ލުބުނާން ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ
16 އޯގަސްޓު 2026 | އާދީއްތަ 04:57އުރުދުޣާން ވިދާޅުވީ، ޓްރަމްޕްގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެ މެދުގައި ވަރަށް ގިނަ މައުޝޫއުތަކުގައި މަޝްވަރާ ކުރެވުނު ކަމަށާއި، އޭގެ ތެރޭގައި ލުބުނާންގައި ހިނގަމުން އަންނަ ހަނގުރާމަ ހިމެނޭނެ ކަމަށް. އެގޮތުން ލުބުނާާންގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާާ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަން، ޓްރަމްޕް އަށް ސާފުކޮށް ދަންނަވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވި


ތުރުކީގެ ރައީސް އުރުދުޣާން އާއި އެމެރިކާގެ ރައީސް ޓްރަމްޕް | ގެޓީ އިމޭޖަސް
ލުބުނާންގައި ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އަލް ޖަޒީރާ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި އުރުދުޣާން ވިދާޅުވީ، ތުރުކީގައި އޮތް ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓްރަމްޕް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށް ގޮވާލައްވައި ބާރު އަޅުއްވާފައިވާނެ ކަމަަށެވެ.
ލުބުނާންގައި އިސްރާއީލް އާއި ހިޒްބުﷲއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ މި ހަނގުރާމަ ނިންމުމަށް ގޮވާލަމުންނެވެ.
އުރުދުޣާން ވިދާޅުވީ، ޓްރަމްޕްގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެ މެދުގައި ވަރަށް ގިނަ މައުޝޫއު ތަކުގައި މަޝްވަރާ ކުރެވުނު ކަމަށާއި، އޭގެ ތެރޭގައި ލުބުނާންގައި ހިނގަމުން އަންނަ ހަނގުރާމަ ހިމެނޭނެ ކަމަށެވެ. އެގޮތުން ލުބުނާާންގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާާ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަން، ޓްރަމްޕް އަށް ސާފުކޮށް ދަންނަވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ފާހަގަ ކުރެއްވި ގޮތުގައި މެދުއިރުމަތީގެ ސަރަހައްދުގައި ހަމަޖެހުން ޤާއިމު ކުރުމަށް އެމެރިކާ އިން ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ ލުބުނާންގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާ އާއި ގެއްލުންތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ތުރުކީ އިން ވަނީ ލުބުނާންގެ ހަނގުރާމައިގައި ވަގުތީ ހުއްޓުމެއް ޤާއިމު ކުރުމަށް ކުރިން ވެސް ގޮވާލާފައި އެވެ. އަދި ހަނގުރާމައިގައި އަސަރުކުރާ ލުބުނާންގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ތުރުކީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓްރަމްޕް ތުރުކީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ތުރުކީ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ވިޔަފާރި އާއި ސަލާމަތީ ކަންކަމުގައި ދެ ޤައުމުގެ ދެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










