ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
16 އޯގަސްޓު 2026 | އާދީއްތަ 12:11ގަތަރުގެ ސަރަހައްދީ ކަނޑުގެ ތެރެއިން އީރާނުގެ ތިން ޕައިލެޓަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް، އީރާނުގެ އަސްކަރީ ޓީމަކަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުމަށް އީރާނުން ގޮވާލައިފި. މިކަމުގައި ގަތަރުން އެއްބާރުލުން ނުދޭކަމަށް ބުނެ އީރާނުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ގަތަރު ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި. އީރާނުން މިހާރު ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ރެޑް ކްރޮސްއަށްވެސް ހުށަހަޅާފައި

ކައުސަރު އަކީ އެމެރިކާގެ ނޯތުރޮޕް އެފް-5 މަރުކާގެ ބޯޓުތަކަށް ބިނާކޮށް އީރާނުން އުފައްދާފައިވާ ހަނގުރާމަމަތީ ބޯޓެއް | އެލަމީ
ގަތަރުގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ގެއްލިފައިވާ އީރާނުގެ ތިން ޕައިލެޓުންނަށް ވީނުވީއެއް ހޯދުމަށް، އީރާނުގެ ހަގީގަތް ހޯދާ ކޮމިޓީއަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުމަށް އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ގޮވާލައްވައިފި އެވެ. މި ޕައިލެޓުން ދަތުރުކުރި ފައިޓަރު ޖެޓުތައް ވައްޓާލާފައިވަނީ މިދިޔަ މާރިޗު މަހު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއަކަށްފަހު އެނބުރި އަންނަނިކޮށެވެ.
އީރާނުގެ އާމްޑް ފޯސަސް ޖެނެރަލް ސްޓާފްގެ މިސިން-އިން-އެކްޝަން ސާޗް ކޮމިޓީގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ސައްޔިދު މުހައްމަދު ބާގިރްޒާދޭ އާދިއްތަ ދުވަހު ވިދާޅުވީ، އީރާނުގެ ޕައިލެޓުން ހައްޔަރުކޮށްފައިވާ ކަމަށް އިންކާރު ކުރުމުގެ ބަދަލުގައި، ގަތަރު ސަރުކާރުން އީރާނުގެ އެއާފޯސްގެ ހަގީގަތް ހޯދާ ޓީމަށް އެ ގައުމަށް ވަނުމުގެ ފުރުސަތު ދީ، އެކަމަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާން އެއާފޯސް (އައި.އާރް.އައި.އޭ.އެފް) ގެ މާހިރުންގެ ޓީމެއް ގަތަރަށް ގޮސް މައިދާނުގައި ތަހުގީގު ހިންގުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދާތާ މިހާރު މަސްތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކެރޭ، ހިތްވަރުގަދަ ޕައިލެޓުން އަނބުރާ ގައުމަށް ގެނައުމުގެ ތައްޔާރީތައް މިހާތަނަށް ކުރެވިފައި ނުވަނީ ގަތަރުގެ އޮފިޝަލުން އެކަމަށް ދެކޮޅު ހައްދައި، އެއްބާރުލުން ނުދޭތީ،" ބާގިރްޒާދޭ ވިދާޅުވި އެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު އިތުރަށް ވިދާޅުވީ، ހަގީގަތް ހާމަވިޔަނުދީ ހުރަސްއެޅުމުގެ ބަދަލުގައި، އީރާނުގެ އެއާފޯސްގެ ތަހުގީގީ ޓީމަށް ދޯހާއަށް ދިއުމުގެ ހުއްދަ ގަތަރު ސަރުކާރުން ދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ފައިޓަރު ޖެޓުތަކުގެ ޕައިލެޓުންގެ މައްސަލަ ބަލައިދިނުމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އަށް އޭނާ ވަނީ އަނެއްކާވެސް ގޮވާލައްވާފަ އެވެ.
ބާގިރްޒާދޭ ފާހަގަކުރެއްވި ގޮތުގައި، ކުވެއިތު ސަރުކާރުންވެސް ގެންގުޅެނީ ގަތަރާ އެއްގޮތް ސިޔާސަތެކެވެ. އެގޮތުން އެ ގައުމުގައި ހައްޔަރުކޮށްފައިވާ އީރާނުގެ ހަތަރު މީހަކަށް ވީނުވީއެއްގެ އެއްވެސް މައުލޫމާތެއް ދިނުމަށް ކުވެއިތުން ދަނީ އިންކާރު ކުރަމުންނެވެ.
ހޮނިހިރު ދުވަހު ބާގިރްޒާދޭ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދާދިފަހުން ދިން އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އީރާނުގެ ތިން ޕައިލެޓުން ކަމަށްވާ ޖަވާދު ސާލިހީ އާއި، އަބްދުލްމަޖީދު ދަޝްތިއާން އަދި އުމްރާން ބެހްރަވޭޝިއަން ދިރިތިއްބާ ގަތަރުގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ އައި.ސީ.އާރް.ސީ ގެ ރައީސާ މިރްޖާނާ ސްޕޮލްޖަރިކް އަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ބާގިރްޒާދޭ ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތަކަކީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ފޮނުވާލި ހަމަލާތަކެކެވެ. މީގެ ރައްދުގައި މާރިޗު 2 ވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާގެ ސުކޯއި އެސް.ޔޫ-24 މަރުކާގެ ދެ ފައިޓަރު ޖެޓު އަސްކަރީ މިޝަނެއްގައި ގަތަރަށް ދަތުރުކުރި އެވެ.
އެ ފައިޓަރު ޖެޓުތައް އެނބުރި އަންނަނިކޮށް "ދުޝްމަނުންގެ އެއާ ޑިފެންސް" ހަމަލާތަކެއް އަމާޒުވި ކަމަށާއި، އެއާއެކު ޕައިލެޓުން ޖެޓުން ފުންމާލި ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެޓުތަކުގައި ތިބި އީރާނުގެ ހަތަރު ޕައިލެޓުންގެ ތެރެއިން އެކަކު މަރުވިއިރު، ބާކީ ތިބި ތިން ޕައިލެޓުން ގަތަރުގެ ސިފައިން ވަނީ ދިރިތިއްބާ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާގައި މަރުވި އީރާނުގެ ޕައިލެޓް މަޖީދު ކާޒިމީގެ ހަށިގަނޑު އީރާނަށް ގެންގޮސް، ޖުލައި މަހުގެ ފަހުކޮޅު ދެކުނުގެ ސިޓީއެއް ކަމަށްވާ ޝީރާޒްގައި ވަނީ ވަޅުލާފަ އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ފަހުން ވަނީ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކަތަކެއް ދެއްކުމުން ދޯހާ އިން ހައިރާންވާ ކަމަށެވެ.










