ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
14 އޯގަސްޓު 2026 | ހުކުރު 15:45އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގުލައި، ހަތިޔާރުގެ ރިޒާވް ހުސްވުމާއި ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގެ ސަބަބުން ރައީސް ޓްރަމްޕަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި ހަނގުރާމައަށް އޮތް އާންމުންގެ ތާއީދު ކުޑަވެ، ކުރިއަށް އޮތް އިންތިޚާބުގައި ސިޔާސީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ ސަރުކާރުގެ އިސްވެރިންނާއި ޓްރަމްޕްގެ އެކުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ވޮޝިންގޓަން ޑީސީގެ ވައިޓް ހައުސްގައި 2026 ފެބުރުވަރީ 20 ގައިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ހަނގުރާމައިގައި ކުރިމަތިވަމުންދަނީ ނާކާމިޔާބީތަކެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީ، އިގްތިސާދީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރި ނަމަވެސް، ޓްރަމްޕްގެ ޝަރުތުތަކަށް ބޯލަނބަންޖެހޭ ކަމަކަށް އީރާނަކުން ނުދެކެއެވެ. އަދި އީރާނަށް ފައިދާވާނެ ފަދަ ގޮތްތަކަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކެއް ގާއިމުކުރެވުނު ނަމަވެސް، ތެހެރާނުން އެ ކަންކަމަށް އަމަލެއް ނުކުރެ އެވެ.
ނަމަވެސް، މި ހަނގުރާމައާ ގުޅިގެން ޓްރަމްޕަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް މިހާރު ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ހަނގުރާމައިގެ މައިދާނާއި މަޝްވަރާގެ މޭޒުން ބޭރުގައި ހުރި މައްސަލަތަކެވެ.
ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމަށް ބަލާއިރު:
- އީރާނުން ދީފާނެ ހަމަލާއެއްގެ ބިރަށްޓަކައި، ތުރުކީގައި ހުންނަވަނިކޮށް ޓްރަމްޕް ސިއްރުން މަތިންދާބޯޓު ބަދަލުކުރެއްވި ކަމަށް ދާދިފަހުން ފެންމަތިވި ރިޕޯޓްތަކާ ގުޅިގެން، ސަރުކާރުގެ މުވައްޒަފުންނާއި މީޑިއާ "މަޅިއެއްގެ" ގޮތުގައި ބޭނުންކުރި ކަމުގެ ސުވާލުތައް ދަނީ އުފެދެމުންނެވެ. މިކަން ހާމަވުމާއެކު، އީރާނުގެ ގާބިލުކަން ކުޑަވެފައިވާ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކުގެ އިތުބާރު ގެއްލި، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވެސް ދަނީ ޓްރަމްޕަށް މަލާމާތް ކުރަމުންނެވެ.
- ހަނގުރާމަ ފެށުމުގެ ކުރިން ވެސް ޓްރަމްޕަށް އިންޒާރު ދީފައިވާ ފަދައިން، އެމެރިކާގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވަމުންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.
- ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކުވެރިން ހަނގުރާމައާ މެދު ފޫހިވެ، ހަނގުރާމަ ހުއްޓާލާނެ މަގެއް ހޯދުމަށް ނުވަތަ އެކަމަށް ބާރުއަޅަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.
- ހަނގުރާމައަށް އެހީތެރިވުމަށް އާދަޔާ ހިލާފަށް ދިގު މުއްދަތަކަށް ފޮނުވާފައިވާ 'ޔޫއެސްއެސް އެބްރަހަމް ލިންކަން' މަނަވަރުގައި ތިބި ސިފައިންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ނަފްސާނީ ދުޅަހެޔޮކަން ގެއްލެމުންދާ ކަމުގެ ރިޕޯޓްތައް މިހާރު ދަނީ އިތުރުވަމުންނެވެ. ސީއެންއެންއިން ބުރާސްފަތި ދުވަހު ރިޕޯޓްކުރި ގޮތުގައި، ލައިފް ޖެކެޓެއް އަޅައިގެން ހުރި ފަޅުވެރިއަކު މަނަވަރުން ކަނޑަށް ފުންމާލާފައިވާއިރު، އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ނޭވީން އެކަން ބަލަނީ "ނަފްސާނީ ސިއްހަތާ" ގުޅުންހުރި ހާދިސާއެއްގެ ގޮތުގަ އެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރު، އީރާނުން ދަނީ ކުރިއަށްވުރެ ބޮޑަށް ކެރިގެން ކުރިމަތިލައި، އެމީހުންގެ ޝަރުތުތައް ވަރުގަދަކުރަމުންނެވެ. އެއީ އެމީހުންގެ ބާރު ގަދަވަމުންދާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެދާނެ އެވެ.
