ހަނގުރާމަތީ މަނަވަރު ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މެދުއިރުމައްޗަށް ދަތުރު ފަށައިފި
14 އޯގަސްޓު 2026 | ހުކުރު 02:37މެދުއިރުމަތީގައި ހަރަކާތްތެރިވާ ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި ތިބި ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ތަކެތި ފޯރުކޮށްދިނުމުގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ މަނަވަރުގެ ބަދަލުގައި ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް އެމެރިކާގެ ނޭވީން ދަނީ ކުރަމުން. މި ބަދަލު ގެންނަން ނިންމާފައިވަނީ ލިންކަން މަނަވަރު ކަނޑުމަތީގައި ރެކޯޑް މިންވަރަކަށް ދިގު މުއްދަތެއް ހޭދަކުރުމާ ގުޅިގެން ސިފައިންނަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް

ޔޫއެސްއެސް ޖޯޖް ވޮޝިންޓަން 2026 ޖުލައި 30 ވަނަ ދުވަހު ވިއެޓްނާމްގެ ޑަނަންގް ބަނދަރުގައި | ގެޓީ އިމޭޖަސް
ޕެސިފިކް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މެދުއިރުމައްޗަށް ދަތުރުކުރަން ފަށާފައިވާކަން އެމެރިކާގެ ނޭވީގެ ބަޔާންތަކުންނާއި މަނަވަރުގެ ހަރަކާތްތަކާ ގުޅޭ އާންމު މަޢުލޫމާތުތަކުން ހާމަވެއްޖެ އެވެ.
މި މަނަވަރު މެދުއިރުމައްޗަށް މި މިސްރާބުޖެހީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޔޫއެސްއެސް އެބްރަހަމް ލިންކަންގައި މަސައްކަތްކުރާ ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، މަނަވަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ޔޫއެސްއެސް އަބްރަހަމް ލިންކަން ވަނީ އެއްވެސް މެދުކެނޑުމެއް ނެތި ކަނޑުމަތީގައި 240 އަށްވުރެ ގިނަ ދުވަސް ހޭދަކޮށް، އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ނޭވީގެ ބަޔާނެއްގައިވާ ގޮތުން، ޔޫއެސްއެސް ޖޯޖް ވޮޝިންޓަން ވިއެޓްނާމްގެ ޑަނަންގް ބަނދަރުން ފުރާފައިވަނީ މިދިޔަ ހަފުތާގަ އެވެ. މި މަނަވަރާއެކު ކްރޫޒާއަކާއި ޑިސްޓްރޯޔަރެއް ސިންގަޕޫރު ކަނޑުއޮޅި ހުރަސްކުރަނިކޮށް ފެނިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މަނަވަރުތަކުގެ ހަރަކާތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު އެސޯސިއޭޓެޑް ޕްރެސް އާ ހިއްސާކުރުމަށް ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވާހަކަދެއްކެވި ނޭވީގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މިހާރު އޮތީ ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑު ގުޅުވައިދޭ މަލަކާ ކަނޑުއޮޅީގަ އެވެ. މިއާއެކު އެ މަނަވަރު މިހާރު މިސްރާބު ޖަހާފައިވަނީ އިންޑިއާ ކަނޑަށެވެ. ވޯލް ސްޓްރީޓް ޖާނަލްއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޮޝިންޓަން މަނަވަރު ފޮނުވަނީ ލިންކަން މަނަވަރުގެ ބަދަލުގަ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގައިވާ އީރާނުގެ ބަނދަރުތައް އެމެރިކާގެ ނޭވީން ބަންދުކޮށްފައިވާއިރު، ހަމަނުޖެހުންތައް އިތުރުވަމުންދާ މެދުއިރުމަތީގައި މިވަގުތު އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރު އެބައޮތެވެ. އޭގެ ތެރެއިން އެއް މަނަވަރަކީ ޔޫއެސްއެސް އަބްރަހަމް ލިންކަން އެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަން ސެން ޑިއޭގޯއިން ފުރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ފެބްރުއަރީ 28 ގައި އީރާނު ހަނގުރާމަ ފެށުމުގެ ކުރިން، ޖެނުއަރީ މަހުގެ ތެރޭގައި އެ މަނަވަރު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.
