ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!
6 އޯގަސްޓު 2026 | ބުރާސްފަތި 08:27ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޓައީލް އެންމެ ފުރަތަމަ އެ ސަރަހައްދުން ފެނިފައި ވަނީ ހުކުރު ދުވަހު. އިއާޕީސް އަޅައިގެން ގޮލްފް ކޯހުގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅެފައިވާއިރު، އޭނާ ވަނީ ފެޑަރަލް އެޖެންޓުން ސެކިއުރިޓީގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު، އެ މީހުންގެ ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގޮލްފް ކޯހުން ހައްޔަރު ކުރި މީހާގެ އަތުން ފިސްތޯލައަކާއި ވަޒަންތަކެއް ފެނިފައިވާއިރު، އޭނާ ވަނީ އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގެ މީހެއްގެ ގޮތުގައި ހަރަކާތްތެރިވެފައިކަން ހާމަވެއްޖެ އެވެ.
ކެލަފޯނިއާ އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޖީނިން ޖޯލް ޓައީލް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ކާރުންނާއި ގެއިން ވެސް ވަނީ ޤާނޫނާ ޚިލާފު ހަތިޔާރުތަކެއް ފެނިފައި އެވެ. ބުދަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެ އަޑު އެހުން ވަނީ ބާތިލު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާާގެ އެޓާނީ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުގައި ޓައީލް ވަނީ އެމެރިކާގެ ލޮސް އެންޖަލްސްގެ މެދުތެރޭގައި ހުންނަ ޖަލުގައި ބަންދު ކޮށްފައި އެވެ. އަދި އޭނާގެ މައްޗަށް ވަނީ ސްޓޭޓް ކުށުގެ ތުހުމަތު ވެސް ކޮށްފައި އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭގަނޑުގެ ފަރިއްކޮޅަކަށް ޓްރަމްޕް ގޮލްފް ކޯހަށް ވަޑައިގެންނެވުމުގެ ކުރިންނެވެ.
ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޓައީލް އެންމެ ފުރަތަމަ އެ ސަރަހައްދުން ފެނިފައި ވަނީ ހުކުރު ދުވަހު އެވެ. އިއާޕީސް އަޅައިގެން ގޮލްފް ކޯހުގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅެފައިވާއިރު، އޭނާ ވަނީ ފެޑަރަލް އެޖެންޓުން ސެކިއުރިޓީގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު، އެ މީހުންގެ ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގައިފަ އެވެ.

ޓްރަމްޕްގެ ގޮލްފް ކުލަބުން ހައްޔަރު ކުރި މީހާގެ އަތުން ފެނުނު ހަތިޔާރު އަދި އޭނާ ހަދާފައިވާ ފޭކް ބެޖު | ސޯޝަލް މީޑިއާ
އޭގެ ފަހުން ޓައީލް ވަނީ އޭނާގެ ކާރުގައި އެ ސަރަހައްދުން ގޮސްފައި އެވެ. ނަމަވެސް، އަނެއްކާ ވެސް އޭނާ ގޮލްފް ކޯހަށް އައިސް، ފެޑަރަލް އެޖެންޓުންނާ ބައްދަލު ކުރި ކަމަށް ވެސް، ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޓައީލް ވަނީ، އޭނާ އަކީ ސްޓޭޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، ޓްރަމްޕްގެ ސެކިއުރިޓީ ތަފްސީލަށް އޭނާ އެދިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފެޑަރަލް އޮފިޝަލުން އޭނާ ހައްޔަރު ކުރުމަށް ފަހު، އޭނާގެ ކާރު ބަލައި ފާސްކުރިއިރު، ވަޒަން ލައްވާފައިވާ ހަތިޔާރު ފެނިފައިވެ އެވެ. އަދި އޭނާގެ ޖީބުން ވެސް 16 ރައުންޑް މެގަޒިނެއް ވަޒަނާއެކު ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ޓައީލް އަކީ މީގެ ކުރިން ވެސް، ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކޯޓަށް ހާޒިރު ކޮށްފައިވާ މީހެއް ކަމަށް ވެސް ވަނީ ހާމަވެފައި އެވެ.
އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާގެ ގެ ބަލައި ފާސްކޮށްފައިވާއިރު، ބުރު ބެރެލް ރައިފަލެއް ވެސް ވަނީ ފެނިފައި އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އެއީ ޤާނޫނާ ޚިލާފަށް ބަދަލު ގެނެސްފައިވާ އޭއާރް ސްޓައިލްގެ ރައިފަލެއް ކަމަށާއި، ބެރެލް 14 އިންޗީ އިން 10 އިންޗީ އަށް ކުރު ކޮށްފައިވާ ކަމަށް ވަނީ ފާހަގަވެފައި އެވެ.
ލޮސް އެންޖަލްސްގެ ކައުންޓީ ޝެރިފް ޑިޕާޓްމަންޓް އިން ބުނި ގޮތުގައި، ކުލަބުގެ ޕާކިން ސަަރަހައްދުން އޭނާގެ ޕިކަލް ޓްރަކް ބަލައި ފާާސް ކުރިއިރު، ވަޒަން ލައްވާފައިވާ ނުވަ މިލިމީޓަރުގެ ފިސްތޯލައަކާއި، ދުރުމި އަދި ސެކިއުރިޓީ ޕްރޮޓެކްޝަން އެޖެންޓް ކަމަށް ލިޔެފައިވާ ބެޖެއް ވެސް ވަނީ ފެނިފައި އެވެ.
ޓައީލް ހައްޔަރު ކޮށްފައިވާއިރު، އޭނާ މަސައްކަތް ކޮށްފައި ވަނީ ޓްރަމްޕް އަށް ހަމަލާ ދިނުމަށް ކަމަށް ވަނީ ބެލެވިފައި އެވެ.
މަސްދަރު: އޭޕީ