މި ދެންނެވި ހުރިހާ ކަމަކީ ވެސް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕަށް އޮތް ގާބިލުކަމަށް ހުރަސްއެޅޭނެ ކަންކަމެވެ. ހަވަނަ މަހަކަށް އަޅާފައިވާ މި ހަނގުރާމައިގެ ބޭނުމަކީ ކޮބައިކަން އެމެރިކާގެ ރައްޔިތުންނަށް ދުވަހަކުވެސް ގަބޫލުކުރެވިފައި ނުވާއިރު، މި އާ ކުރިއެރުންތަކުގެ ސަބަބުން ހަނގުރާމައިގެ ބުރަ އިތުރަށް ބޮޑުވެގެންދެ އެވެ. ވަގުތުގެ ފިއްތުންތައް ކުރިމަތިނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ގުޅިގެން އެމަނިކުފާނުގެ ޕާޓީގެ ބައެއް ބޭފުޅުން އެކަމާ ދެބަސްވެ އެވެ.
ޚާއްޞަކޮށް މަތިންދާބޯޓު ބަދަލުކުރި ހާދިސާގެ ސަބަބުން، މިހާރުވެސް އާންމުންގެ ތާއީދު ނެތް މި ހަނގުރާމައިގެ ތެރެއަށް ބޮޑު ފަޟީހަތެއް އިތުރުވުމުގެ ބިރު އެބައޮތެވެ. އަދި އެންމެ މުހިންމު ކަމަކީ، އީރާނުގެ އަސްކަރީ ބާރު ކަނޑުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމުގެ އިތުބާރު މިކަމުގެ ސަބަބުން ގެއްލިގެންދިއުމެވެ.
މިދިޔަ މަހު ތުރުކީން ފުރާވަޑައިގަތުމަށްޓަކައި 'އެއާ ފޯސް ވަން' މަތިންދާބޯޓުން ރައީސް ސިއްރުން ބާލަންޖެހޭ މިންވަރަށް އީރާނުގެ ނުރައްކާ ބޮޑު ކަމަށް ޓްރަމްޕް ސަރުކާރުން ބިރުގަތްކަން މި ހަފްތާގައި ވަނީ އެނގިފަ އެވެ. (ސީއެންއެންއިން ބުދަ ދުވަހު ރިޕޯޓްކުރި ގޮތުގައި އެ ނުރައްކަލަކީ ކޮނޑުމަތީގައި ފޮނުވާލާ މިސައިލެއްގެ ބިރެވެ.)
ހަތިޔާރުގެ ރަސްމީ ރިޒާވްގެ މައްސަލައަކީ މާކުރިން ފެށިގެން އޮތް ބޮޑު ބިރެކެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން އާއި އެހެނިހެން އަސްކަރީ ލީޑަރުން، ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ހަތިޔާރުގެ ރިޒާވަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޓްރަމްޕަށް ދެއްވި ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޓްރަމްޕް ހީކުރެއްވީ ހަތަރު ހަފްތާއާއި ހަ ހަފްތާއާ ދެމެދުގެ ކުރު ހަނގުރާމައަކަށް ވާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ސީއެންއެން ހިމެނޭހެން އެކި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޖެނެރަލް ކޭންގެ އިންޒާރުތަކަކީ ހަގީގަތެއްކަން މިހާރު ދަނީ ސާބިތުވަމުންނެވެ. އަދި މުހިންމު ހަތިޔާރުތައް ވަނީ ވަރަށް ބޮޑަށް ހުސްވެފަ އެވެ. އެގޮތުން މިސައިލް ދިފާއީ ނިޒާމެއް ކަމަށްވާ 'ތާޑް' (THAAD) އަށް ބޭނުންވާ އިންޓަސެޕްޓަރުތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބޭނުންކޮށް ހުސްކޮށްފަ އެވެ.
އީރާނުގައި ކުރަންޖެހޭ މަސައްކަތް ނިންމާލުމަށް ބޭނުންވާ ވަރަށް ހަތިޔާރު އެބަހުރި ކަމަށް ޓްރަމްޕް ސަރުކާރުން ބުނެ އެވެ. ނަމަވެސް، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މުހިންމު ހަތިޔާރުތައް ހުސްވެ، ގައުމުގެ ރައްކާތެރިކަން ގެއްލި، ނުވަތަ ޗައިނާ ފަދަ ވާދަވެރި ގައުމަކުން ތައިވާނަށް އަރައިގަތުމަށް ހިތްވަރު ލިބިދާނެތޯ ކުރެވޭ ސުވާލަށް އެމަނިކުފާނުގެ ސަރުކާރުން ޖަވާބެއް ނުދެ އެވެ.
