެ ލިސްޓަށް ވަނީ ފާހަގަކުރެވޭ ފަދަ ބަދަލުތަކެއް އައިސް، ބައެއް ކަންކަން އުނިކޮށްފަ އެވެ. އަދި ނައިބު ރައީސް ޖޭޑީ ވޭންސް ދާދިފަހުން ވަނީ ކުއްލި ގޮތަކަށް މި އަމާޒުތައް އިތުރަށް ކުޑަކުރައްވާފަ އެވެ. މިއީ ކުރިން އުންމީދުކުރި ވަރަށް ވުރެ މާ ކުޑަ މިންވަރަކުން ސަރުކާރުން މައްސަލަ ހައްލުކުރަން ތައްޔާރުވަމުންދާކަމުގެ އެންމެ ފަހުގެ ނިޝާނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފޮކްސް ނިއުސްގައި ވާހަކަދައްކަވަމުން، މި ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ގޮތާ ބެހޭގޮތުން ވޭންސްއާ ސުވާލުކުރުމުން، އޭނާ ވަނީ ދެ އަމާޒެއް ފާހަގަކުރައްވާފަ އެވެ.
"އެންމެ ފުރަތަމަ ކަމަކީ، ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ ތެލާއި ގޭސް ގަލްފުގެ ގައުމުތަކުން މެދުނުކެނޑި ފޯރުކޮށްދޭނެކަން ކަށަވަރުކޮށް، ހަކަތައިގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުން،" ވޭންސް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ތެލާއި ގޭސް އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަކީ އެންމެ އިސް އަމާޒު ކަމަށެވެ.
"ދެން އޮތް ދެވަނަ އަމާޒަކީ، އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުން،" ވޭންސް ވިދާޅުވި އެވެ.
މިއީ މީގެކުރިން ސަރުކާރުން ގެންގުޅުނު އަމާޒުތަކެއް ނޫނެވެ. އަދި ވޭންސް މި ކަންކަން ތަރުތީބުކުރެއްވި ގޮތުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ.
ވޭންސްގެ ވާހަކަތަކާ ގުޅިގެން ހުކުރު ދުވަހު ސުވާލުކުރުމުން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އެ ދެ އަމާޒަކީވެސް ރައީސަށް އެއްވަރަކަށް މުހިންމު ދެ ކަންތައް ކަމަށެވެ.
ނަމަވެސް، ސަރުކާރުން މީގެކުރިން އަބަދުވެސް ބުނަމުންދިޔައީ އެންމެ މުހިންމު ކަމަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުން ކަމަށެވެ.
ސަރުކާރުގެ ނަޒަރުގައި މި ދެ އަމާޒު އެއްވަރު ކަމަށް ބެލިޔަސް، އެހެން ކަންކަން ދޫކޮށްލުމަށްފަހު ތެލާއި ގޭހުގެ އަގު ހިމެނުމަކީ ސިޔާސަތަށް އައި ފާހަގަކުރެވޭ ބޮޑު ބަދަލެކެވެ.
ހަގީގަތުގައި، މިދިޔަ މޭ މަހު ރައީސް ޓްރަމްޕް ވަނީ މިއީ އަމާޒެއް ނޫން ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ. ހަނގުރާމަ ހައްލުކުރުމުގައި އެމެރިކާ ރައްޔިތުންގެ މާލީ ހާލަތަށް ރިއާޔަތްކުރައްވަންތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ "ކުޑަކޮށްވެސް ނުބަލަން" ކަމަށެވެ. އޭނާ އޭރު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ނައްތާލުމަކީ އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމު ކަމެއް ކަމަށެވެ.
(މިދިޔަ ހުކުރު ދުވަހުވެސް ޓްރަމްޕް ވަނީ އެ ވާހަކަ ތަކުރާރުކުރައްވާފައެވެ. އީރާނުގެ މައްސަލައިގެ ނުރައްކާތެރިކަން އޮތް މިންވަރުން، ތެލުގެ އަގު ކުޑަކޮށް ބޮޑުވިޔަސް އެކަމަށް "ދުވަހަކުވެސް މާފަށް ނޭދޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.)
މިދިޔަ މާޗް މަހާ ހަމަ އަށް ފަހަތައް ޖެހިލާއިރު، އެމެރިކާ ސަރުކާރުން ހަނގުރާމައާ ގުޅޭ ހަތަރު އަމާޒެއް ތަކުރާރުކޮށް ފާހަގަކުރެ އެވެ. ނަމަވެސް، ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުން އެ ހަތަރު އަމާޒު ދިޔައީ ތަފާތުވަމުންނެވެ.
