އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި
15 އޯގަސްޓު 2026 | ހޮނިހިރު 11:09އެމެރިކާއާއެކު މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައި. އީރާނަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް އެމެރިކާއިން އާ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާއިރު، މީގެ ކުރިން އެޅި މިފަދަ ފިޔަވަޅުތަކުން ވެސް އެމެރިކާ އިން ބޭނުންވި ނަތީޖާ ނުކުމެއްފަ އެއް ނުވޭ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (މެދުގައި)، 2026 އޮގަސްޓް 3 ވަނަ ދުވަހު އިރާގުގެ މުުގައްދަސް ރަށެއް ކަމަށްވާ ނަޖަފްގައި ހުންނަ އިމާމް އަލީގެ މަގްބަރާއަށް ޒިޔާރަތް ކުރައްވަނީ. | ގެޓީ އިމޭޖަސް
އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް އަލުން ފެށުމާމެދު އީރާނުން އަދިވެސް ވަކި ގޮތެއް ނުނިންމައި އޮތީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ އުސޫލުތަކާ ޚިލާފުވުމުގެ މައްސަލައިގައާއި ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހު ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. މިއީ އީރާނުގެ ނޫސް އިދާރާއެއް ކަމަށްވާ "ޝަހްރާރާ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައިވެސް އޭނާ ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. ގަތަރާއި ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް މެސެޖުތައް ބަދަލުކުރަމުންދާ ކަމަށާއި، އެ ގައުމުތަކުން އީރާނާ ގުޅުން ބާއްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއީ މަޝްވަރާތައް ފެށުން ނޫން ކަމަށް އަރާގްޗީ ފާހަގަކުރެއްވި އެވެ.
މިދިޔަ ޖޫން މަހު ޕާކިސްތާނުގައި ސޮއިކުރި ފަހުމުނާމާއަށްފަހު އަލުން ހަމަނުޖެހުންތައް ފެށުނީ އެމެރިކާގެ ސަބަބުން ކަމަށް ތުހުމަތުކުރައްވައި، އަރާގްޗީ ވިދާޅުވީ މި ހަމަނުޖެހުންތަކުން އަރައިގަތުމަށް އާ މަގަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅީގައި އާ ދަތުރުފަތުރުގެ މަގުތައް ގާއިމުކުރުމަށްޓަކައި އޮމާނާއެކު ފަންނީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއްވެސް އުޅަނދަކަށް އެ ސަރަހައްދުން ދަތުރުކުރެވޭނީ ސިޔާސީ ހައްލެއް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ބޭނުންކުރި މަގުތައް މިހާރު ބޭނުންކުރެވޭކަށް ނެތް، އެހެންކަމުން އާ މަގެއް ކަނޑައަޅަންޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ ވަގުތީ މަގެއް ފަރުމާކުރަމުން، މިއީ ކުރިއަށް އޮތް މަރުހަލާތަކުގައި ދާއިމީ މަގަކަށް ވެގެންދާނެ،" ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަލުން ފެށުން ބިނާވެފައިވަނީ އެމެރިކާއިން އަމަލުކުރަންޖެހޭ އެހެނިހެން ޝަރުތުތައް ފުރިހަމަކުރުމުގެ މައްޗަށް ކަމަށެވެ.
އަރާގްޗީ މިހެން ވިދާޅުވެފައިވަނީ، އީރާނު ބަލިކުރުމަށްފަހު ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއްގެ ގޮތުގައި އިއުލާނު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ދުވަހު އެވެ.
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ އެކްސްގައި ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިއަކީ އަބަދުވެސް އީރާނުގެ ތަނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެއީ އީރާނުގެ މިލްކެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. ދެ ގައުމުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މި ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ޔޫއޭއީގެ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެ ކުންފުނީގެ އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ. މިއީ ފާއިތުވި ހަފުތާތަކުގައި މިފަދަ ގޮތަކަށް ހިނގި ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.
އީރާނުގެ ވެރިކަން ވައްޓާލުމަށާއި ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ހަ މަސް ދުވަހުގެ ހަނގުރާމައަށްފަހުވެސް ކާމިޔާބު ނުވުމުން، އެމެރިކާއިން މިހާރު މިސްރާބު ޖަހާފައިވަނީ އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމަށެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި ވަރަށް އަވަހަށް އިގްތިސާދީ އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"ނިއުސްމެކްސް" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ދުނިޔެ މީގެ ކުރިން ދެކިފައި ނުވާ ފަދަ އިގްތިސާދީ އެކަހެރިކުރުމަކާއި، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްގެން އީރާނުގެ ބަނދަރުތަކަށް އެއްޗެއް ވަނަނުދީ އަދި ނުކުތަނުދީ ހިފެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އީރާނުން ސިއްރިއްޔާތުގައި ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ދައުރުކުރުމަށް ބޭނުންކުރާ މަނީ އެކްސްޗޭންޖްތަކާއި "ޝެލް" ކުންފުނިތަކުގެ ނެޓްވޯކް އުވާލުމަށް ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ އޮގަސްޓް މަހު އެމެރިކާއިން ވަނީ އިއުލާނުކޮށްފަ އެވެ.
އެ ދުވަސްވަރު ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނު ކުރައްވަމުން ބެސެންޓް ވިދާޅުވީ، އީރާނުގެ ނުރަސްމީ ބޭންކިން ނިޒާމު އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން އިނދަޖެހެމުންދާ ކަމަށާއި، ފައިސާ ދައުރުކުރާނެ މަގުތައް އެ ގައުމުގެ ސަރުކާރަށް ހުސްވަމުންދާ ކަމަށެވެ.
މިއީ އާ އުސޫލެއް ނޫނެވެ. 1979 ވަނަ އަހަރުގެ އިންގިލާބަށްފަހު، އެމެރިކާއާއި އެހެނިހެން ގައުމުތަކުން ދަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އިގްތިސާދީ ދަތިތަކުގެ ސަބަބުން އެ ގައުމުގައި ބޮޑެތި މުޒާހަރާތައް ހިނގާފައިވީ ނަމަވެސް، އޭގެ ސަބަބުން ވެރިކަމުގެ ނިޒާމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.
އެމެރިކާގެ ކުރީގެ ސަފީރު އަދި ވައިޓް ހައުސްގެ މެދުއިރުމަތީގެ ސިޔާސަތުތަކާ ބެހޭ މުޝީރު މާކް ގިންސްބާގް އަލްޖަޒީރާއަށް ވިދާޅުވީ، އެމެރިކާއިން އަބަދުވެސް އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތިކުރުވުމުގެ ސިޔާސަތު ގެންގުޅޭ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ތަފާތު ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ވައިޓް ހައުސްއަށް ސާފު ސިޔާސަތެއް އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އިގްތިސާދީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ބިރުދެއްކުމުގެ ކުޅިވަރެއް ފަދަ ކަމެއް. ދެ ގައުމު މުޑިއެރުމުގެ ކުރިން މަގުން އެއްފަރާތްވާނީ ކޮން ބައެއްތޯ ބަލަން މިތިބީ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވަނީ އީރާނު ސަރުކާރަށްވުރެ ކުރިން އެމެރިކާ ސަރުކާރުން ދޫދޭން ޖެހޭނެހެން."