މިއީ ސަރުކާރުގެ އޮފިޝަލުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މިއީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ޓްރަމްޕަށް އޮތް ގާބިލުކަމަށް މިހާރުވެސް ހުރަސްއެޅެމުންދާ ކަމެއްގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އެންމެ ބޮޑު ސުވާލަކީ، ހަތިޔާރުގެ މައްސަލަ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމަށް އަސްކަރީ ނުވަތަ ސަރުކާރުގެ އޮފިޝަލުން ދެކޭ ހާލަތެއްގައި، ޓްރަމްޕް އެކަން ގަބޫލުކުރައްވާނެތޯ ކުރެވޭ ސުވާލެވެ.
ސީއެންއެންއިން މިދިޔަ ހަފްތާގައި ރިޕޯޓްކުރި ގޮތުގައި، ޖެނެރަލް ކޭން ވަނީ ޓްރަމްޕްގެ އެހެން އިސް މުޝީރުންނަށް ސިއްރުން މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓާލާނެ މަގެއް ސަރުކާރުން ހޯދަންޖެހޭ ކަމަށާއި، ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ހުރި އަސްކަރީ ގޮތްތަކުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށެވެ. އަދި ހަމައެކަނި ވައިގެ ބާރު ބޭނުންކޮށްގެން ޓްރަމްޕް ބޭނުންވާ މަގްސަދުތައް ހާސިލުވުމަކީ ނާދިރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ވަފާތެރި އެކުވެރިން ވެސް ދަނީ މި ހަނގުރާމައިގެ ސަބަބުން 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ގެއްލުންވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޖިލީހުގެ ރައީސް މައިކް ޖޯންސަން ދާދިފަހުން ވިދާޅުވީ "މިކަން ނިންމާލަން އެބަޖެހޭ" ކަމަށެވެ. އަދި ފޮކްސް ނިއުސްގެ ލޯރާ އިންގްރަހަމް ބުނެފައިވަނީ "ވަގުތު ކުޑަތަންވަމުންދާ" ކަމަށެވެ. (ދަ ގާޑިއަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާންމުކޮށް ހަނގުރާމައަށް ތާއީދުކުރާ ފޮކްސް ނިއުސްއިން ވެސް މިހާރު ދަނީ އީރާނު ހަނގުރާމައާ މެދު ޝައްކު އުފައްދަމުންނެވެ.) ޓްރަމްޕާއި ހަނގުރާމައަށް ވަރަށް ބޮޑަށް ތާއީދުކުރާ ބެނީ ޖޯންސަން ފަދަ ފަރާތްތަކުން ވެސް ވަނީ މިއީ މިކަމުން ދުރަށްދާންވީ ވަގުތު ކަމަށް އިޝާރާތްކޮށްފަ އެވެ.
"ނިމުމެއް ނެތް ބޭރުގެ ހަނގުރާމަތަކަކީ އަބަދުވެސް އާންމުންގެ ތާއީދު ނެތް ކަންކަން. އެއީ އަބަދުވެސް ސިޔާސީ ގޮތުން ކުރިމަތިވާ ކެންސަރެއް،" މީގެ ދެ ހަފްތާ ކުރިން އެކްސްގައި ޖޯންސަން ލިޔެފައިވެ އެވެ. އޭނާ އިތުރަށް ބުނީ "ހަނގުރާމަ ހުއްޓާލާ. ނިންމާލާ. އަލުން އެމެރިކާއަށް ސަމާލުކަން ދީ. ތެލާއި، ކާބޯތަކެއްޗާއި، ގޭގެ އަގާއި އިމިގްރޭޝަންގެ މައްސަލަތަކަށް ބަލާ. އަހަރެމެންނަށް ކާމިޔާބު ލިބޭނީ އޭރުން،" ކަމަށެވެ.
ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ސަރުކާރަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ، ހަނގުރާމައިގައި ބައިވެރިވާ ސިފައިން ވަރުބަލިވެ، ދިރިއުޅުމުގެ ހާލަތު ދަށްވެ، ނަފްސާނީ ދުޅަހެޔޮކަން ގެއްލެމުންދިއުމެވެ.