ނޭވީން އެއްބަސްވެފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި މާހައުލުގެ ސަބަބުން މެދުއިރުމަތީގައި ހުރި މުދާ ފޯރުކޮށްދޭ މަރުކަޒުތަކުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފަ އެވެ. މީގެ ސަބަބުން މަނަވަރުގައި ތަކެތި މަދުވުމާއި، ސިފައިންނަށް ލިބެންޖެހޭ ސިޓީ ފަދަ ތަކެތި ނުލިބި ގެއްލުމުގެ މައްސަލަތައް ކުރިމަތިވި ކަމަށް ނޭވީގެ ބަޔާނުގައިވެ އެވެ.
ނޭވީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަނަވަރުގެ އިސްވެރިން އެންމެ އިސްކަމެއް ދިނީ މިޝަނަށް އެންމެ މުހިންމު ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކާބޯތަކެއްޗަށް، ދެން ސާފުތާހިރުވުމަށް ބޭނުންވާ ތަކެއްޗަށް، އަދި އޭގެ ފަހުން ސިޓީ ފަދަ ތަކެއްޗަށް އިސްކަންދިން ކަމަށް ބުނެފައިވެ އެވެ. އަދި މިހާރު މަނަވަރުގައި ތިބި ސިފައިންނަށް ސާފު ބޯފެނާއި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ނޭވީން ވަނީ ދީފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ޔޫއެސްއެސް ލިންކަން މަނަވަރުގައި ކަންތައްތައް ހުރި ގޮތް ތަހުގީގުކޮށް، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ގޮވާލާ ބަޔާންތައް ނެރުއްވާފަ އެވެ.
ކަނެކްޓިކަޓްގެ ސެނެޓަރ ރިޗަޑް ބްލޫމެންތަލް ނޭވީގެ އިސްވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ލިންކަން މަނަވަރު އެ ސަރަހައްދުގައި ގިނަ ދުވަހު ބޭއްވުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ. އެއީ އީރާނާ ދެކޮޅަށް ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން، ކުރިއަށް އޮތް ދިގު މުއްދަތަކަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ބާރެއް އެ ސަރަހައްދުގައި ބޭތިއްބުމަށް ބޭނުންވެދާނެތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނޭވީގެ އިސްވެރިން، އޭގެ ތެރޭގައި އެކްޓިންގ ސެކްރެޓަރީ ހަންގް ކާއޯ ހިމެނޭހެން، މިދިޔަ ހަފުތާގައި ވަނީ ޔޫއެސްއެސް ލިންކަންގައި ތިބި ސިފައިންގެ އާއިލާތަކާ ބައްދަލުކޮށްފަ އެވެ. ނުތަނަވަސްކަން ބޮޑުވި މި ބައްދަލުވުމުގައި، ނޭވީގެ ވައިގެ އަދި ކަނޑުގެ ބާރުތަކުގެ ކޮމާންޑަރުން ވަނީ އެ މަނަވަރުގެ ސިފައިންނަށް ލުޔެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވައުދުވެފަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން އެމްއެސް ނައު އިން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހު މަނަވަރުގައި ކާބޯތަކެތި މަދުވި ކަމުގެ ރިޕޯޓްތައް ފެންމަތިވުމުން، ނޭވީން ވަނީ އެއީ "ދޮގު" ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
އެމެރިކާގެ އެހެން ބައެއް މަނަވަރުތައް ވެސް ދިގު މުއްދަތަކަށް ގާއިމުވެ ތިބުމުގެ ސަބަބުން، ސިފައިންގެ ހިތްވަރާއި ނަފްސާނީ ދުޅަހެޔޮކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެގޮތުން ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ވަނީ 11 މަސް ދުވަހުގެ ދަތުރަކަށްފަހު މެއި މަހުގެ މެދުތެރޭގައި އެނބުރި ގައުމަށް ގޮސްފަ އެވެ. މިއީ ވިއެޓްނާމް ހަނގުރާމައަށްފަހު އެމެރިކާގެ މަނަވަރަކުން ކުރި އެންމެ ދިގު ދަތުރެވެ. އެ މަނަވަރު ވަނީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައާއި، ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މަސްދަރު: ދަ އެސޯސިއޭޓެޑް ޕްރެސް










