ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
15 އޯގަސްޓު 2026 | ހޮނިހިރު 06:56އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް، މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި އެކަން އޮތް ނަމަވެސް އެކަން ކަށަވަރުކުރެވޭނެ ނިޒާމީ ބަދަހި އޮނިގަނޑެއް މިހާތަނަށް ނެތް ކަމަށް


ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދުއާ ކުރެއްވުމަށް އަތް އުފުއްލަވައިގެން | ރައީސް އޮފީސް
ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، ގައުމީ ދުވަހުގެ ތާރީޚީ ހާދިސާއާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ވަރަށް ފުރިހަމައަށް ފެންނަން އޮތްކަން ފާހަގަކުރެއްވި އެވެ. އަދި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްލާމްދީން ވަނީ ގުޅިލާމެހިފައި ކަމަށާއި އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން ގެއްލި ނުވަތަ ނުރައްކަލުގެ ތުންފަތުމައްޗަށް ވެއްޓިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، އިސްލާމްދީން ހިމާޔަތްކުރެވޭނެ ނިޒާމެއް ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް ނުހެދޭނެ ކަމަށާއި، ހެދޭ އެންމެހައި ގާނޫނުތަކާއި، އުސޫލުތަކާއި، ގަވާއިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަން ލިޔެކިޔުމުން ފެންނަން އޮތް ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ނިޒާމީ ބަދަހި އޮނިގަނޑެއް އަދި ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މިއަދު ގަސްދުކުރައްވަނީ އެކަން އެގޮތަށް އޮތް އޮތުމަށް ނިމުމެއް ގެންނެވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މިއީ މިކަން ލިޔެކިޔުމުން ފެންނަން އޮތް ގޮތް. ސުވާލަކީ އެކަމަކު މިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބައޮތްތޯ؟ އެބައޮތްތޯ ޖަވާބު؟ ވަރަށް ކުރު ނެތްރައީސް މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.