'ސްޓާސް އެންޑް ސްޓްރައިޕްސް' އަދި 'ނޭވީ ޓައިމްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ފަޅުވެރިން މަނަވަރުން ކަނޑަށް ފުންމާލަން އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފަ އެވެ. ސީއެންއެންއިން ރިޕޯޓްކުރި ގޮތުގައި، ދާދިފަހުން ފަޅުވެރިއަކު ކަނޑަށް ފުންމާލުމުން އޭނާ ވަނީ ސަލާމަތްކޮށްފަ އެވެ.
މީގެ އިތުރުން، ލިންކަންގެ ފަޅުވެރިންގެ އާއިލާތަކުގެ ގާތްގަނޑަކަށް 200 މީހުން ވަނީ މިދިޔަ ހަފްތާގައި ސެން ޑިއޭގޯގައި ބޭއްވި ބައްދަލުވުންތަކެއްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ތަކެތި މަދުވުމާއި، ކާބޯތަކެތީގެ ދަތިކަމާއި، ފެން ތަޣައްޔަރުވުމުގެ މައްސަލަތައް ހިމެނެ އެވެ. ނޮވެމްބަރު މަހުން ފެށިގެން ލިންކަން މަނަވަރު ހަނގުރާމައިގައި ހަރަކާތްތެރިވަމުންދާއިރު، ވޭތުވެދިޔަ 200 އަށްވުރެ ގިނަ ދުވަހު އެ މަނަވަރު އެއްވެސް ބަނދަރަކަށް ކައިރިކޮށްފައެއް ނުވެ އެވެ. ކަނެކްޓިކަޓްގެ ޑިމޮކްރެޓިކް ސެނެޓަރު ރިޗަޑް ބްލޫމެންތަލް ވިދާޅުވި ގޮތުގައި، މިއީ ޒަމާނީ ތާރީޚެއްގައި މަނަވަރެއް މެދުކެނޑުމެއްނެތި ކަނޑުމަތީގައި ހޭދަކުރި އެންމެ ދިގު މުއްދަތެވެ.
އެމެރިކާގެ ނޭވީން ބުނީ "ކޮންމެ ސިފައިންގެ މީހެއްގެ ދުޅަހެޔޮކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ" ކަމަށާއި، ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމަށް ދީނީ، ސިއްހީ އަދި ނަފްސާނީ މާހިރުން ތިބޭނެ ކަމަށެވެ.
ނަމަވެސް، މި ފެންމަތިވަމުންދާ ވާހަކަތަކުން ރައީސް ޓްރަމްޕަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ބޮޑުމިން ހާމަވެ އެވެ.
ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި، ހަނގުރާމަ ކުރިއަށް ގެންދިއުމާއި އީރާނަށް އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުމަކީ އެއްވެސް ގެއްލުމެއް ނެތް ކަމެކެވެ. އެމެރިކާގެ އެއްގަމު ސިފައިން އެ ގައުމުގައި ހަރަކާތްތެރިއެއް ނުވެ އެވެ. އަދި ސިފައިން މަރުވާ ވާހަކަތަކެއް ވެސް މީޑިއާގައި މާބޮޑަކަށް ނުދެކެވެ އެވެ. މިހާތަނަށް މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އެންމެ ބޮޑު ސިޔާސީ މައްސަލައަކީ ތެލުގެ އަގު ބޮޑުވުމެވެ.
ނަމަވެސް، ހަނގުރާމަ ނިމޭނެ ކަމަށް ސަރުކާރުން ބުނި މުއްދަތަށްވުރެ އެތައް މަހެއް އިތުރުވެގެން ދިއުމާއެކު، އެހެނިހެން މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މީގެ ތެރެއިން ބައެއް ކަންކަމުގެ ސަބަބުން އަމަލީ ގޮތުން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވާއިރު، އަނެއްބައި ކަންކަމުން ދޭހަވަނީ މި ހަނގުރާމައިގެ ސަބަބުން ސަރުކާރާއި އެކުވެރިންނަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެވެ.
މި ހަނގުރާމައަކީ މިހާރުވެސް ސަރުކާރަށް ބޮޑު ބުރައަކަށް ވެފައިވާއިރު، މިޑްޓާމް އިންތިޚާބަށް ތިން މަހަށްވުރެ ކުރު މުއްދަތެއް އޮއްވައި މިފަދަ ކަންކަން ހިނގުމަކީ ޓްރަމްޕަށް ލިބޭ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.