ބައެއް ލިސްޓުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑުކުރުން ހުއްޓުވުން ހިމެނޭއިރު، އަނެއްބައި ލިސްޓުތަކުގައި އެކަން ނޯވެ އެވެ. ބައެއް ބޭފުޅުން އީރާނުގެ މިސައިލް އޮނިގަނޑު ހަލާކުކޮށްލުމުގެ ވާހަކަ ދައްކަވާއިރު، އަނެއްބައި ބޭފުޅުން އެކަން އުނިކުރައްވަ އެވެ. އަދި އީރާނުގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ނައްތާލުމުގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވާއިރު، އަނެއްބައި ބޭފުޅުން ފާހަގަކުރައްވަނީ ހަމައެކަނި ކަނޑުގެ ސިފައިންގެ ވާހަކަ އެވެ.
މިއީ ސަރުކާރުން ވަގުތުން ވަގުތަށް އަމާޒުތައް ބަދަލުކުރަމުންދާ ކަމުގެ ހެކިތަކެކެވެ.
ނަމަވެސް، މި ހުރިހާ ލިސްޓެއްގައިވެސް އެމެރިކާގައި ތެލާއި ގޭހުގެ އަގު ހެޔޮކޮށް ބެހެއްޓުމުގެ ވާހަކައެއް ކުރިއަކުން ނެތެވެ.
ހަނގުރާމަ ފެށުމުގެ ކުރިންވެސް ހުރްމުޒް ކަނޑުއޮޅި އޮތީ ހުޅުވާލެވިފައި ކަމުން، ތެލުގެ އަގު ހިފެހެއްޓުމުގެ އަމާޒަކީ ހަމައެކަނި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަވުން ކަމަށް ބެލެވިދާނެ އެވެ. އެހެންކަމުން، އާ ކާމިޔާބީއެއްގެ ގޮތުގައި ފެންނަން އޮތީ ހަމައެކަނި ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ އަމާޒެވެ.
ހަގީގަތުގައި، ތެލުގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ބައެއް ބޭފުޅުން މިހާރު ދެއްވާ އިސްކަމަކީ، ޓްރަމްޕްގެ ކުރީގެ އަމާޒުތަކާ ގާތްވެސް ނުވާ ފަދަ އާދައިގެ ނަތީޖާއަކުން ހަނގުރާމަ ނިންމާލުމަށް ތައްޔާރުވަމުންދާކަމުގެ ހެއްކެކެވެ.
މޭ މަހާ ހަމައަށް އައިއިރު، ސަރުކާރުން ބައެއް އަމާޒުތަކަށް އިސްކަންދިނުން ހުއްޓާލާފައިވާކަން ވަނީ ސާފުވެފަ އެވެ.
ޖޫން މަހުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން އީރާނާއެކު ވެފައިވާ އެއްބަސްވުމުގައި، ކުރިން އެމެރިކާއިން އެންމެ މުހިންމު ކަމަށް ބުނި ކަންކަމުގެ ވާހަކަ އޮތީ ވަރަށް ކުޑަކޮށެވެ.
އަދި ފާއިތުވި ދެ މަހެއްހާ ދުވަހު ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަތަކުން ދޭހަވަނީ، ނިއުކްލިއާ މައްސަލައިގައި ގެންގުޅޭ ހަރުކަށި ޝަރުތުތައް ލުއިކުރަން އުޅޭ ކަމެވެ.
އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް ހަވާލުކުރަން ޖެހޭނެ ކަމަށް ކުރިން ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިހާރު ޓްރަމްޕް ވިދާޅުވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށާއި، އެ ތަކެތި ހުރީ ބިމުގެ ވަރަށް އަޑީގައި ކަމުން އެއާ ހަމައަށް ނުދެވޭނެ ކަމަށެވެ. އަދި އީރާނުން އެ ތަކެތި ނަގަން މަސައްކަތް ކުރޭތޯ އެމެރިކާއަށް ފަޒާގެ ޒަރީއާއިން ބެލޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އީރާނަކީ މިހާރުވެސް ނިއުކްލިއާ ހަތިޔާރު ނެތް ގައުމެއް ކަމަށްވެސް ޓްރަމްޕް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
މި ހުރިހާ ވާހަކައަކުން ދޭހަވަނީ، އީރާނަށް މަޖުބޫރުކޮށްގެން ވަރުގަދަ ނިއުކްލިއާ އެއްބަސްވުމަކަށް ނުގެނެވޭނެކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާ ކަމެވެ.
ޓްރަމްޕް އެހެން ވިދާޅުނުވި ނަމަވެސް، ސަރުކާރުން ހަކަތައިގެ އަގުތަކަކީ "އެންމެ އިސް އަމާޒު" ކަމަށް ބުނުމަކީ، ކުރިން ކަނޑައެޅި ހަރުކަށި އަމާޒުތަކާ ދުރަށް ޖެހެމުންދާކަމުގެ ހެއްކެކެވެ.
މިހާރުގެ "އެންމެ އިސް އަމާޒަކީ" ހަމައެކަނި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަވުން ކަމަށްވާނަމަ، މިއީ މި ހަނގުރާމައިން ހާސިލުކުރެވުނު ކަމެއް ނެތްކަން ހާމަވާ ކަމެކެވެ.









