އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
14 އޯގަސްޓު 2026 | ހުކުރު 07:33ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ވޭންސް ވިދާޅުވީ، އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑު ދަނޑިއެއް ކަމަށާއި، އެއީ ހަކަތައިގެ ދާއިރާާ އިން ދުނިޔޭގެ އިޤްތިޞާދު ރަނގަޅު ކުރުމާއި، އަސްކަރީ ދާއިރާ އިން އީރާން އަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށް


އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް
އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގައި، އެ ޤައުމުން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ވޭންސް ވިދާޅުވީ، އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް ކަމަށާއި، އެއީ ހަކަތައިގެ ދާއިރާާ އިން ދުނިޔޭގެ އިޤްތިސާދު ރަނގަޅު ކުރުމާއި، އަސްކަރީ ދާއިރާ އިން އީރާން އަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.
އެގޮތުން ވޭންސް ވިދާޅުވީ ފުރަތަމަ ލަނޑުދަނޑީގެ ބޭނުމަކީ ހުރްމުޒް ކަނޑު އޮޅި ދިގު މުއްދަތަކަށް ބަންދުވެފައި އޮތުމުން ދުނިޔޭގެ އިޤްތިސާށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުން ކަމަށެވެ.
ވޭންސް ވިދާޅުވީ، ފުރަތަމަ ލަނޑުދަނޑީގެ ދަށުން ގަލްފް ޤައުމުތަކުން ދުނިޔޭގެ އިޤްތިސާދަށް ތެލާއި ގޭސް ފޯރުކޮށްދިނުން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ހޯދުމާއި، އަދި ހަކަތައިގެ އަގުތައް ރަނގަޅަށް ބެހެއްޓުން އެއީ އެމެރިކާ އިން ބޭނުންވާ ކަމެއް ކަމަށެވެ. އެމެރިކާގެ ރައްޔިތުންނަށް ތެލާއި ގޭސް ޚަރަދު ކުޑަކޮށް ލިބޭނެ ގޮތް ހަދައި ދިނުމަކީ އެންމެ ފުރަތަމަ ލަނޑުދަނޑި ކަމަށް ވޭންސް ފާހަގަ ކުރެއްވި އެވެ.
ދެވަނަ ލަނޑު ދަނޑީގެ ބޭނުމަކީ އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ކަށަވަރުކޮށް ނުދިނުން ކަމަށް ވޭންސް ވަނީ އިތުރަށް ވިދާޅުވެފައި އެވެ. މި ދެ ލަނޑު ދަނޑި އަށް ވެސް ވާސިލުވެވޭނެ ކަމުގެ ޔަޤީންކަން އޭނާ އަށް ލިބިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އީރާން އިން ކަންތައް ކުރާނެ ގޮތް ލަފާ ކުރުން ދަތި ކަމަށާއި، އެ ޤައުމުން ބައެއް ފަހަރު އެމެރިކާ އަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ވޭންސް ވިދާޅުވި އެވެ.
އީރާންއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ބާރު ބޮޑުވުމާއި ދަށްވުމާ ބެހޭ ގޮތުންނާއި، މިހާރު މަޑުޖެހިފައިވާ އެމެރިކާ-އީރާން ސުލްހައިގެ ވާހަކަތަކާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވޭންސް ވިދާޅުވީ، މި ހަނގުރާމަ ނިމޭނީ އެމެރިކާ ވަރުގަދަ ހާލަތެއްގައި އޮވެ، އީރާން އަށް ނިއުކްލިއާ ހަތިޔާރު ނުލިބި، އަދި ހުރްމުޒް ކަނޑު އޮޅި އަލުން ހުޅުވިގެން އެމެރިކާގެ ރައްޔިތުންނަށް ތެލާއި ގޭސްގެ އަގުތައް ރަނގަޅަށް ބެހެއްޓިގެން ކަމަށެވެ.
މި ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުންވާ ލަނޑު ދަނޑިތައް ވޭންސް ހާމަ ކުރެއްވުމުން، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކާއި، ހަކަތައިގެ އަގުތައް އުފުލިގެން ދިޔުމުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ތަކަށް ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










